ޓެކްސީތަކުން ކުރާ ދަތުރުތަކުގެ އަގު ބޮޑުކޮށްދިނުމަށް ނުވަތަ ޓެކްސީތަކަށް ވިއްކާ ތެލުގެ އަގު ކުޑަ ކޮށްދިނުމަށް ޓެކްސީ ޑްރައިވަރުން ސަރުކާރަށް ގޮވާލައިފި އެވެ.
މިއަހަރުގެ މިހާތަނަށް ތެލުގެ އަގު ދެފަހަރެއްގެ މަތިން ބޮޑުކޮށްފައިވާތީ ޓެކްސީ ޑްރައިވަރުން ބުނަނީ އެމީހުންނަށް ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑު ކަމަށެވެ. މިކަމާ ގުޅިގެން ބައެއް ޓެކްސީ ޑްރައިވަރުން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިގްތިސޯދީ ކޮމިޓީގެ މުގައްރިރު މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) އާއި ބައްދަލު ކޮށްފަ އެވެ.
"ވަން" އާ ވާހަކަ ދެއްކި ބައެއް ޓެކްސީ ޑްރައިވަރުން މިއަދު ބުނީ އެމީހުން ދުވާލެއްގެ މައްޗަށް އަދި މަހެއްގެ މައްޗަށް ތެލަށް ކުރާ ހަރަދުވެސް މިހާރު ކުރާ ދަތުރުތަކުން ނުލިބޭ ކަމަށެވެ. އެހެންވުމުގެ ސަބަބުން ވަނީ ގެއްލުން ކަމަށް ބުންޏެވެ.
ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި ވިއްސަކަށް އަހަރު ހޭދަ ކޮށްފައިވާ އަދި މިހާރު އަވަސް ރައިޑުގައި މަސައްކަތް ކުރަމުން އަންނަ ޔޫސުފް މުހައްމަދު (އޮޕަރޭޓަރު ޔޫސޭ) "ވަން" އަށް މިއަދު ބުނީ މީގެ ކުރިން ޓެކްސީ ކޮށްގެން ލިބޭ އާމްދަނީއަކީ ރަނގަޅު އާމްދަނީއެއް ކަމަށެވެ. އަދި ގޭތެރޭގެ ހަރަދުތައް އެއިން ފުއްދައިލެވޭ ކަމަށްވެސް ބުންޏެވެ. ނަމަވެސް ތެލަށް މިއައި ބަދަލާ އެކު ލިބޭ ފައިދާއަށްވުރެ ގެއްލުން ބޮޑު ކަމަށް އޭނާ ބުންޏެވެ.
ޔޫސުފް ބުނީ މީގެ ކުރިން ތެލަށް މަހެއްގެ މައްޗަށް 6000-8000 ރުފިޔާ ހަރަދު ކުރި ނަމަވެސް މިހާރު 10،000 އާއި 12000 ރުފިޔާ އާއި ދެމެދު އަގެއް ތެލަށް ހަރަދު ކުރަން ޖެހޭ ކަމަށެވެ. ފުލްކޮށް ޓެކްސީ ކުރާ މީހާއަށް މީގެ ކުރިން ތެލުގެ ހަރަދުގެ ދެގުނަ ލިބުނު ނަމަވެސް މިހާރު އެވަރު ނުލިބޭ ކަމަށެވެ.
"ސަރުކާރުން އަގުތައް ކަނޑައަޅާންވީ ހަމަ އާންމު ރައްޔިތު މީހާ އަށް ދަތިނުވާނެހެން. އެކަމަކު ހަމަ އަޅުގަނޑުމެންނަށްވެސް ފައިދާއެއް ވާގޮތަށް. މިސާލަކަށް އެސްޓީއޯ އިން 13 ރުފިޔާ އަށް ލިޓަރެއް ވިއްކާއިރު ވިލާއިން އެބަ ވިއްކާ 15 ރުފިޔާ އަށް. އެހެންވީމަ ތެލުގެ އަގު ހުރިހާތަނެއްގަ އެއްވަރު ކުރަން އެބަޖެހޭ. ދެން ސެންޓަރުތަކަށް ތެޔޮ ވިއްކާ އަގު ކުޑަކޮށްދޭންވީ އެ ސެންޓަރުގަ ކާރު އޮތް ވަރަށް ބަލާފަ ނަމަވެސް." އޭނާ ބުންޏެވެ.
ޓެކްސީ ކުރަމުން އަންނަ މީހެއް ކަމުގައިވާ ޒާހިރު މުހައްމަދު "ވަން" އަށް މިއަދު ބުނީ މީގެ ކުރިން މާލެ ތެރޭގައި ކުރާ އެއް ދަތުރަށް ދެ ރުފިޔާގެ ފިއުލް ހަރަދު ވީ ނަމަވެސް މިހާރު ހަތަރު ރުފިޔާ ނުވަތަ ތިން ރުފިޔާ ހަރަދުވާ ކަމަށެވެ. އަދި މަހެއްގެ މައްޗަށް ކުރާ ތެލުގެ ހަރަދު ކަވަރު ކުރެވެނީ ކިރިޔަ ކިރިޔާ ކަމަށެވެ.
"ކުރިން ވެއްޖެއްޔާ އަޅުގަނޑުމެން މިއުޅެނީ މާލެ ތެރޭގަ. އެކަމަކު މިހާރު ހުޅުމާލެއަށާއި ފޭސް ދެއަކަށްވެސް ދާން އެބަޖެހޭ. ސަރުކާރުން މިއޮންނަނީ ކުރާ ދަތުރުތަކުގެ އަގު ކޮންޓްރޯލް ކޮށްފަ. އެހެން ހުރިހާ އެއްޗެއްގެ އަގުބޮޑުވާއިރުވެސް ޓެކްސީތަކުގެ އަގު މިހުންނަނީ ކޮންޓްރޯލް ކޮށްފަ. ގެތަކުގެ ކުލި ކޮންޓްރޯލެއް ނުވޭ. ތެލުގެ އަގެއްވެސް ނުހިފެހެއްޓޭ. މަހަކު އެއްފަހަރު ތެލުގެ އަގު އެބަ ބޮޑުކުރޭ. މިކަމުން ހުރިހާ ގެއްލުމެއް މި ލިބެނީ އަޅުގަނޑުމެންނަށް. ގޯތި ގެދޮރު ކުއްޔަށް ދެނީވެސް އެތަންތަނުގެ ވެރިން ކައިބޮއެ ހެދުމަށް. ނޫނީ އާމްދަނީ ހޯދަން. މިއީ އަޅުގަނޑުމެންވެސް ކާންބޯން ކުރާ މަސައްކަތް. މިއީ އެއަށްވުރެން މާ ބުރަ މަސައްކަތެއް ނޫންތޯ." އެހެން ޑްރައިވަރަކު ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް މަތިވުމާ ގުޅިގެން، ރާއްޖެއަށް އެންމެ ގިނައިން ތެޔޮ އެތެރެކުރާ އެސްޓީއޯއިން ވަނީ މި އަހަރުގެ މިހާތަނަށް ދެ ފަހަރެއްގެ މަތިން ތެލުގެ އަގު ބޮޑުކޮށްފަ އެވެ. އެންމެ ފުރަތަމަ ތެލުގެ އަގު ބޮޑު ކުރީ މިދިޔަ ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މި މަހުގެ 13 ވަނަ ދުވަހު އަނެއްކާވެސް މިވަނީ ތެލުގެ އަގު ބޮޑުކޮށްފަ އެވެ.
މި ބަދަލާއެކު އެސްޓީއޯއިން ތެޔޮ ވިއްކަނީ ޕެޓްރޯލް ލީޓަރެއް 12.98 ރުފިޔާގެ ރޭޓުން އަދި ޑީސަލް ލީޓަރެއް 13.04 ރުފިޔާގެ ރޭޓުންނެވެ.
"ވަން" އާ ވާހަކަ ދެއްކި އެހެން ޑްރައިވަރަކު ބުނީ ޓެކްސީތަކަށް ވިއްކާ ތެލުގެ އަގު ސަރުކާރުން ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ. އަގުތަކަށް ބަދަލު ގެންނަން ބޭނުން ނުވާނަމަ ޓެކްސީތަކަށް ވިއްކާ ތެލުގެ އަގު ކުޑަކޮށްދިނުމަށް އޭނާ ވަނީ ޓެކްސީ ޑްރައިވަރުންގެ ފަރާތުން ސަރުކާރަށް ގޮވާލައިފަ އެވެ.
ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް މިރޭ ސޯޝަލް ސެންޓަރުގައި ޑްރައިވަރުންގެ މަޝްވަރާ ބައްދަލުވުމެއް ބާއްވަން ވަނީ ނިންމާފަ އެވެ. މި ބައްދަލުވުމުގައި ހުރިހާ ޑްރައިވަރުން އެދޭ ގޮތް އޮޅުންފިލުވައި އެކަމާ ގުޅޭ ގޮތުން ކަމާގުޅޭ އިދާރާތަކާއި މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް "ވަން" އާ ވާހަކަ ދެއްކި ޓެކްސީ ޑްރައިވަރުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު