މުނިފޫހިފިލުވުން

ރިތޭޝް އަދި ރާކީގެ ގުޅުން ނިމުމަކަށް

އިންޑިއާގެ ޓީވީ ތަރި އަދި ބިގްބޮސް އިން ގިނަބައެއްގެ ލޯބި ހޯދާފައިވާ ރާކީ ސާވަންތު އޭނާގެ ބައިވެރިޔާ ރިތޭޝް ސިންގާއި ވަކިވާން ނިންމާފައިވާކަމަށް ބުނެފިއެވެ.

ރާކީ ސާވަންތުގެ ފިރިމީހާ ކަމަށް ބުނެ ރިތޭޝް އެންމެންގެ ކުރިމައްޗަށް ގެނެސްފައިވަނީ މިދިޔަ މަހު ނިމުނު އިންޑިއާގެ ރިއޭލިޓީ ޝޯ ''ބިގްބޮސް-15'' ގައެވެ.

އެންމެފަހުން ގެނެސްދިން ބިގްބޮސްގައި މިދެމީހުން ވަނީ އެކުގައި ބައިވެރިވެފައެވެ. ރިތޭޝް އާއި ދުރުވާން ނިންމި ހަބަރު ހިއްސާކުރަމުން ރާކީ ބުނެފައިވަނީ ބިގްބޮސް އަށް ފަހު ގިނަ ކަންތައްތަކާއ ކުރިމަތިލާން ޖެހުނުކަމަށާއި އަދި ގިނަ ކަންކަން ދެމީހުން ގުޅިގެން ހައްލުވެސް ކޮށްފައިވާކަމަށެވެ. ނަމަވެސް ހުރިހާގޮތަކަށް ވިސްނައި މިވަގުތަށް އެންމެ ރަނގަޅު ވާނީ ދެމީހުން ދުރުވުން ކަމަށް ބުނެ ރިތޭޝްއާ ދުރުވާން ނިންމިކަން ރާކީ އިންސްޓަގުރާމުގައި ކުރި ޕޯސްޓެއްގައި ބުނެފައެވެ.

ލޯބިވެރިންގެ ދުވަހާ ދިމާކޮށް މި ނިންމުން ނިންމުމަކީ ހިތްދަތިކަމެއް ކަމަށާއި ނަމަވެސް ކޮންމެވެސް ހިސާބަކުން ގޮތް ނިންމަން ޖެހޭކަމުގައި ރާކީ ވަނީ ބުނެފައެވެ. ރާކީގެ ކައިވެނީގެ ވާހަކަތަކަކީ އަބަދުވެސް މީޑިއާގެ ސަމާލުކަމަށް އައިސްފައިވާ ވާހަކަތަކެކެވެ. މީގެ ދެތިން އަހަރު ކުރިން ރާކީ ވަނީ އޭނާ ކައިވެނިކުރިކަން އިއުލާނުކޮށްފައެވެ. ނަމަވެސް ކައިވެންޏާ ގުޅިގެން ފިރިމީހާގެ އެއްވެސް މައުލޫމާތެއް އަދި ފޮޓޯއެއްވެސް މީޑިއާގައި ހިއްސާކޮށްފައި ނުވާތީ ރާކީއަށް ގިނަ ފާޑުކިޔުންތަކެއް ލިބެމުން އައިސްފައިވާއިރު ނިމިގެން ދިޔަ ބިގްބޮސްގައި ރާކީ ވަނީ އޭނާގެ ފިރިމީހާ ކަމަށް ބުނެ ރިތޭޝް ސިންގް ތައާރަފުކޮށްދީފައެވެ.

ރިތޭޝް އަދި ރާކީގެ ކައިވެނި ކުރެވުނުކަމަށް ދެމީހުންވެސް ބުނެފައިވާއިރު ކައިވެންޏެއް ގޮތުގައި ރަސްމީކޮށް ފާސްކޮށްފައި ނުވާކަމަށް ދެމީހުންވެސް ވަނީ ފަހުން އެއްބަސްވެފައެވެ. ރާކީގެ ކުރިން ރިތޭޝް ކައިވެންޏެއް ކޮށްފައިވާއިރު އަންހެނުންނާ ވަކިން ދިރިއުޅެމުން އައި ނަމަވެސް ވަރި ސާބިތުވެފައި ނުވާތީ ރާކީ އާއި އެކު ކޮށްފައިވާ ކައިވެނި ވަނީ ސާބިތު ނުކުރެވިއެވެ.

މީގެ ކުރިން ރިތޭޝް ބުނެފައިވަނީ ރާކީ އާއި އޭނާ ބައްދަލުވީ ރިތޭޝްގެ ހަޔާތުން ދަތި ދުވަސްވަރެއްގައި ކަމަށާއި އަދި އޭނާއަށް ހިތްވަރު ދިނުމުގައި ރާކީ ސާބިތުވެ ހުރި ކަމަށެވެ. އަދި ރާކީ އާއި ރިތޭޝް އަކީ ދެމަފިރިންކަމަށް ގަބޫލުކުރާކަމަށާއި ބިގްބޮސް ނިމުމަށްފަހު އެންމެހާ ހުރަސްތަކެއް ގިރާކޮށް ދެމީހުން އުފަލުގައި އުޅުމަށް މަސައްކަތްކުރުމަށް ވިސްނާފައިވާކަމަށް ރިތޭޝް ވަނީ ބުނެފައެވެ.