މުނިފޫހިފިލުވުން

މިނިވަންވި ފަހުން އާރްޔަން ހާން ފުރަތަމަ ފަހަރަށް މީޑިއާގެ ކުރިމައްޗަށް

ޝާހްރުކް ހާންގެ ދަރިފުޅު އާރްޔަން ހާން މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުގައި ހުރުމަށްފަހު މިނިވަންވި ފަހުން ފުރަތަމަ ފަހަރަށް އިވެންޓެއްގައި ބައިވެރިވެއްޖެއެވެ.

މީޑިއާގެ ކުރިމައްޗަށް އާރްޔަން ނުކުމެފައިވަނީ ކުރިއަށް އޮތް އިންޑިއާގެ އެންމެ ފޯރިގަދަ ކުޅިވަރު ހަރަކާތް ކުރިކެޓު ޕްރިމިއާ ލީގު - އައިޕީއެލް އޯކްޝަންގެ ބްރީފިންގައެވެ. ޝާހްރުކް ހާންގެ ބަދަލުގައި އޭނާގެ ދެ ދަރިން ސުހާނާ ހާން އަދި އާރްޔަން ހާން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. ޝާހްރުކް ހާންގެ ޓީމް ކަލްކަތާ ނައިޓް ރައިޑާސް - ކޭކޭއާރް ގެ ޓީމް މެންބަރުންނާއެކު މި ހަރަކާތުގައި ސުހާނާ ހާން އަދި އާރްޔަން ހާން ބައިވެރިވެފައިވާއިރު ޖޫހީ ޗާވްލާގެ ދަރިފުޅު ޖާންވީ މެހެތާވެސް ވަނީ ބައިވެރިވެފައެވެ. ޖޫހީ ޗާވްލާ ވަނީ އޭނާގެ ދަރިފުޅާއި ޝާހްރުކްހާންގެ ދަރިން މި ހަރަކާތުގައި އެކުގައި ފެނިގެންދާ ފޮޓޯއެއް އިންސްޓަގުރާމުކޮށްފައެވެ. އޭގެ އިތުރުން ކަލްކަތާ ނައިޓް ރައިޑާސް އިން ވެސް ވަނީ އައިޕީއެލް އޯކްޝަން ބްރީފިންގައި މި ދެ އެކްޓަރުންގެ ދަރިންނާއެކު ހަރަކާތްތެރިވާ ފޮޓޯއެއް ޓުވީޓުކޮށްފައެވެ.

ސުހާނާ ހާން، އާރްޔަން ހާން އަދި ޖާންވީ މެހެތާއާއެކު ޓީމުގެ ސީއީއޯ---

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއިން ރެއިޑުކުރި ކްރޫސްޝިޕަކުން އާރްޔަން ހާން ހިމެނޭހެން ވަނީ ގިނަ އަދަދެއްގެ ބަޔަކު މަސްތުވާތަކެތި ގެންގުޅުނު މައްސަލައިގައި ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި އޮކްޓޫބަރު 3 ވަނަ ދުވަހުން ފެށިގެން ބަންދުގައި 22 ދުވަހު ހުރުމަށްފަހު އާރްޔަން ހާން ވަނީ ކަފާލާތުގެ ދަށުން މިނިވަންވެފައެވެ.

މިފަހަރުގެ އައިޕީއެލް އޯކްޝަން ބްރީފިންގައި އެހެނިހެން އަހަރުތަކުގައި ގަވާއިދުން ބައިވެރިވަމުން އަންނަ ބަތަލާ ޕްރިތީ ޒިންތާއަށްވެސް ވަނީ ބައިވެރިވެވޭގޮތް ނުވެފައެވެ. މިދިޔަ އަހަރު އެއްމާބަނޑު ދެކުދިންގެ މަންމައަކަށްވި ޕްރިތީ ވަނީ އޭނާގެ ޓީމް ޕަންޖާބް ކިންގްސްގެ އޯކްޝަން މިފަހަރު ބަލަން ޖެހޭނީ ޓީވީން ކަމަށް ބުނެ ތުއްތު ދަރިފުޅާއެކު ނަގާފައިވާ ފޮޓޯއެއް ޕޯސްޓުކޮށްފައެވެ.

ފެބްރުއަރީ 12 އަދި 13 މި ދެދުވަހު ކުރިއަށްދާ އައިޕީއެލް އޯކްޝަން ޑިޒްނީ ހޮސްޓްސްޓާ އިން ސްޓްރީމްކުރަން ފަށާފައިވާއިރު މި ހަރަކާތް ސްޓާ ސްޕޯޓްސްއިން ވެސް ކަވަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.