އަތޮޅުތަކަށް ފޮނުވަން ނިންމާފައިވާ 14 އެމްބިއުލާންސް ފޮނުވުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން މިއަދު ފަށައިފިއެވެ.
އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމަށްޓަކައި ހަވާލުކޮށްފައިވަނީ ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯއާއެވެ. އެކަމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީ އާއި އެސްޓީއޯ އަދި ހެލްތު މިނިސްޓްރީއާ ދެމެދު ސޮއިކުރީ މިިދިޔަ އަހަރުގެ ޖުލައި މަހުގެ ދިހަވަނަ ދުވަހުއެވެ.
އެ އެއްބަސްވުމުގެ ދަށުން ހަ މަސް ދުވަހުގެ ތެރޭގައި އެމްބިއުލާންސްތައް ގެނެސް ހަވާލުކުރަން ޖެހެއެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރުވެސް ހުރިހާ އެމްބިއުލާންސް ގެނެސްފައެއް ނުވެއެވެ.
އެމްބިއުލާންސްތަކުގެ ތިންވަނަ ބެޗް ގެނެސްފައިވަނީ މިމަހުގެ އަށްވަނަ ދުވަހުއެވެ. މިފަހަރު ގެނެސްފައިވަނީ 15 އެމްބިއުލާންސްއެވެ. އޭގެ ތެރެއިން އެއް އެމްބިއުލާންސް ވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެކުންފުންޏާ ހަވާލުކޮށްގެން ގެންނަ އެމްބިއުލާންސްތަކުގެ ތެރެއިން 14 އެމްބިއުލާންސް މިއަދު ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
- ހއ. ތުރާކުނު
- ހއ. ވަށަފަރު
- ހއ. ބާރަށް
- ހދ. ކުޅުދުއްފުށި
- ޅ. ކުރެންދޫ
- ކ. ކާށިދޫ
- އއ. ފެރިދޫ
- މ. މުލައް
- ދ. މީދޫ
- ދ. މާއެނބޫދޫ
- ލ. މާބައިދޫ
- ލ. ގަން
- ގއ. މާމެންދޫ
- ގދ. ވާދޫ
މިއީ އެމްބިއުލާންސްތަކުގެ ތިން ވަނަ ބެޗެވެ. މީގެ ކުރިން ދެ ބުރެއްގައި ވަނީ ޖުމުލަ 40 އެމްބިއުލާންސް ގެނެސްފައެވެ. އެގޮތުން ފުރަތަމަ 20 އެމްބިއުލެންސް ރާއްޖެ ގެނެސްފައިވަނީ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހުއެވެ. އަދި ދެވަނަ ބެޗްގެ 20 އެމްބިއުލާންސް ގެނެސްފައިވަނީ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އެ އެމްބިއުލާންސްތައް މިހާރު ވަނީ ރަށްރަށަށް ފޮނުވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު