ރިޕޯޓް

ނިބާލް: ކެރިއަރުގެ މިސްރާބު އަބަދުވެސް ދެކޭ އޮލިމްޕިކްސްގެ ހުވަފެނަށް

މުޙައްމަދު ޝަމްޢޫން

ނިބާލް އަހުމަދަކީ ރާއްޖޭގެ ބެޑްމިންޓަނަށް ކާމިޔާބު ނަމެކެވެ. ކުއްލިއަކަށް އައި ނަމެއްވެސް މެއެވެ. އަވަސްކޮށް ގައުމީ ފަންތިއަށް ގޮސް ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ނަމަވެސް މެއެވެ. އެ ލޯތްބާ އިހުތިރާމާ ހަމައަށް ނިބާލް އައީ ކުރު ދަތުރެއްގައި ނަމަވެސް، އެއީ ހޭދަވި މުއްދަތުގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ދާ އޮހޮރުވައިގެން ނެރުނު ނަތީޖާއެކެވެ. އެތަކެއް ރަނގަޅު ނިންމުންތަކެއް އާއިލާއާއެކު ނިންމިއެވެ.

ނިބާލްގެ ކެރިއަރަށް ނިންމި ކޮންމެ ނިންމުމެއް ނިންމީ، ޑިސިޕްލިންއާއެކު، ފަރުވާތެރިކަމާއެކުގައެވެ. ނަތީޖާއަކީ މިއަދު އޮލިމްޕިކްސް ސްކޯލާޝިޕަކާއެކު ނިބާލަށް ބޮޑު ހުވަފެނެއް ހަގީގަތަކަށް ހަދަން ލިބިފައިވާ ފުރުސަތެވެ.

"ފުރަތަމަ ކުޅުނީ ފުޓުބޯޅަ. 2010 ހިސާބުގައި ހަމަ ފުޓުބޯޅަ ކުޅުނީ. ދެން ކުއްލިއަކަށް ބައްޕަ ނިންމި ނިންމުމެއް އެއީ ބެޑްމިންޓަން ކުޅުމަކީ. އެ ނިންމުން ނިންމީ ކުރިން މަޖަލަށްވެސް ބެޑްމިންޓަން ކުޅެފަ ހުރީމަ. ބައްޕަ ނިންމި ނިންމުމެއް ބެޑްމިންޓަން ކުޅުމަކީ،" ނިބާލް އޭނާގެ ކެރިއަރުގެ ވާހަކަ "ވަން"އާ ހިއްސާ ކުރަމުން ފެށިއެވެ.

ފެށީ ވައިޑީޕީން، ގައުމީ އެންމެ މަތީ ފަންތިއަށް ދިޔައީ ކުޑަ ދުވަސްކޮޅަކުން

މާލެއަށް އުފަން ނިބާލް އޭރު ފުޓުބޯޅައިގެ ތެރޭގައި އުޅުނީ އެންމެ އުހަށް ދިޔުމުގެ އަމާޒުގައެއް ނޫނެވެ. ނިބާލްގެ ސްކޫލް ކަމަށްވާ އިމާދުއްދީނުގެ ބޭރުން އޭނާ ފުޓުބޯޅައިގައި ފެނިފައެއްވެސް ނުވެއެވެ. ސްކޫލުގެ ތެރެއިން ފުޓުބޯޅައަށް ދިޔަ ގޮތަށް، ބެޑްމިންޓަނަށް މިސްރާބު ހިފީވެސް ހަމަ ސްކޫލުގެ ވައިޑީޕީ ޕްރޮގްރާމެއްގެ ތެރެއިންނެވެ.

"2011 ވަނަ އަހަރު (ބެޑްމިންޓަން)ގެ ސެލެކްޝަންއަކަށް ގޮސް ނުވަ އަހަރުން ދަށުގެ މުބާރާތް ކުޅުނިން. ދެން އެ ހުރިހާ ކުދިން ތެރެއިން ލިބުނު ތިންވަނަ. އަލަށް ބައިވެރިވި ފަހަރާ ބަލާފަ ތިންވަނަ ލިބުނީމަ ކުޅޭ ހިތްވި. އުމުރުން ނުވަ އަހަރު ހިސާބުގަ ފެށިއްޖެ ބެޑްމިންޓަން. މުބާރާތް ނިންމިއިރު ކުޅޭ ހިތްވެފަ ހުރީމަ ވައިޑީޕީއަށް ގޮސް ބެޑްމިންޓަން ތެރެއަށް ވަނީ،" ނިބާލް ބުންޏެވެ.

އެހިސާބުން ބެޑްމިންޓަނުގެ ގައުމީ ފަންތިއަށް ނުކުންނަން، އިންޓަ ސްކޫލްތަކުގައި ކުޅުނު ނަމަވެސް ދެތިން އަހަރެއް ދުއްވާލީ ކާމިޔާބީއެއް ނުހޯދިއެވެ. އެންމެ ފުރަތަމަ ކާމިޔާބީއެއް ލިބުނީ 2015 ވަނަ އަހަރުއެވެ. އެއީ ނިބާލްއަށް ލިބުނު ހިތްވަރެވެ. އެއީ ވާނެ ކަމަށް ހިތާ ހިތުން ބުނެލެވުނު ހިސާބެވެ.

"2015 ވަނަ އަހަރު ކުޅުނިން އިންޓަ ސްކޫލް މުބާރާތް. އެފަހަރު 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ލިބުނު. އެއީ ނިބާލަށް އޭރު ވަރަށް ބޮޑު ކާމިޔާބީއެއް. އެހިސާބުން ދެން ވަނަތައް ލިބެން ފެށީ. 2016 ގައި ގައުމީ ޓީމަށްވެސް އަރަން ފުރުސަތު ލިބުނު. އޭރުވެސް މިހާރުވެސް އެންމެ ކުޑަކޮށް މިހުންނަނީ ނިބާލް،" ނިބާލް ގައުމީ ޓީމާ ހަމައަށް އޭނާ ފެށި ދަތުރުގެ ފެށުން ކުރުކޮށް ކިޔައިދިނެވެ.

އުމުރުގެ ގޮތުން ބަލާއިރުވެސް އެއީ ނިބާލަށް ކުރިމަތިލާން ޖެހުނު ޗެލެންޖެކެވެ. ކުއްލިއަކަށް ބެޑްމިންޓަންގެ އެންމެ މަތީ ފަންތިއަށް ގޮސް ކުޅެން އޭނާއަށް ކުރިމަތި ޗެލެންޖް ފަސޭހަވީ ތަޖުރިބާކާރު ކުޅުންތެރިންގެ އެހީތެރިކަމުން ކަމަށް ނިބާލް ބުންޏެވެ.

"2016 ގައިވެސް އިންޓަ ސްކޫލް ކުޅެފަ އެއަހަރު ގައުމީ މުބާރާތުގައި ކުޅުނީ ދެވަނަ ޑިވިޝަންގަ. ސިންގަލްސްގެ ފައިނަލް ކުޅުނިން އެ އަހަރު. އޭރު އުމުރުން 14 އަހަރުގަ ފައިނަލް ކުޅެވުމަކީ ބޮޑު ކާމިޔާބީއެއް. ގައުމީ ފެންވަރުގަ ކުޅެވޭނެ ކަމަށް އޭރު އުންމީދު އާވި،" ނިބާލް ބުންޏެވެ.

ކިޔެވުމާއެކު ކުޅުމަށްވެސް ވަގުތު ހުސްކޮށް ގައުމީ މުބާރާތުގައި ވިދާލި

ގައުމީ ފަންތިއަށް ދިޔަ ދުވަސްވަރަކީ ނިބާލަށް ތައުލީމީ ގޮތުން އެންމެ މުހިއްމު ދުވަސްވަރުވެސް މެއެވެ. ކިޔެވުމަށް ވަގުތު ހުސް ކުރަމުން ގައުމީ ފަންތީގެ ބެޑްމިންޓަނަށް ނުކުންނަން ޖެހުމަކީ ވަގުތުތަކެއް އެކަމަށް ހުސްކުރަން ޖެހުނު ކަމެކެވެ. ކިޔެވުމާއި ކުޅިވަރު ބެލެންސް ކުރަން ފުރަތަމަ އުނދަގޫތަކެއް ހުރި ކަމަށް ނިބާލް ބުނި އިރު، އޭނާގެ އާއިލާއަކީ ދިރިއުޅުގެ އެ "ބެލެންސް"އަށް ނިބާލާ އެންމެ ގާތުން މަސައްކަތް ކުރި މީހުންނެވެ.

"ވަގުތު ހުސް ކުރަން އުނދަގޫތަކެއް ހުރި. އޭރު ކިޔެވުމަށްވެސް ވަރަށް ވަގުތު ދޭން ޖެހޭ. ފަރިތަކުރުންތަކަށް ވަގުތު ދީ ކިޔެވުމަށް ވަގުތު ދޭން އުނދަގޫވެސް ވާނެ. ވަރަށް ބުރަކޮށް ތަމްރީނުތައްވެސް ހެދިން އޭރު. ބިޒީވިޔަސް ބައްޕަމެންނާއި އެންމެންވެސް ވަރަށް ސަޕޯޓިވްވީމަ ބެލެންސް ކުރަން ފަސޭހަ ވެގެން ދިޔަ،" ނިބާލް ބުންޏެވެ.

ނިބާލް ބެޑްމިންޓަންގެ ފުރަތަމަ ޑިވިޝަނަށް ނުކުތީ 2017 ވަނަ އަހަރުއެވެ. އަމިއްލަ ކޮންފިޑެންސްއާއެކު ނުކުމެ ސިންގަލްސް ސެމީ ފައިނަލަށް ދިޔައީ އުމުރުން އެންމެ 15 އަހަރުގައެވެ. އެއީ ބޮޑު ހިތްވަރަކާއި ކާމިޔާބީއެކެވެ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް އައި އިރު، ނިބާލް ވަނީ ގައުމީ ފައިނަލް ތިން ފަހަރަށް ކުޅެފައެވެ. އެހެން ނަމަވެސް އަދިވެސް ހާސިލުނުވެ އޮތީ ގައުމީ ސިންގަލްސް ތަށި ހޯދަން ކުރި އުންމީދެވެ.

ގައުމީ ލެވެލްގައި ނިބާލް އެންމެ ބޭނުން ވަނީ ގައުމީ ތަށި. ތިން ފަހަރަށް ފައިނަލް ކުޅެފިން. ފަހަރަކަށްވުރެ ފަހަރަކަށް ރަނގަޅު ކުރަމުން ދެވޭކަން އިހުސާސް އެބަކުރެވޭ. ފުރަތަމަ އަޖުފާންއާ ދެފަހަރު ކުޅުނު އިރު، އެ ދެ ފައިނަލްގެވެސް ވާދަވެރިކަން ތަފާތު ފެންނާނެ. އެހެންވީމަ އެކަން ހާސިލުވާނެ،
އައިއޯޖީން ރާއްޖެއަށް މެޑަލް ގެނެސްދިން އެތުލީޓް ނިބާލް

ގައުމީ ތަށީގެ އަމާޒުގައި، އޮލިމްޕިކްސް ސްކޯލާޝިޕަކީ ހުވަފެނެއް ހަގީގަތަކަށް ހަދަން ލިބުނު ފުރުސަތު

އުންމީދުން ފުރިފައިވާ ނިބާލްގެ އެއް އަޒުމަކީ އަދިވެސް ގައުމީ ތަށްޓެވެ. އެހެން ނަމަވެސް ބައިނަލްއަގުވާމީ މައިދާނުގައި މިހާރުވެސް އޭނާއަކީ ގައުމަށް ރީތި ނަން ހޯދައިދިން ތަރިއެކެވެ. އުމުރުން 17 އަހަރުގެ ނިބާލް ވަނީ 2019 ވަނަ އަހަރު އައިއޯއައިޖީގެ ލޯ މެޑަލް ހޯދި ފިރިހެން ބެޑްމިންޓަން ޓީމްގައި ވެސް މުހިންމު ދައުރެއް އަދާކޮށްފައެވެ. ނިބާލް ސިފަކުރި ގޮތުގައި އެއީ ބެޑްމިންޓަންގައި އޭނާއަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.

ކެރިއަރުގައި މިހާތަނަށް ލިބުނު ކާމިޔާބީތަކުގައި ހިފައި، އާ ހަރުފަތަކަށް ވިސްނުން ގެންދަން ނިބާލަށް މިއަދު އޮތް އެންމެ ބޮޑު އެހީއަކީ އޮލިމްޕިކްސް ކޮމިޓީން ފަހިކޮށްދިން އޮލިޕިކްސް ސްކޯލާޝިޕެވެ. ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްއަށް ކޮލިފައިވުމަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ އޮލިމްޕިކް ސްކޮލާޝިޕްގެ ފުރުސަތު ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ، ބެޑްމިންޓަނުން ނިބާލް އަހުމަދާއި އެތުލެޓިކްސްގެ އައިޝަތު ހިމްނާ ހަސަން، ސާފިން އިން އިސްމާއިލް ރަޝީދު (ސްމައިލީ) އަދި ޝޫޓިން އިން ޒިޔާން ޞިޔާއު އަށް މިފަހަރު ލިބިފައިވާ އިރު، ނިބާލްއަށް އެއީ އަގުނުކުރޭވެނެ ފުރުސަތެކެވެ.

"އޮލިމްޕިކް ސްކޯލާޝިޕަކީ 2012 ވަނަ އަހަރުން ފެށިގެން ދޭ އެއްޗެއްކަން އެނގިފަ އޮތީ. އެއީ އަސްލު ވަރަށް ބޮޑު ހިތްވަރެއް. ވަރަށް ބޮޑު އެހީތެރިކަމެއް އޮލިމްޕިކްސް ކޮމިޓީން މިދެނީ. އޮލިމްޕިކަށް ކޮލިފައިވާން އެއީ ހަމަ ރަނުގެ ފުރުސަތެއް،" އުމުރުން 19 އަހަރުގެ ނިބާލް ބުންޏެވެ.

އޮލިމްޕިކް ސްކޮލާޝިޕަކީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތުލީޓުންގެ ހުނަރާއި ކާމިޔާބީތަކަށް ބަލައި، އޮލިމްޕިކްސް އަށް ކޮލިފައިވުމުގެ ފުރުސަތު އޮންނަ އެތުލީޓުންނަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީ (އައިއޯސީ)އިން ދޭ މާލީ އަދި ފަންނީ އެހީތެރިކަމެކެވެ.

އޭ ލެވެލް ނިންމާ، ތައުލީމީ ހަޔާތުން ކުޑަކުޑަކޮށް ބޭރުގައި ހުރި ނިބާލްގެ ފޯކަސް އަދިވެސް ކިޔެވުމުން ކަހުވައެއް ނުލައެވެ. އަދިވެސް ވިސްނުން ހުރީ ކުޅިވަރާއި ކިޔެވުމަށެވެ. ފުލް ޓައިމްކޮށް ބެޑްމިންޓަނަށް ދާން ފުރުސަތެއް އޮތް ނަމަވެސް އޮލިމްޕިކް ސްކޯލާޝިޕާއެކުވެސް ނިބާލް ކުރިއަށްދާނީ "ދަރިވަރެއްގެ ދިރިއުޅުމާއި އެތުލީޓެއްގެ" ދިރިއުޅުން ބެލެންސް ކޮށްގެންނެވެ. އެއީ މުޅި އާއިލާއިންވެސް ނިބާލްއަށް ދޭ ހިތްވަރެވެ.

ކެރިއަރުގެ ކާމިޔާބު އާ އުސްމިންތަކަކަށް ގެންދަން ނިބާލަށް އޮތީ ދިގު، އަދި ބުރަ މަސައްކަތްތަކެއް ނަމަވެސް އޭނާއަށް ލޯބިދޭ އެންމެންގެ އެހީތެރިކަމާއެކު އެކަން ހާސިލުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.

"މަންމައާއި ބައްޕައަށް ފުރަތަމަވެސް ޝުކުރު އަދާކުރަން ބޭނުން. ދެން މިހިސާބަށް އާދެވުނީ ކުޑައިރުން ފެށިގެން ވަރަށް ގިނަ ކޯޗުންނާވެސް އެކު. އެ ކޯޗުންނަށް ޝުކުރު އަދާކުރަން. އޭގެ އިތުރުން ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސާއި އެކްސްކޯ މެންބަރުން. ޔޫތު މިނިސްޓްރީ. މިނިސްޓަރު މަހުލޫފް. އިމާދުއްދީން ސްކޫލަށްވެސް ވަރަށް ޝުކުރު އަދާކުރަން. މުބާރާތްތަކަށް ގޮސްފަ އައިމައިވެސް ވަރަށް ފަހި ފުރުސަތެއް ހޯދައިދޭ ފިލާވަޅުތައް ރިކަވާ ކުރަންވެސް،" މިހާތަނަށް އައިއިރު ނިބާލްގެ ކާމިޔާބީގެ ފަހަތުގައި ތިބި ފަރާތްތައް އޭނާ ފާހަގަކުރިއެވެ.

އޮލިމްޕިކްސް ސްކޯލާޝިޕަށް ނިބާލް ދާނީ ކުރިން އޮލިމްޕިކްސް ބެޑްމިންޓަންގައި ރާއްޖެ ތަމްސީލުކޮށްދިން މުހައްމަދު އަޖުފާން އާއި ފާތިމަތު ނަބާހާގެ ކާމިޔާބީ ތަކުރާރު ކުރުމަށެވެ. ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ރާއްޖެ ތަމްސީލުކޮށް، ކަލާސް އެވޯޑުވެސް ހާސިލުކުރި ނިބާލްއަށް އޮލިމްޕިކްސް ހުވަފެން ހަގީގަތަކަށް ހެދޭނެ ކަމުގެ އުންމީދުވެސް ބޮޑެވެ.

"އޮލިމްޕިކްސް ސްކޯލާޝިޕަކީ އަބަދުވެސް ދެކެމުން އައި ހުވަފެނެއް. ބޭނުންވަނީ އެ ފެންވަރަށް ދާން. އެ ވަރަށް ބާ ރެއިސްކޮށްލަން. ޓަފް ވާނެ ކަމެއް ނަމަވެސް ބުރަކޮށް މަސައްކަތްކޮށް އިރާދަކުރެއްވިއްޔާ އެކަން ހާސިލް ކުރެވޭނެ،" ނިބާލް އެންމެ ފަހު ވާހަކައެއްގެ ގޮތުން ބުންޏެވެ.