ޚަބަރު

ސްޓާސް ބްރޭންޑުގެ ކުދި ފިޔާ ރާއްޖޭގައި ބޭނުން ކުރުމާއި ވިއްކުން މަނާކޮށްފި

ރިފާ ހަލީލު

ސްޓާސް ބްރޭންޑުގެ ކުދި ފިޔާ ރާއްޖޭގައި ބޭނުން ކުރުމާއި ވިއްކުން މަނާކޮށްފި އެވެ.

މޯލްޑިވްސް ފުޑް އެންޑް ޑުރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕެސްޓިސައިޑުން ތަގައްޔަރުވެފައިވާ އުފެއްދުމެއް ކަމުގައިވާ ސްޓާސް ބްރޭންޑުގެ "ސްޕްރިންގް އަނިއަން" (ކުދި ފިޔާ) ރާއްޖެއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓު ސިސްޓަމް ފޯ ފުޑް އެންޑް ފީޑް އިން އެ އޮތޯރިޓީއަށް ދީފައިވާ ކަމަށެވެ.

މި މައުލޫމާތާ ގުޅިގެން މި އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް ނުރައްކާ އޮތް މިންވަރު ދެނެގަތުމުގެ މަސައްކަތް އެމްއެފްޑީއޭ އިން ކުރަމުން އަންނަ ކަމަށް ބަޔާނުގައި ބުންޏެވެ. އަދި މި އުފެއްދުން ހޯލްސޭލް ކުރަނީ ނެދަލޭންޑްސްގެ "ގްލޯބަލް ގްރީން ޓީމް" އިން ކަމަށާއި މިއީ މިސްރުގެ އުފެއްދުމެއް ކަމަށްވެސް އެ އޮތޯރިޓީން ބުންޏެވެ.

އެހެން ކަމުން އެ އޮތޯރިޓީން ވަކި އެއްޗެއް އަންގަންދެން މި އުފެއްދުން ބޭނުންކޮށް ވިއްކުން ވަނީ މަނާކޮށްފަ އެވެ.