މުނިފޫހިފިލުވުން

ރަންވީރު ސިންގް ގެ "83" މިމަހު ނެޓްފްލިކްސަށް

ބޮލީވުޑް ތަރި ރަންވީރު ސިންގު ލީޑުން ފެނިގެންދާ ފިލްމު ''83'' މިމަހު ނެޓްފްލިކްސްއަށް އައުމަށް ވަނީ ހަމަޖެހިފައެވެ.

1983ވަނަ އަހަރު އިންޑިއާގެ ޓީމު ދުނިޔޭގެ ކްރިކެޓް ޗެމްޕިއަނުންނަށް ވެގެންދިޔަ ގޮތުގެ ވާހަކައިގެ މައްޗަށް އުފައްދާފައިވާ ފިލްމުގައި ރަންވީރު ސިންގު ކުޅެދީފައިވަނީ އެ އަހަރުގެ ކްރިކެޓު ޓީމުގެ ކެޕްޓަން ކަޕިލް ދޭވް ގެ ރޯލެވެ. އިންޑިއާގެ ބޮކްސް އޮފީހުގައި 8 ހަފުތާވަންދެން އޮތުމަށްފަހު ދެ ޑިޖިޓަލް ޕްލެޓްފޯމެއްގައި މިމަހުގެ ތެރޭގައި މި ފިލްމު ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. ނެޓްފްލިކްސް އިންޑިއާއިން މިފިލްމުގެ ހިންދީ ރައިޓްސް ގަނެފައިވާއިރު ޑިޒްނީ ހޮޓްސްޓާ އިން ދައްކަން ހަމަޖެހިފައިވަނީ މި ފިލްމުގެ ޓެމިލް، ޓެލުގޫ، ކަންނާޑާ އަދި މަލާޔަމް ބަހުން ރިލީސްކުރި ފިލްމެވެ.

މިދިޔަ އަހަރު ރިލީސްކުރި ''83'' ވަނީ ކަމަލް ހަސަންގެ ރާޖްކަމަލް ފިލްމްސް އިންޓަނޭޝަނަލް އަދި އަކިނޭނީ ނަގަރްޖުނާގެ އަންނަޕޫރްނާ ސްޓޫޑިއޯ އާއި ރިލަޔަންސް އެންޓަޓެއިންމަންޓާއި ގުޅިގެން ޓެމިލް އަދި ޓެލުގޫ ބަހުން ގެނެސްދިނުމަށް ހަވާލުވެފައެވެ. އަދި ޕްރިތުވިރާޖް ޕްރޮޑަކްޝަން އާއި ޝާލިނީ އާޓްސް ގުޅިގެން މަލަޔާޅަމް އަދި ކަންނާޑާ ބަހުން މި ފިލްމު ގެނެސްދިނުމާވެސް ވަނީ ހަވާލުވެފައެވެ.

ރިލަޔަންސް އެންޓަޓެއިންމަންޓް އަދި ފެންޓަމް ފިލްމްސް ގުޅިގެން ކަބީރު ހާން ފިލްމްސް ޕްރޮޑަކްޝަން އިން ނެރުނު ''83'' އުފެއްދުމުގައި ކަބީރު ހާންގެ އިތުރުން ބަތަލާ ދީޕިކާ ޕަދުކޯން ވެސް ވަނީ ބައިވެރިވެފައެވެ. ޕްރޮޑަކްޝަންގެ އިތުރުން ދީޕިކާ ވަނީ މިފިލްމުގައި ކަޕިލްގެ އަންހެނުންގެ ރޯލު ކުޅެދީފައެވެ.

ނެޓްފްލިކްސް އަދި ޑިޒްނީ ހޮސްޓްސްޓާ ގައި ފިލްމު ''83'' ރިލީސްކުރުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ނުވަތަ 25 ގައި ކަމަށް ހަބަރުތައް ބުނެއެވެ.