މުނިފޫހިފިލުވުން

ކާޑޭޝިއަންގެ ޖާދޫގައި ޖެހި ފަހަތުން ނެއްޓޭނެ ގޮތެއް ނޭނގިފައި

''ކީޕިން އަޕް ވިތު ދަ ކާޑޭޝިއަން'' ޝޯ އާއެކު ބޮޑު މަގުބޫލުކަމެއް ލިބިގެން ދިޔަ ކާޑޭޝިއަން އާއިލާގެ މެމްބަރުންނަކީ މީޑިއާގެ ސަމާލުކަން އަބަދުވެސް ލިބެމުން އަންނަ ބައެކެވެ.

މިމަހުގެ ތެރޭގައި ކާޑޭޝިއަން އާއިލާގެ ކައިލީ ޖެނާ ވަނީ ރެޕް ލަވަކިޔުންތެރިޔާ ޓްރެވިސް ސްކޮޓް އާއެކު ލިބުނު ދެވަނަ ދަރިފުޅު ވުލްފް ވެބްސްޓާ ދުނިޔެއަށް އައިކަން ހާމަކޮށްފައެވެ. ފުރަތަމަ ދަރިފުޅު ސްޓޯމީ ލިބުމަށްފަހު ވަކިވެފައިވާ ކައިލީ އަދި ޓްރެވިސް ވަނީ މިދިޔަ އަހަރުގެ ތެރޭގައި އެ ގުޅުން އަލުން އިޔާދަކޮށްފައެވެ.

އެއަށްފަހު މީޑިއާގެ ސަމާލުކަން ދެން ގޮސް ހުއްޓެނީ ކާޑޭޝިއަން އާއިލާ މަޝްހޫރުވުމުގެ މުގުލުގައި ހުރި ކިމް ކާޑޭޝިއަން އަށެވެ. ކިމް ކާޑޭޝިއަން އަދި ކުރީގެ ފިރިމީހާ ކެންޔޭ ވެސްޓް ނުވަތަ ޔޭ ގެ ކައިވެނީގެ ގުޅުން ނިންމާލާފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައެވެ. އެ ގުޅުން ނިމުމަކަށް އައިފަހުން ކިމް ވަނީ ޕީޓް ޑެވިޑްސަންއާ ލޯބީގެ ގޮތުން ގުޅިފައެވެ. ޔޭ ގުޅިފައިވަނީ ޖޫލިއާ ފޮކްސް އާއެވެ. ނަމަވެސް ޖޫލިއާގެ ހިތް ހަލާކުކޮށްލުމަށްފަހު ޔޭ އަނެއްކާވެސް މިސްރާބު ހިފާފައިވަނީ ކިމް ހާސިލުކުރުމަށެވެ. ލޯބިވެރިންގެ ދުވަހު ޔޭ ވަނީ ކިމްގެ ގޭ ދޮރުމައްޗަށް ލޯބީގެ މާބޮނޑިއެއްވެސް ފޮނުވާފައެވެ. ކިމް އަދި ޔޭ އަށް ހަތަރު ކުދިން ލިބިފައިވާއިރު ޔޭ އަންނަނީ އޭނާގެ އާއިލާއާ އަލުން ގުޅެން ބޭނުންވާކަމަށް ބުނެ ގިނަ ޕޯސްޓުތައް ކުރަމުންނެވެ.

ކިމް އަށްފަހު ކްލޯއީ ކާޑޭޝިއަންގެ ކުރީގެ ފިރިމީހާ ލަމަރް އޮޑޮމްވެސް ވަނީ ކުރީގެ އަންހެނުންނާ އަލުން ގުޅެން ބޭނުންވާކަމަށް ބުނެ ވާހަކަ ދައްކާފައެވެ. ކުރީގެ މަޝްހޫރު ބާސްކެޓް ބޯޅަ ކުޅުންތެރިޔާ ލަމަރް އޮޑޮމް ބައިވެރިވި ރިއަޓީ ޝޯ ''ސެލެބްރިޓީ ބިގް ބްރަދާ'' ގައި އޭނާ ބުނެފައިވަނީ ކުރީގެ އަންހެނުން ކްލޯއީ އާމެދު ކަންތައް ކުރެވުނީ ރަނގަޅަށް ނޫން ކަމަށެވެ. އަދި ކްލޯއީއާ އަލުން ގުޅެން ބޭނުންވާ ކަމަށް ބުނެ އެކަން ހާސިލުކުރެވޭތޯ ގަދައަޅައި މަސައްކަތްކުރަން ހިފާފައިވާކަމަށްވެސް ލަމަރް ވަނީ ބުނެފައެވެ. 2009ވަނަ އަހަރު ކައިވެނިކުރި ކްލޯއީ ކާޑޭޝިއަން އަދި ލަމަރް އޮޑޮމްގެ ގުޅުން ނިމުމަކަށް އައިސްފައިވަނީ 2016ވަނަ އަހަރުގައެވެ. އެއަށްފަހު ކްލޯއީ ވަނީ ޓްރިސްޓަން ތޮމްސަން އާއި ލޯބީގެ ގޮތުން ގުޅި ދަރިފުޅު ޓްރޫ ލިބިފައިވެއެވެ. ނަމަވެސް ޓްރިސްޓަން އަދި ކްލޯއީގެ ގުޅުން ނިންމާލާފައިވަނީ ކްލޯއީ އާއެކު އުޅެމުން ޓްރިސްޓަން ސިއްރު ލޯބިވެރިއަކަށް ދަރިއަކު ލިބުނު ވާހަކަތަކާއެކުގައެވެ.

2007ވަނަ އަހަރު ދައްކަން ފެށި ރިއަލިޓީ ޝޯ ''ކީޕިން އަޕް ވިތު ދަ ކާޑޭޝިއަން'' ކާމިޔާބު 20 ސީޒަން ފުރިހަމަކޮށް އޭގެ 14 އަހަރު ފަހުން ނިންމާލާފައިވަނީ މިދިޔަ އަހަރުގައެވެ. މި ޝޯ ނިންމާލުފަހު ހޫލޫ އާއި ގުޅިގެން ކާޑޭޝިއަން/ޖެނާ އާއިލާއިން ވަނީ ޝޯއެއް ގެނެސްދިނުމަށް ބޮޑު އެއްބަސްވުމަކަށް އައިސްފައެވެ. މި ޝޯގެ މާ ބޮޑު މައުލޫމާތެއް އާއްމުކޮށްފައި ނުވިނަމަވެސް އާ އަހަރާ ދިމާކޮށް ހޫލޫ އިން ވަނީ އަލަށް ގެނެސްދޭން ހަމަޖެހިފައިވާ ''ދަ ކާޑޭޝިއަން'' ޝޯގެ ޓީޒާއެއް އާއްމުކޮށްފައެވެ. އާ އަހަރުގެ ތަހުނިޔާގެ މެސެޖާއެކު ކާޑޭޝިއަން މެމްބަރުން މި ވީޑިއޯގައި ފެނިގެންދެއެވެ. އޭގެފަހުން ހޫލޫ އިން ގެނެސްދިން ޕްރޮމޯ ވީޑިއޯއެއްގައި މި ޝޯ ބެލުންތެރިންނާ ހަމައަށް ގެނައުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ އެޕްރީލް 14 ގައި ކަމަށް ވަނީ ބުނެފައެވެ.