ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ޅ. އަތޮޅުގެ ރަށްތަކަަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލް އަޒީޒް މިއަދު ވިދާޅުވީ، ތިން ދުވަހުގެ ދަތުރުފުޅެއްގައި ޅ. އަތޮޅުގެ ރަށްތަކަށް ރައީސް އަންނަ ހުކުރު ދުވަހު ވަޑައިގަންނަވާނެ ކަމަށެވެ.

މި ދަތުރުފުޅުގައި ރައީސް ސޯލިހު ވަޑައިގެންނެވުމަށް ހަމަޖައްސާފައިވަނީ ޅ. މަޑިވަރާއި ހިންނަވަރާއި ނައިފަރާއި އޮޅުވެލިފުއްޓާއި ކުރެންދޫގެ އިތުރުން ފެލިވަރުއަށެވެ.

ރައީސް ވަޑައިގަންނަވާ ރަށްތަކުގެ ތެރެއިން ހިންނަވަރަކީ އެމަނިކުފާނުގެ އުފަން ރަށެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރުކަން ދެ ދައުރު ކުރައްވައިފައެވެ. އަދި އޭގެ ކުރިން ތިން ދައުރު ޅ. އަތޮޅުގެ މެންބަރުކަން ކުރެއްވިއެވެ.

ރައީސް އެންމެ ފަހުން އުފަން ރަށް، ހިންނަވަރަށް ވަޑައިގެންނެވީ 2019 ވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ. އެފަހަރު ރައީސް ހިންނަވަރަށް ވަޑައިގެންނެވީ އޭރު އެމްޑީޕީގެ ކެންޑިޑޭޓް އަދި މިހާރު ހިންނަވަރު ދާއިރާގެ މެންބަރުކަން ކުރައްވާ ޖީހާން މަހުމޫދުގެ ކެމްޕޭނަށެވެ.

ރައީސް ސޯލިހު މިވަގުތު ހުންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ސިންގަޕޫރުގައެވެ. އެ ދަތުރުފުޅަށް ފަހު އެމަނިކުފާނު ރާއްޖެ ވަޑައިގަންނަވާނީ މާދަމާގެ ވަގުތެއްގައެވެ.