ޚަބަރު

ބިޑް ކުރެވޭ އަގު ކުޑަކޮށް، އަނެއްކާވެސް ހަ ރަށުގައި އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަނީ

1

ހަ ރަށެއްގައި އެއާޕޯޓް އަޅައިދޭނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން އަނެއްކާވެސް އިއުލާނުކޮށްފިއެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ފިނޭންސް މިނިސްޓްރީން ވަނީ ބ. ތުޅާދޫ އާއި ތ. ވިލުފުއްޓާއި ށ. ބިލަތްފަހީގެ އިތުރުން ހދ. މަކުނުދޫގައި އެއާޕޯޓް އަޅަން ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް ހުޅުވާލައިފައެވެ.

ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅު މިނިސްޓްރީން ވަނީ އެ ހަތަރު ރަށުގެ އިތުރުން ފ. މަގޫދޫ އާއި ރ. އަތޮޅު ދެކުނުބިތުގައިވެސް އެއާޕޯޓް އެޅުމަށް ނިންމައި، އެތަންތަން އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ.

އެފަހަރު އިއުލާނު ކުރީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއެއް ކަމަށާއި ޝައުގުވެރިކަން ފާޅުކުރުމުގައި ތަރައްގީ ކުރަނީ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓު މަޝްރޫއަކަށް ކަން ބަޔާންކުރަންވާނެ ކަމަށެވެ. އަދި ޝައުގުވެރިކަށް ފާޅުކުރުމުގައި ހަމައެކަނި ފައިނޭންސް ކުރާނަމަ، އެންމެ ދަށްވެގެން ހުށަހެޅޭނެ އަދަދަކީ ފަސް މިލިއަން ޑޮލަރު ކަމަށެވެ.

ނަމަވެސް މިއަދު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ޝައުގުވެރިކަން ފާޅުކުރުމުގައި އެއާޕޯޓެއްގެ ތަރައްގީ ފައިނޭންސްކުރުމަށް އެންމެ މަދުވެގެން ހުށަހެޅޭނެ އަދަދަކީ ތިން މިލިއަން ޑޮލަރު ކަމަށެވެ.

މީގެ އިތުރުން ޝައުގުވެރިކަން ފާޅުކުރުމުގައި މުޅި އެއާޕޯޓް ތަރައްގީކުރުމަށް ބޭނުންވާ ފައިނޭންސް ނުވަތަ އޭގެންބައެއް ފައިނޭންސް ކުރުމަށް ހުށަހެޅޭ ގޮތަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. މީގެ ކުރިން ކުރި އިއުލާނުގައި ވަނީ ބިޑް ހުށަހެޅޭނީ މުޅި އެއާޕޯޓް ތަރައްގީ ކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް އެކަންޏެވެ.

މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓްގެ އަދަދު އެ މަޝްރޫއެއްގެ މުގާބިލުގައި ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައި ކަނޑައިދެވޭނެއެވެ.

ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯސަލް ހުށަހެޅުމުގެ އުސޫލުގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، އިކޮނޮމިކް މިނިސްޓްރީ އަށެވެ. އީމެއިލުން ނަމަ ފޮނުވާނީ [email protected] އަށެވެ.

ރާއްޖޭގެ ހަ ރަށެއްގައި "ކްރޮސް-ސަބްސިޑީ" މޮޑެލްގެ ދަށުން އެއާޕޯޓް އެޅުމަށް ނިންމާފައިވަނީ 133 މިލިއަން ޑޮލަރު (ދެ ބިލިއަން ރުފިޔާ) އަށެވެ.

ކްރޮސް ސަބްސިޑީ އަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގުތިސޯދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލައި އިއުލާނުކޮށްފައިވާ އުސޫލުތަކެއްގެ މަތިން ހިންގާ މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކުން ދުރާލައި ކަނޑައަޅާފައިވާ އަދަދަކަށް އެ ފަރާތުގެ އަމިއްލަ ފައިސާ އިންވެސްޓްކޮށްގެން އެ މަސައްކަތް ކުރާ ކަމަށްޓަކައި، އެ މަސައްކަތުގެ އަގުގެ މުގާބިލުގައި ދައުލަތުން އެ ފަރާތަށް ދޭ އިނާޔަތެއްގެ ގޮތުގައި ނުވަތަ ލުޔެއްގެ ގޮތުގައި ނުވަތަ ބަދަލެއްގެ ގޮތުގައި ދޫކުރާ ރަށް ނުވަތަ ބިން ނުވަތަ ފަޅެވެ.

ކޮންމެ އެއާޕޯޓަކަށް ހަރަދުވާނެ ކަމަށް އަންދާޒާކުރާ މިންވަރު:

  • ހދ. މަކުނުދޫ - 23,300,000 ޑޮލަރު
  • ށ. ބިލެތްފަހި - 23,600,000 ޑޮލަރު
  • ބ. ތުޅާދޫ - 21,900,000 ޑޮލަރު
  • ތ. ވިލުފުށި - 33,300,000 ޑޮލަރު
  • ފ. މަގޫދޫ - 8,200,000 ޑޮލަރު
  • ރ. އަތޮޅު - 23,600,000 ޑޮލަރު