މުނިފޫހިފިލުވުން

އެންގޭޖްމަންޓާ ގުޅޭ ވާހަކަތަކަށް އެޑެލް އިންކާރެއް ނުކުރޭ

މިދިޔަ ހަފުތާގައި ކުރިއަށް ދިޔަ ބްރިޓްސް އެވޯޑުގައި ލަވަކިޔުންތެރިޔާ އެޑެލް ހޯދި ކާމިޔާބީއަށްވުރެ ގިނަބަޔަކު ޝައުގުވެރިކުރުވީ އޭނާގެ އިނގިލީގައި އަޅާފައިވާ އަނގޮޓިއެވެ.

ފެބްރުއަރީ 8 ވަނަ ދުވަހު ކުރިއަށް ދިޔަ ބްރިޓްސް އެވޯޑު ހަފުލާގައި އެޑެލް ބައިވެރިވިއިރު އޭނާގެ އިނގިލީގައި އަޅާފައިވާ އަނގޮޓިއާ ގުޅިގެން އެޑެލް އެންގޭޖުވި ވާހަކަތަކުގެ އަޑުތައް ވަނީ ގަދަވެގެން ގޮސްފައެވެ. ބްރިޓްސް އެވޯޑަށްފަހު އެޑެލް ބައިވެރިވި ގްރެހެމް ނޯޓަން ޝޯ ގައި އެ ޝޯގެ ހޮސްޓު ގްރެހެމް ވަނީ އެޑެލްއާ މި ސުވާލު ކުރިމަތިކޮށްފައެވެ. މި ސުވާލަށް ސީދާ ޖަވާބެއް އެޑެލް ދީފައި ނުވާއިރު އޭނާ ބުނެފައިވަނީ އެންގޭޖުވިޔަސް ނުވިއަސް އެންމެން ގާތުގައި އެވާހަކަ ދައްކަން އޭނާ ބޭނުންވާނެތޯ އަހާފައެވެ. މިވަރުންވެސް ގްރެހެމް ދޫނުކޮށް ފެންނަ ފެނުމަށް އެޑެލް އެންގޭޖުވެފައިވާކަމަށް ހީވާކަމަށް ބުނުމުން އެޑެލް ވަނީ އެންމެ ރަނގަޅުކަމަށް ބުނެފައެވެ. އެޑެލް ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ރިޗް ޕޯލް އާއެވެ.

ގްރެހަމް ނޯޓަން ޝޯގެ ތެރެއިން---

މީގެ ކުރިން ސައިމަން ކޮނެކީއާ ގުޅިގެން އުޅުމަށްފަހު 2018ވަނަ އަހަރު ވަކިވެފައިވާއިރު މި ދެމީހުން ސިއްރުން ކައިވެނިކޮށްގެން އުޅުނުކަމަށް މިދިޔަ އަހަރު ބްރިޓިޝް ވޯގަށް ދިން އިންޓަވިއުއެއްގައި އެޑެލް ވަނީ ބުނެފައެވެ. މި ދެމީހުންނަށް 9 އަހަރުގެ ފިރިހެއް ކުއްޖަކު ލިބިފައިވާއިރު ދެމީހުންގެ މެދުގައި އެކުވެރިކަން އަންނަނީ ދަމަހައްޓަމުންނެވެ. ނިމިގެން ދިޔަ ބްރިޓްސް އެވޯޑުގައި ބެސްޓް އެލްބަމް އެވޯޑާއި ހަވާލުވަމުންވެސް އެޑެލް ވަނީ އޭނާގެ ދަރިފުޅު އެންޖެލޯ އަދި ކުރީގެ ބައިވެރިޔާ ސައިމަން އަށް ޝުކުރު އަދާކޮށްފައެވެ.

ގްރެހެމް ނޯޓަން ޝޯގައިވެސް އެޑެލްވަނީ އެންޖެލޯ އަދި ސައިމަން އޭނާއަށް ވަރަށް ހާއްސަ ކަމަށް ބުނެފައެވެ. އަދި އާއިލާ ރޫޅިފައިވީނަމަވެސް ތިން މީހުންގެ މެދުގައި ރަނގަޅު ގުޅުމެއް ދަމަހައްޓަމުން އަންނަ ކަމުގައި އޭނާ ވަނީ ބުނެފައެވެ.