މާލޭ ރައްޔިތުންނަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހިން ދޫކުރާނީ 1،250 އަކަފޫޓުގެ 1،000 ގޯތި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ، ހުޅުމާލޭން 1،000 ގޯތި ދެއްވާނެކަން އިއުލާނު ކުރައްވައިފައެވެ. އަދި އެ ގޯތިތައް ދޫކުރުމުގެ މަސައްކަތް އަންނަ ޖޫން މަހު ފަށާނެ ކަމަށް ވިދާޅުވިއެވެ.
ރާއްޖެޓީވީން ރޭ ގެނެސްދިން ޕްރޮގްރާމެއްގައި ސުހެއިލް ވިދާޅުވީ، އެ 1،000 ގޯތި ހަމަޖައްސައިދިނުމަށް ހައުސިން މިނިސްޓްރީގެ ފަރާތުން އެ ކުންފުނީގައި މިހާރު އެދިފައިވާ ކަމަށެވެ. އަދި އެ ގޯތިތައް ކަނޑައެޅުމުގެ މިންގަނޑެއްގެ ގޮތުގައި ބަލާނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ "ވެށިފަހި" ޕްރޮގްރާމުގެ ދަށުން ދޫކުރި ގޯތީގެ ބޮޑުމިނަށް ކަމަށް ވިދާޅުވިއެވެ. އެއީ 1،250 އަކަފޫޓެވެ.
ސުހެއިލް ވިދާޅުވީ، އެ ގޯތިތައް ސަރުކާރާ ހަވާލުކުރުމަށްފަހު ގޯތިތައް ދޫކުރާނެ އުސޫލެއް ކަނޑައަޅާނީ ސަރުކާރުން ކަމަށެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް ހުޅުމާލޭގެ އިތުރުން ގުޅިފަޅުންނާއި ގިރާވަރު ފަޅު ހިއްކައިގެން ޖުމުލަ 5،000 ގޯތި ދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެއީ ހުޅުމާލޭން ދޭ 1،000 ގޯއްޗާއި ގުޅިފަޅުން މަދުވެގެން 2000 ގޯތި އަދި ގިރާވަރު ފަޅު ހިއްކައި އެ ބިމުން 2000 ގޯއްޗެވެ.
ޚަބަރު
ޚަބަރު
ޚަބަރު