މުނިފޫހިފިލުވުން

އާލިއާ ބަޓްގެ "ގަންގޫބައި ކަތިޔަވަޑީ"އަށް ގަންގޫބައިގެ އާއިލާގެ ނުރުހުން، މަންމަގެ އަބުރުވަނީ ކަތިލާފައި

މިމަހުގެ 25ގައި ރިލީސްކުރަން ހަމަޖެހިފައިވާ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު އަދި އާލިއާ ބަޓް ލީޑުން ފެނިގެންދާ ''ގަންގޫބައި ކަތިޔަވަޑީ'' ގެ ވާހަކަތައް މިދުވަސްވަރު ވަނީ ގަދަވެގެން ގޮސްފައެވެ.

މި ފިލްމުގެ ޓީޒާ އާއްމުކޮށްފައިވާއިރު ގަންގޫބައިގެ އާއިލާއިން އަންނަނީ މި ފިލްމަށް ނުރުހުން ފާޅުކުރަމުންނެވެ. މި ފިލްމު ނެރުން ހުއްޓުވަން މީގެ ކުރިން ގަންގޫބައިގެ ފިރިހެން ދަރިފުޅު ބާބޫ ރައޯޖީ ވަނީ މިދިޔަ އަހަރު ސަންޖޭލީލާ ބަންސާލީ އަދި އާލިއާ ބަޓް އާ ދެކޮޅަށް މުމްބާއީ ކޯޓަށް މައްސަލަވެސް ވައްދާފައެވެ.

މި މަހުގެ ތެރޭގައި ފިލްމު ރިލީސްކުރަން ތައްޔާރުވެފައިވާއިރު އާއިލާއިން އަންނަނީ ފިލްމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. ބާބޫ ބުނެފައިވަނީ ފިލްމުގައި މަންމައަކީ ހަށިވިއްކާ މީހެއް ގޮތުގައި ގެނެސްދީފައިވާކަމަށެވެ.

ގަންގޫބައިގެ އާއިލީ ވަކީލު ނަރެންދުރަ ބުނެފައިވާގޮތުގައި ގަންގޫބައިގެ މައްޗަށް ފިލްމެއް ހަދަން އުޅޭކަން އިއުލާނުކުރި ހިސާބުން އެ އާއިލާއަށް ވަނީ 2020ވަނަ އަހަރުން ފެށިގެން މީހުންގެ ތެރޭގައި އުޅެން ދަތިވެ ފިލައިގެން އުޅުމަށް މަޖުބޫރުވެފައެވެ. މި ފިލްމުގެ ސަބަބުން ގަންގޫބައި އާ ގުޅުވައިގެން މީހުން އެކި ކަހަލަ ސުވާލުތައް އާއިލާއަށް ކުރިމަތިކުރުވަމުން އަންނަކަމަށާއި އެ އާއިލާއަށް ހަމަޖެހިގެން އުޅެން ދަތިވެފައިވާކަމަށް އޭނާ ވަނީ ބުނެފައެވެ.

ގަންގޫބައިގެ މާމަ ދަރިފުޅު ބާރްތީވެސް ވަނީ ފިލްމުގެ ޕްރޮޑިއުސަރުންނަށް ނުރުހުން ފާޅުކޮށް ފައިސާގެ ދަހިވެތިކަމުގައި އެ އާއިލާގެ އަބުރު ކަތިލައިފިކަމަށް ބުނެފައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި މާމަގެ ހަޔާތުގެ މައްޗަށް ފޮތެއް ލިޔެ ނެރެފައިވަނީވެސް އަދި ފިލްމު ހަދަން ނިންމާފައިވަނީވެސް އާއިލާގެ ބަހެއް ހޯދުމެއް ނެތިކަމަށް އޭނާ ވަނީ ބުނެފައެވެ.

ސަންޖޭލީލާ ބަންސާލީގެ ފިލްމު ''ގަންގޫބައި ކަތިޔަޑީ'' އަކީ 1960ގެ އަހަރު ތަކުގައި އުޅުނު މެޑަމް އޮފް ކަމަތިޕޫރާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެކެވެ. ބަންސާލީގެ ފިލްމު ހަދާފައިވަނީ ގަންގޫބައިގެ ހަޔާތުގެ މައްޗަށް މީގެ ކުރިން ވާހަކަ ލިޔުންތެރިޔާ އެސް ހުސައިން ޒައިދީ ލިޔެފައިވާ 'މާފިޔާ ކުއީންސް އޮފް މުމްބާއީ'' އަށް ބިނާކޮށެވެ. ގަންގަބާއި އަކީ ހަށިވިއްކާ މީހުންނަށް ހައްގާއި އިންސާފު ހޯދައިދޭން މަސައްކަތްކުރަމުން އައިސްފައިވާ މީހެކެވެ.