މާލޭ ޖަލުގައި ގައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭގޮތަށް ހާއްސަކޮށްފައިވާ ތިން ކޯޓުރޫމް އިއްޔެ ބޭނުންކުރަން ފަށައިފިއެވެ.
އިއްޔެ މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތެއްގައި، ކޯޓު ރޫމުތައް ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅުއެވެ. އެ ރަސްމިއްޔާތުގައި މުހައްމަދުފުޅުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕްރިޒަންސް އިބްރާހިމް މުޖައްމަދު ދީދީ، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕްރިޒަންސް މުހައްމަދު އާސިފު، މާލޭ ޖަލުގެ ޑައިރެކްޓާ ޑެޕިއުޓީ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ތޮލާލު އަދި ކަރެކްޝަންގެ ކޮމިޝަންޑް އޮފިސަރުންނެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުހައްމަދުފުޅު ވިދާޅުވީ، މާލޭ ޖަލުގައި ބޭނުންކުރަން ފެށި ތިން ކޯޓު ރޫމަކީ ކަރެކްޝަންގެ މަސައްކަތްތަކައް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މުހައްމަދުފުޅު ވިދާޅުވީ މިދިޔަ އަހަރު ވެސް ޖަލުތަކުގައި ބަންދުގައި ތިބި މީހުންގެ ޝަރީއަތްތައް އޮންލައިންކޮށް ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާނެ ކަމަށެވެ.
"ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ގިނަ މަސައްކަތްތަކެއް އޮންލައިންކުރަން މަޖުބޫރު ކުރަން ޖެހިފައިވުމުން ރާއްޖެކަހަލަ ގައުމެއްގައި އެކިއެކި ތަންތާނގައި ތިބެގެން ޝަރީއަތް ހިންގޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި އަޅުގަނޑުމެން ވާނީ ގިނަ މަސައްކަތްތަކެއް މިދަޔަ އަހަރުވެސް ކޮށްފައި" މުހައްމަދުފުޅު ވިދާޅުވިއެވެ.
މުހައްމަދުފުޅު ވިދާޅުވީ ކަރެކްޝަން ސާވިސްގެ ބެލުމުގެ ދަށުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ 298 މީހުން އެބަތިބި ކަމަށެވެ. އަދި އޭގެ ތެރެއިން 80 ޕަސަންޓު މީހުންނަކީ އަތޮޅުތަކުގެ މެޖިސްޓްރޭޓު ކޯޓުން ބަލަމުން އަންނަ މައްސަލަތަކަށް ވުމުން ބަންދުގައި ތިބޭ މީހުން އެއްތަނުން އަނެއްތަނަށް އުފުލުމަކީ ތަކުލީފާއި ހަރަދު ބޮޑުކަމެއް ކަމަށެވެ.
ނަމަވެސް މިއަދު ގާއިމުކުރެވުނު ޖަލު ކޯޓުރޫމުތަކުގެ ސަބަބުން އެ ހަރަދުތައް ވަރަށް ބޮޑަށް ކުޑަ ކުރެވިގެންދާނެކަމަށް މުހައްމަދުފުޅު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު