މިދިޔަ 24 ގަޑިއިރު ތެރޭ 1،037 މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، ރާއްޖޭގައި އެ ބައްޔަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 161،113 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 136 މީހަކާއި އަތޮޅުތެރެއިން 828 މީހަކާއި ރިސޯޓުތަކުން 41 މީހެއް ކަމަށެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 1،073 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 145،029 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި މި ބައްޔަށް ފަރުވާދެމުން އަންނަނީ 15،782 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލައި އިރު ހޮސްޕިޓަލުތަކުގައި 30 މީހަކު ކޮވިޑަށް ފަރުވާ ހޯދަމުން އެބަދެއެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 289 މީހަކު ވަނީ މަރުވެފައެވެ. އެއީ 270 ދިވެހީންނާއި 19 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.