ކުރިމަތިލައްވާނެ ކަމަށް އިއުލާނު ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން އެމްޑީޕީގެ ޗެއާޕާސަން ކަމަށް އެންމެ ގާބިލު ކެންޑިޑޭޓަކީ، ފައްޔާޒް އިސްމާއީލް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެ އެވެ.
ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލިހުގައި އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި، ގަމު ދާއިރާގެ ގޮނޑި ފުރުއްވުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމުން، މަޖިލިސް ގޮނޑިން އިސްތިއުފާ ދެއްވައި ކެބިނެޓާ ގުޅިވަޑައިގެންނެވި ފައްޔާޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާ އެމްޑީޕީގެ ޗެއާޕާސަން ކަމުގެ މަގާމަށް ވާދަ ކުރައްވާކަން ރަސްމީކޮށް އިއުލާން ކުރައްވައިފައެވެ.
އެއަށްފަހު ފައްޔާޒު ވިދާޅުވެފައި ވަނީ، އަމާޒަކީ ޕާޓީ އިތުރަށް ހަރުދަނާކޮށް އެމްޑީޕީގެ ހެޔޮވެރިކަން ދެމެހެއްޓުން ކަމަށެވެ.
އެކަމުގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންގެ ތާއީދަށް އެދިވަޑައިގަންނަވާ ކަމަށާއި، މި އިންތިހާބު ގެ ސަބަބުން ޕާޓީ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމާމެދު ޝައްކު ނުކުރައްވާކަމަށްވެސް ވިދާޅުވެފައިވެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ރޮޒޭނާ މިރޭ ވިދާޅުވީ ފައްޔާޒަކީ ހިންގުންތެރިކަމުގައި ނަތީޖާ ދައްކަވާފައިވާ ބޭފުޅެއް ކަމަށާއި އެމްޑީޕީގެ ހިންގުމަށް އެފަދަ ބޭފުޅަކު މުހިންމު ކަމަށެވެ.
"ފައްޔާޒްގެ ހިންގުންތެރިކަމާއި ލީޑަރޝިޕް ކޮލިޓީއާ މެދު އެއްވެސް ސުވާލެއް ނެތް. އެމްޑީޕީ ކަހަލަ ވަރުގަދަ، ޑިމޮކްރެޓިކް ޕާޓީއެއްގެ ލީޑަރޝިޕް ހޭންޑްލް ކުރައްވައި ޕާޓީ ރަނގަޅަށް ހިންގައިލެވޭގެ ގާބިލުކަން ފައްޔާޒްގެ ހުންނާނެ." ރޮޒޭނާ ވިދާޅުވި އެވެ.
މީގެ އިރުކޮޅެއް ކުރީން ކުރެއްވި ޓުވީޓެއްގައި ރޮޒޭނާ ވިދާޅުވީ، ޕާޓީގެ ލީޑާޝިޕަށް މިވަގުތު ފައްޔާޒް ކަހަކަ ބޭފުޅަކު ބޭނުންވާ ކަށެވެ. އަދި ފައްޔާޒްގެ އަގު ވައްޓާލަން މީހުން ކޮންމެ އެއްޗެއް ކިޔަސް އެއީ ތެދުވެރި، އުސޫލު ދަމަހައްޓަވާ ބޭފުޅެއްކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ރޮޒޭ ވިދާޅުވި އެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަމުގެ ގޮނޑިއަށް ވާދަކުރައްވާނެ ކަން، އެޕާޓީގެ ޕާޓީގެ އިސް ތަރުޖަމާނު ކަމުގެ މަގާމުގައި މިހާރު ހުންނެވި، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވެސް ވަނީ އިއުލާނު ކުރައްވައިފަ އެވެ. އިންތި ވާދަކުރައްވާނެ ކަމަށް އިއުލާނުކުރެއްވުމާ އެކު، މަޖިލީހުގެ ނައިބު ރައީސް، އީވާ އަބްދުﷲ ވަނީ އިންތިއަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފަ އެވެ.
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް