ފްރަންޓްލައިންގައި ހަރަކާތްތެރިވާ ޕްރިޒަން އޮފިސަރުން ބޮޑީ ވޯން ކެމެރާއާއި ޓޭޒާ، ޓްރަޔަލްއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމުގެ ގޮތުން އެ ތަކެތި ރާއްޖެއަށް އެތެރެކޮށް ޑިސްޓްރިބިއުޓްކުރާ ޒެޓާ ޓެކްނޮލަޖީސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމުގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ. ޒެޓާ ޓެކްނޮލޮޖީސްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އައިމަން އާދަމެވެ.
ކަރެކްޝަން ސާވިސް އިން ބުނީ ޒެޓާ ކުންފުންޏާއެކު އެއްބަސްވީ ތިން މަސް ދުވަހުގެ ތެރޭގައި 15 ބޮޑީ ވޯން ކެމެރާއާއި ތިން ޓޭޒާ ފޯރުކޮށްދިނުމަށް ކަމަށެވެ. ބޮޑީ ވޯން ކެމެރާގެ ގޮތުގައި ބޭނުންކުރާނީ އެމެރިކާގެ އެކްސޮން ކުންފުނީގެ އުފެއްދުމެކެވެ.
ޓޭޒާ ޒިންމާދާރުކޮށް ބޭނުންކުރުމާއި ބޭނުންކުރާނެ ހާލަތްތަކާ ބެހޭގޮތުން ތަމްރީން ފެށުމުގެ އިންޒިތާމް މިހާރު ހަމަޖެހިފައިވާ ކަމަށް ކަރެކްޝަންސް ސާވިސް އިން ވަނީ ބުނެފަ އެވެ. އަދި މި ތަކެތި ބޭނުން ކުރާނީ ޖަލުތަކުގެ ފްރަންޓްލައިންގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުން ކަމަށްވެސް ބުންޏެވެ.
މި ފަދަ ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރުމުގެ ސަބަބުން ޕްރިޒަން އޮފިސަރުން މިހާރަށްވުރެ ޒިންމާދާރުވެ، ޖަވާބުދާރީވުން އިތުރު ވެގެންދާނެ ކަމަށް އެ ސާވިސް އިން ބުނެއެވެ. އަދި މިއީ ޖަލުގައި ބަންދުކޮށްފައި ތިބޭ ފަރާތްތަކާއި ޕްރިޒަން އޮފިސަރުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް މުހިންމު ދައުރެއް އަދާކުރާނެ ފިޔަވަޅެއް ކަމަށްވެސް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު