ސަތިރީސް ވަނަ ބައި

ދުނިޔޭގެ ކަން ހިނގަމުންދާ އުސޫލުގެ މަތިން ކޮންމެ ދިރިއުޅުމެއްގައި ކޮންމެ ހާލަތެއް އޮތަސް އިލަހީ ގާނޫނުގައި އޮންނަ ގޮތުގެ މަތިން އިރުއަރައި އޮއްސެމުން ކަލަންޑަރުގެ ސޮފުހާތައް ދުވަސްތަކާއި ރޭތަކުން އުކެމުން، ވަގުތުގެ އޮޔާއިވަޔާއެކު، ކުރިއަށް އޮވެދެއެވެ. ޝާމިންގެ ދުވާލާއި ރޭތައް ބިނާވެފައި އޮންނަ ބުރަ ތާވަލަށް ފާޑުކިޔާކިޔާ ޝިޔާމާ އާއި ދޮންދީދީ ވަރުބަލިވެގެން އެވާހަކަ ދެއްކުން ހުއްޓާލައިފިއެވެ. އެއީ ކޮންމެ ކަމެއްވެސް ނިމޭ ގޮތެވެ. ގޮތުގައި ހިފަހައްޓާ މީހާއަށް އޭނާ ބޭނުންވާ ކަމަކުން ކުރިއެރުން ލިބިދެއެވެ. މިގޮތް ޝާމިނަށް ދަސްވެ އެނގުނީ ދޮންދީދީ އާއި ޝިޔާމާގެ ފުށުންނެވެ. ވީއިރު އެމީހުންނަށްވުރެ އޭނާ ކުޅަދާނަވާނެ ނޫން ހެއްޔެވެ. އެދުރަށްވުރެ ކެރިހުރެ އުނގެނޭ ދަރިވަރު މާބޮޑަށްވެސް މޮޅުވާނެތާއެވެ.

ރޭގަނޑުގެ ކެއުމަށްފަހު ކުރަންޖެހޭ އެހެންކަންތައް ނިމިގެން އެންމެން އެމީހެއްގެ ތަންމައްޗަށް ދިޔަތާ އިރުކޮޅެއް ވެއްޖެއެވެ. ގޭތެރޭގައި ގަދަވެފައި ހުރި ކުދިންގެ އަޑުތަކާއި އެހެނިހެން އަޑުތައް މަޑުވެ ނިދީގެ ހިމޭންކަން ގޭތެރޭގައި ރަސްކަން ކުރަން ފެށިތާ އިރުކޮޅެއް ވެއްޖެއެވެ. މިގޭގައި ހުރި ދެކޮޓަރިން އެއްކޮޓަރީގައި ތިންކުދިން ގޮވައިގެން ސަމަދާއި ޒިމްނާ އުޅެން ފެށީ އެކޮޓަރީގެ ފެންވަރު ހަމަ އެންމެ ބޮޑެތި ހަރަދުކޮށްގެން ރަނގަޅުކޮށްގެނެވެ.

ޒިމްނާގެ ކޮންމެ އުފަލަކަށްޓަކައި ފެށުނީއްސުރެ ހިތާއި ޖާނުން ފިދާވާ ސަމަދަކީ ދީންވެރި ހުލްގުހެޔޮ ފިރިއެކެވެ. އޭނާއަށްވުރެ ދިހަ އަހަރު ހަނގުނަމަވެސް ޒިމްނާ އޭނާއާ ކައިވެނިކުރީ އަމިއްލައަށް އެދިގެންނެވެ. ހިތުގައި އޮތަސް ޒިމްނާއަށް ލޯބިހުށަހަޅަން ނުކެރިފައި މައިންބަފައިން ގާތުގައި ޒިމްނާގެ ވާހަކަ ބުނީ އޭނާއަކީ ރާއްޖެއިން ބޭރު އަރަބިގައުމަކުން ކިޔަވައިގެން އައުމުގެ ކުރިންވެސް ލަދުރަކި އިސްލާމްދީނަށް ވަރަށްބޮޑަށް ކަމޭހިތާ މީހަކަށްވާތީއެވެ. މީހުން ފާޑު ކިޔާފާނެ ކަމަށް ޖެހިލުންނުވާ ޒިމްނާއަށް ސަމަދުގެ ކައިވެނި ހިފައިގެން އައިސް ތިބި ހެކިވެރިން ފެނުމުން އާދައިގެ މަތިން ލާނެތް ކަމެއް ކޮށްނުލައި ހިތްހަމައެއް ނުޖެހުނެވެ.

އެއިރުވެސް އޭނާގެ އެންމެ ގާތުގައި ހުރި އެކުވެރިއަކީ ޝައުފާއެވެ. އެފަދަ ސަމާސާއެއް ކުރާ ވާހަކަ ބުނުމާއެކު ޝައުފާ ދެކޮޅުހެދިއެވެ. ބޭނުންނޫނިއްޔާ އިތުރަށް ކަމެއް ކުރުމެއް ނެތި ނޫނެކޭ ބުނާށޭ ރުހެންޏާ އާއެކޭ ބުނާށޭ ކިޔައި ވިސްނައިދިނެވެ. އެކަމަކު ޒިމްނާއަކަށް ސަމަދާ ސަމާސާކޮށްލުމެއް ނެތި ކައިވެންޏަށް އާނބަސް ބުނާކަށް ހިތްހަމަނުޖެހުނެވެ.

ޒިމްނާ ސަމަދަށް ދައުވަތު ދިނީ ޝައުފާގެ ކޮޓަރިން ބައްދަލު ކުރުމަށެވެ. އެގޭ ދޮރާށި ބުޑުގައި އެތައް އިރެއްވަންދެން ހުރި ސަމަދަށް ކޮޓަރިއާ ހަމައަށް ގެންދަން ޒިމްނާ އެތައް ވާހަކައެއް ދައްކަން ޖެހުނެވެ. އެންމެ ފަހުން ޝައުފާވެސް ހުންނާނެ ކަމަށް ބުނެ ކޮފީއެއް ނޫނީ ސައިތަށްޓެއް ބުއިމުގެ ބަހަނާގައި ސަމަދު ކޮޓަރިއަށް ވެއްދުނުއިރު ގަޑިއެއްހާއިރުވެއްޖެއެވެ. ކޮޓަރީގައިވެސް ސަމަދު އެއްތާކު އިށީނދެގެން މަޑުން އިންނަ ގޮތެއް ނުވިއެވެ. ޝައުފާ ދާން ހިނގައިގަންނަ ކޮންމެ ފަހަރަކު ސަމަދު ޝައުފާގެ ފަހަތުން ދާން ތެދުވެއެވެ. އެގޮތަށް އެތައް ހިތްވަރެއް ކުރި ފަހުން ކޮފީ ގެނައުމުގެ ބަހަނާގައި ޝައުފާއަށް ބޭރަށް ނުކުމެވުނީ ދޮރު ހުޅުވާލާފައި ބަހައްޓާނެކަމުގެ ޔަގީންކަން ދީގެންނެވެ. ޝައުފާ ދިއުމާއެކު ޒިމްނާ ދޮރުލައްޕައި ތަޅުލިއެވެ. އަދި އޭނާ ބޭނުންވަނީ ކައިވެނީގެ ކުރިން ސަމަދުގެ ކެރޭވަރާއި ހިތްވަރާއި އަނބިމީހާ ހިތްހަމަޖައްސާނެ ވަރުގެ ހިތްވަރެއް ހުރިތޯ ބަލަން ކަމަށް ބުނެ ސަމަދާ ގާތަށް ޖެހުނެވެ. ވިއްސަކަށްއަހަރުގެ ޒިމްނާއަށްވުރެ ދިހައަހަރު ދޮށީ ސަމަދު ހީވީ ބިޗުލެއް ކަށިޖެހީމަ ފުންމައިގަތްހެނެވެ. ތެޅިފޮޅިގެންފައި ދާހިއްލައި ފޯވެފައި ހުރެ ޒިމްނާ ދުރަށް ކޮއްޕާލާފައި ސަމަދު ތެދުވި އިރު ހުރީ ރުޅިއައިސްރަތްވެފައެވެ.

"ޗީޗީ... ހަމައިގަތަ ތިހުރީ... މަށެއް ނޫޅެން މޮޔަވެގެނެއް.... އަހަރެންގެ އަލަތު އަނބިމީހާއާއެކު ހުއްދަ ގޮތުގަ އަހަރެން އުޅޭނީ.... ކިތަންމެ ހިތްކިޔަސް ތިފާޑު އަންހެނަކާ އިންނާކަށް ބޭނުމެއް ނޫން.... ތަޖުރިބާނުކޮށް ނުދަންނަ މީހަކާ އިންނާނީ ކިހިނެއް ހެއްޔޭ އަހައިފިއެއްނު؟ ފުރަތަމަ ރޭވެސް ކަމުނުގޮއްސިއްޔާ ކިހިނެކޭ ހަދާނީ އަހައިފިއެއްނު....! ވާހް... ހާދަހާ ވާ ފެޝަނަބަލް މޮޑާން އަންހެނެކޭދޯ..."

ސަމަދުގެ އެރުޅިވެރި ބަސްތައް އަޑު އަހަން ބޭރުގައި ހުރި ޝައުފާ ބޭރުން ތަޅުދަޑިޖަހައި ދޮރުހުޅުވާލަފައި އެތެރެއަށް ވަނެވެ. އެވަގުތު އޭނާގެ ލޮލުން ސަމަދަށާއި ޒިމްނާއަށް ކަރުނައިގެ ތެތްކަން ފެނުނެވެ.

"ޒިމޫ... މިވަރުގެ ފިރިއެއް ކިތަންމެ ހޯދިޔަސް ނުލިބޭނެ. މަދުންނޫނީ މިކަހަލަ ފިރިހެނުން ނުފެންނާނެ.... ސަމަދުބޭ.... އަހަރެންގެ މޮޔަ އެކުވެރިޔާދެކެ އަބަދުވެސް ތިވަރަށް ލޯބިވާނަންތަ....؟ އޭނަގެ ބޭކާރު ތާކުންތާކު ނުޖެހޭ ފިލޯސޮފީ ފޫހިނުވެ އަޑު އަހާނަންތަ....؟" ޝައުފާގެ ލޮލުން އެދުވަހު ސަމަދަށް ފެނުނީ އޯގާތެރި އެހާމެ ހިތްހެޔޮ މަޑުމައިތިރި ކޮއްކޮއެއްގެ ލޯތްބެވެ. އެދުވަހުން ފެށިގެން ޝައުފާއާ ބެހޭ ގޮތުން ޒިމްނާ އެދުނު ކޮންމެ ކަމެއް އެއްވެސް ސުވާލަކާ ނުލައި ފޫހިކަމެއް ނެތި ސަމަދު ކޮށްދެއެވެ. ޝައުފާއަކީ އޭނާގެ އުފަން ކޮއްކޮއެއްފަދައެވެ.

އެހެންކަމުން މިފަދަ ހާލަތެއް މެދުވެރިވުމުން ޝައުފާ އެކަނިއުޅޭކަށް ދުލެއް ނުކުރެވޭނެތާއެވެ. މިރަށަށް ދިރިއުޅުން ބަދަލުކުރިފަހުން ޝައުފާ ތަންމަތިއަރާ ވަރަށް ބަލިވެ ހާލު ދެރަވުމުން މިގެއަށް ބަދަލުވުމަށް ޒިމްނާ އެދުނީ ސަބަބެއް ނެތިއެއް ނޫނެވެ. ޝާމިނަށް ދެކުދިންގެ ކަންތައް ކުރަމުން ޝައުފާއަށް އަޅާލަން ޖެހޭ ވަރަށް އަޅާލައި ކަމޭނުހިތޭނެކަން އޭނައަށް އެނގޭތީއެވެ. އަދި އެދެކުދިންގެ އެއްވެސް ކަމެއް ޝާމިންގެ އާއިލާގެ އެއްވެސް މީހަކު ކުރާކަށް ޒިމްނާ ބޭނުމެއް ނުވެއެވެ. އެހެންކަމުން މިގޭގައި ހުރި އެއްކޮޓަރި އެދެމަފިރިންނާއި ތިންކުދިންނަށް އުޅުމަށް ފަސޭހަ ގޮތެއް ހަދައިގެން މިގެއަށް ބަދަލުވީއެވެ. އެއީ ޝާމިނަށްވެސް ލިބުނު އިތުރު ހިތްހަމަޖެހުމަކާއި ހިތަވްރެއްވެސްމެއެވެ.

މިހާރު ޝައުފާގެ ކޮޓަރި ތައްޔާރު ކުރެވިފައި ހުންނަނީ ބަލިމީހަކު ފަސޭހައިން ގެންގުޅެވޭނެ އަދި ބަލިމީހަކަށް ފަސޭހަކޮށް އުޅެވޭނެ ކަހަލަ ގޮތަކަށެވެ. އެނދާއި ފާހާނާއާ ދެމެދު ހިނގާ އުޅުމަށް ބޭނުން ކުރާނެ ފަސޭހަ ކްރަޗެސް އަދި ބޭރު ތަނަކަށް ދާން ބޭނުންވެއްޖެ ނަމަ އެނދުން ފައިބާ ގޮތަށް އަރައި އިށީނދެލެވޭނެ ގޮތަށް އެނދާ ކައިރީގައި ފާރުގައި ޖައްސާފައި ހުންނަ ފުރޮޅުލީ ގޮނޑި އާއި އެނދާ ހަމަ ވަރަށް ގާތުގައި ހުންނަ ހެޔޮވަރުގެ ކުޑަ ފުރޮޅުލީ މޭޒަކީވެސް އެނދުގައި މީހަކު އިނދެ ދަމާ ކައިރިކޮށްލެވޭ ގޮތަށް އޭގެ ވަތްގަނޑުތައް ދެމޭނެހެން ބޭނުންކުރާ ސާމާނުލެވޭނެގޮތަށް ތައްޔާރު ކުރެވިފައިވާ މޭޒެކެވެ.

އެނދުގެ ފަޑިއަކަށް ހުންނަ ސައިޑުކަބަޑުގައި، ޓިޝޫއާއި މިރުވަސްދުވާ ފާޑުފާޑުގެ ފުޅިތަކާއި ބޭނުންކުރާ ކުދިކުދި ތަކެތި ފަސޭހައިން އަތުޖެހޭ ގޮތަށް ބަހައްޓާފައި ހުންނައިރު އެނދުގެ ދަށުން ދަމާލެވޭ ވަތްގަނޑުތަކަކީވެސް ބޭނުންކުރާނެ ސާމާނުތަކަށް ހާއްސަކޮށް ހަދާފައިވާ ތަކެއްޗެވެ. ބޮޑު ފުޅާ އެނދުގެ މިލަފޭލިކޮންމެ ދެދުވަހުން އެއްދުވަހު ބަދަލު ކުރެވޭއިރު ކޮޓަރީގެ ބޮކިތައްވެސް ހަރުކޮށްފައިވަނީ ބަލިމީހަކަށް ހިތަށް ހަމަޖެހުން ލިއްބައިދޭ ގޮތަކަށެވެ. އެނދާ ދިމާކުރި މަތީގައި ހުރި ފާރުގައި ހަރުކޮށްފައި ހުރި ޓީވީއިން ބޭނުން ކޮންމެ ޗެނެލް އެއް ބަލައިލެވޭ ފަދައިން އެއީ އިންޓަނެޓްގެ ހުރިހާ ކަމެއްވެސް ބޭނުން ކުރެވެން ހުންނަ އެއްޗެކެވެ. އެނދުގެ އޮވެގެން ފަސޭހަކަމާއެކު ޔޫޓިއުބާއި އެހެނިހެން ސޯޝަލް މީޑިޔާގެ ހުރިހާ ވަސީލަތެއް ބޭނުންކުރެވޭނެހެން އެނދުގެ ސައިޑުކަބަޑުގައި ކީބޯޑާއި މައުސް ބެހެއްޓިފައި ހުރެއެވެ.

ޝައުފާގެ މިކުޑަކުޑަ ދުނިޔެ ބިނާކޮށްފައި ހުންނަނީ ޝާމިންގެ ފޯނަށް އެކޮޓަރި ފެންނާނެހެން ކެމެރާހަރުކުރެވިފައެވެ. އެކެމެރާ އާއި ޝާމިންގެ ފޯނާ ހުންނަނީ ގުޅާލެވިފައެވެ. އަދި ދުވާލު ޝާމިން ގޭގައި ނޫޅޭނަމަ ކެމެރާއިން ޒިމްނާއަށް ކޮޓަރިތެރެ ބަލައިލެވޭނެހެން ހަމަޖައްސާފައި ހުންނައިރު ސަމަދާއި ޝާމިނާއި ޒިމްނާއަށް ޝައުފާގެ ފޯނުން ބޭނުންވެއްޖެ ކޮންމެ ހާލަތެއްގައި ޒެލޯއިން ގޮވާލެވޭ ގޮތަށް އެކަކުއަނެކަކަށް ގުޅުން ހުންނަނީ ހަމަޖައްސައިފައެވެ. މިއީ ޝާމިން އޭނާގެ ލޮބުވެތި އަނބިމީހާއަށްޓަކައި ބިނާކޮށްފައިވާ ގަނޑުވަރެވެ. އަދި އެންމެ ހާއްސަ ކަމަކީ ބިނާކުރެވެމުންދާ މިސްކިތުގައި ހަރުކުރެވިފައި ހުރި ކެމެރާތަކުން ޝައުފާއަށް ދަތިކަމެއް ނެތި މިސްކިތުގެ މަސައްކަތްތައް ބަލައިލެވޭނެކަމެވެ.

"ކަމަނާ..."

އެނދުގެ މަގަތުން އިށީނދެ ޝައުފާގެ ކޮނޑުގައި ހިފާލަމުން ޝާމިން ގޮވާލިއެވެ.

"ކޮންމެވެސް ވާހަކައެއް ބުނަންވެގެން އިއްޔެއްސުރެ އެބަކިޔަމެއްނު... މިހާރުދެން ބުނާހިތްވެއްޖެބާ....؟" ނުހަނު ލޯތްބާއެކު ޝައުފާގެ އިނގިލިތަކާ ކުޅެމުން ޝާމިން އަހާލިއެވެ.

"ނޭނގޭ ކޮން ހިސާބަކުންކަމެއް ފަށާނީ...." ޝާމިންގެ އުނގުގައި ބޭއްވުނު ބޯ އުފުލާލަމުން ޝައުފާ ބުނެލިއެވެ.

"އެއްވެސް ހިސާބަކުން ފަށަން ވިސްނާނެކަމެއް ނެތް، މިހެން މިއުނގުގައި... މިގޮތަށް އޮވެ އަހަރެންގެ ލޮލާ ހަތަރުކަޅި ހަމަކޮށްފަ ހަމަބުނެލާ.... ކަމަނާ އަހަންނާ ވާހަކަ ދެއްކުމަށް ރަސްމީ ލަފުޒުތަކެއް އަމުނަން ޖެހޭކަމެއް ނުދެނެހުރިން..." އެނދަށް އަރައި އިށީނދެ ދެފައިދަމާލައި ފަޑީގައި ބުރަކަށި ޖައްސާލުމަށްފަހު ޝައުފާ ގެނެސް އުނގުގައި ބާއްވަމުން ޝާމިން ބުނެލިއެވެ.

"ޝާމިން....އަހަރެން ބުނާ ކަމެއް ކޮށްދީފާނަންތަ...؟" ޝައުފާ ޖެހިލުންވެފައިވާ ރާގަކަށް އަހާލިއެވެ.

"އައްދެ... ކަމަނާއަށް ކަމެއްކޮށްދިނުމަށް އަހަރެންގެ އަމިއްލަ ނަފުސުގެ ހުއްދަވެސް ބޭނުން ނުވާނެ.... އަމުރުކުރައްވާ... ކަމަނާގެ ކަނީޒު ހާޒިރު..." ޝާމިން ހިނިތުންވެލިއެވެ.

"ޝާމިން... ދެއަނތްބަށް މީހަކާ އިންނަން...." ޝައުފާގެ ޖުމްލަ ފުރިހަމަނުކުރެވުނެވެ. ފުންމައިގެން ކަހަލަ ގޮތަކަށް ޝާމިން ޝައުފާގެ އަނގަމަތީގަ އަތްއަޅައިފިއެވެ.

"ކަމަނާ މޮޔަވީތަ..؟" ޝާމިނަށް އަހާލެވުނީ ބާރަށެވެ.

"މީ މޮޔަވުމެއް ނުވަތަ މޮޔަ ގޮވުމެއް ނޫނޭ... އަހަރެންމީ އަނތްބެއްގެ އެއްވެސް ހިދުމަތެއް އަދާކުރެވޭނެ ކުޅަދާނަކަމެއް ހުރި އަންހެނެއް ނޫން.... ޝާމިންތީ ހިއްސު ސަލާމަތުން ހުރި ތަކުލީފު އުފުލޭ ފިރިހެނެއް.... ކިތަންމެ އީމާންތެރި މީހާއަށްވެސް ހިނދުކޮޅުތަކެއް އަންނާނެ... އޭނާގެ އިހުތިޔާރާއި ބާރު ނުފޯރުވޭނެ ހާލަތްތަކެއް އަންނާނެ... އަހަރެންމީ އެވަރު ނޭނގޭ ގަމާރެއް ނޫނޭ... އަދި އެހާ އަމިއްލަ އެދުންބޮޑު ދަހިމީހެއްވެސް ނޫން.... ދެކަމެއްގެ ހައިކަމަކަށް އިންސާނާ ކެތެއް ނުކުރާނެ.... ބަނޑުހައިވެ ނިވައްތާވެގަތީމަ އަތުޖެހޭ މިނީމަސްވެސް ފުޅަވެސް ކާންޖެހޭ ގޮތަށް ސިކުނޑި އާއި ހިތަށް ހިއްސުތަކުގެ ހައިކަމާ ކުރިމަތިލާނެ ވަރެއް ނުލިބޭނެ...." ޝައުފާގެ ވާހަކަ އަނެއްކާވެސް ޝާމިން ހުއްޓުވިއެވެ.

"ބުނަން ކަމަނާ... އަހަރެން މީ އެހެން އިންސާނުންހެން ގޮތްފޮތް ނެތިގެން އުޅޭ މީހެއް ނޫނޭ.... ތިބުނީ ރަނގަޅު ވާހަކައެއް.... ހާލަތްތައް އަންނާނެ... އެކަމަކު ކަމަނާއިން އަހަންނަށް ފުދެއޭ.... ކަމަނާއަށް އަހަރެން ހިތްހަމަޖައްސާދެވެއޭ.... އަހަންނަށް އެންމެ ބޮޑު އުފަލަކީ ކަމަނާއަށް ހޯދައިދެވޭ ހިތްހަމަޖެހުން.... ކޮންމެކަމަކުންވެސް އަހަންނަށް ހިތްހަމަޖެހުން ލިބެނީ ކަމަނާ ހިތްހަމަޖައްސައިދިނުމުން.... އަހަރެންގެ ކޮންމެ އެދުމަކަށް ފުދުން އަންނަނީ ކަމަނާގެ އުފާތަކާއި އުއްމީދުތަކާއި އެދުންތައް ފުރިހަމަކޮށްދީ ފުއްދައިދިނުމުން.... އެހެންނޫނަސް ތިޔަބުނާ ކައިވެނީގެ %75 ކަމަށްބުނާ ގުޅުމަކީ އަހަރެންގެ ފޮތުގައި އެންމެ ފަހަށް އޮންނަ ކަންތައް.... އެކަމުގެ ހިތްހަމަޖެހުން އަހަންނަށް އެތައްބައިވަރު އެހެން އުފާތަކަށްވުރެ އެއްއިރެއްގަވެސް މުހިންމެއް ނޫނޭ...."

ޝާމިންގެ އަޑުގައި ހުރީ ޔަގީންކަމާއި ކެރޭކަމެވެ. އެއީ ޝައުފާއަށްޓަކައި ކަލާނގެ މިބިންމަތީ ލެއްވި ކޮންފަދަ މާތް ފިރިހެނެއް ހެއްޔެވެ. އެންމެ ފުރަތަމަ ޝާމިނާ ބައްދަލުވެ ޝާމިންގެ ދެއްވާއި އާދަތައް އެނގުނު ދުވަހު، ހަމައެންމެ ފުރަތަމަ އެނގިލުމާއެކު އޭނާއަށް މިމީހާ ހާއްސަވީ ކީއްވެގެންކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ. މިއީ އެތައްލައްކައަކުންވެސް ނުފެންނާނެހާ މަދުވައްތަރެއްގެ އިންސާނެކެވެ. ތެދެކެވެ. މީހާ އީމާންތެރިއަކަށް ފުރިހަމަ މުސްލިމަކަށް ވަނީ ފަގުޑިއަކާއި ކުރުތާއެއް ނޫނީ ތުބުޅިއަކުން ނޫނެވެ. އެއީ ދުނިޔޭގެ އެދުމަށްވުރެ އާހިރަތުގެ މުހިންމުކަން ބޮޑުވުމުން ލިބޭ ދަރަޖައެކެވެ. ޝާމިންގެ ގެއްލިގެން ގޮސްފައިވާ މަގުން އަނބުރާ ގެނައުމަށް އޭނާ ހިތްވަރު ކުރީ އެއްވެސް ހާލެއްގައި އޭނާގެ ހަޔާތުގައި މިހާރު ޝާމިން އެއިން މަގާމުގައި ފަހަރެއްގައިވެސް ހުންނާނެ ކަމުގެ އެއްވެސް ހިލަމެއްވެސް އޮވެގެނެއް ނޫނެވެ.

"އެކަމަކު ފިރިމަނިކުފާނު.... މިނުކުޅެދޭ އަންހެންމީހާއާއެކު ތިހެން އުޅޭނީ ކިހާ ދުވަހެއް ވާންދެންތަ...؟ އަދު އަހަރެން މިއިން ހާލާއެކުވެސް އުޅެން ތިހުރީ... އެކަމަކު ކޮންމެވެސް ދުވަހަކުން އަޖަލު ހަމަވެ ވަކިވާން ޖެހުމުން ކިހިނެއް ހަދާނީ....؟ އެދުވަހަކުން ދެވަނަ އަނތްބެއް ހޯދުމެކޭ މިއަދު އެކަން ކުރުން މާރަނގަޅު.... އެއިރުން ހަމަގައިމުވެސް އަހަންނަށް އެނގޭނެ އަހަރެންގެ ފިރިމަނިކުފާނު...." ޝާމިން ޝައުފާގެ ކޮލުގައި އިނގިލިޖައްސާލަމުން "ޝްޝް"އޭ ބުނެ ވާހަކަ މެދުކަޑާލިއެވެ.

"ކަމަނާއާ އެކީގަވިޔަސް އެކީގަނުވިޔަސް މިޝާމިން އިތުރު އެހެން މީހެއްގެ އެހީއެއް ބޭނުމެއް ނޫން... ކަމަނާއާ ވަކިވާން ޖެހުމުން މިޝާމިންގެ ދުނިޔޭގެ އެދުންތަކަށް ނިމުމެއް އައީ... ދެކުދިން ތިބޭނެ... އެކުދިންގެ ކަންތައް ކުރަމުން.... މިމެކޭނިކުކަމުގެ ވަޒީފާ ދޫކޮށް ކަލާނގެ ގެކޮޅުގެ ހާދިމެއްގެ ވަޒީފާއާ ހަވާލުވާނީ... މުދިމެއްގެ ވަޒީފާ އަދާކުރުމާއެކު ކަމަނާއާ އެކީ ސުވަރުގޭން ލައްވާތޯ ދުއާކުރުމުގައި އުމުރު ހުސްކޮށްލެވިދާނެ.... އަޅެ އޭރުން ހަމަގައިމުވެސް ކައިވެނި ކުރަން މަޖުބޫރު މީހެއްގެ ކެޓެގަރީން ބޭރު ވާނެއެއްނު...." ޝާމިންގެ އަޑުގައި ސަމާސާގެ ރާގެއް ހުއްޓަސް އެއިން ކޮންމެ ބަހެއްގައި ފޮރުވިފައިވަނީ ޔަގީން ކަމެކެވެ.

"ބުނަން އަހަރެންގެ މޮޔަ ލޯބިވާ ދޫންޏާ.... ޝައުފާ އާއި ޝާމިން ވަކިވާން ޖެހޭނެ ދުވަހަކަށް އިރެއް ނާރާނެ..... އެއީ ކީއްވެކަން އެނގޭތަ....؟ ވަކިވާނީ ދެހަށިގަނޑު... ފުރާނަ އާއި ފުރާނައިގެ ގުޅުން ދާނީ އެކުއެކީ ދެމިގެން.... އެއަކަށް ވަކިވުމެއް ނާންނާނެ... ޝާމިން ލޯބިވީ ޝައުފާގެ ހަށިގަނޑުދެކެ ނޫނޭ.... ހަށިގަނޑުގެ ސިފަ ބަދަލުވާނެ.... އެކަމަކު ރޫހު... ފުރާނަ.... އެއަކަށް ބަދަލެއް ނާންނާނެ... ނަފުސުގެ ރީތިކަން ދުވަހަކުވެސް ފަނާނުވާނެ.... ކަމަނާގެ ބަދަލުގައި ތިގޮތަށް ޝާމިން ވީނަމަ ކަމަނާ ޝާމިން ކުރެން ވަރިވެގެން ހިނގައިދާނެތަ...!" ޝައުފާއަށް ތެޅިގަނެވުނެވެ. ދެއަތަކަށް ބޯހޫރާލުމާއެކު ޝާމިންގެ އަތުގެ ތެރޭގައި ބޮނޑިވެގަންނަމުން ނޫނެކޭ ބުނެ ތެޅިގަތެވެ.

"ކިހާވަރެއް ވެއްޖެ.... މަށަށްވެސް އެނގޭ ކަމަނާ ތިވިސްނަނީ ކޮންކަމަކާކަން.... އެކަމަކު މަށަށް ލޯބިނުދެވޭ ވަރަށް ކަމަނާ ބައްޔެއް ނޫނޭ... ކަމަނާއަށް ހިނގާބިނގާވާން ދަތީ.... ހެލިފެލިވާކަށް މިހާރަކު ދައްޗެއް ނޫން.... ތެރަޕީ ދީގެން ކަމަނާއަށް ތެދުވެ ހެލިފެލިވެ އެކްޓިވްކޮށް އުޅެވޭ... ހަމައެކަނި ކޮޅަށް ފައިމައްޗަށް ނުހުރެވެނީ... ފައިގައި ވަރެއް ނުހުންނަނީ.... އޭގެ މާނައަކީ ކަމަނާއަށް އަހަންނަށް ހިތްހަމަޖެހުން ނުދެވޭނެއޭތަ....! ނޫނެއްނު... އެހެންނޫނަސް މިއީ ތެދުހިތުން ޝާމިން އަބަދުވެސް އަދި މިހާރުވެސް ދާއިމަށްވެސް ވާ ވައުދެއް... ޝާމިނު ލޯބިވެ ފިދާވަނީ ޝައުފާގެ ބޭރުފުށުގެ ސިފަދެކެއެއް ނޫނޭ..... ބަދަލުވާ ކޮންމެ ސިފައަކާއެކު ލޯބިބަދަލުވާނީ އެހެންނަމައެއްނު...."

ޝާމިން އޭނާގެ ފުރާނަފަދަ ލޯބިވާ އަނބިމީހާއަށް ޔަގީންކަން ދިނީ އެއީ ދުވަހަކުވެސް ބަދަލެއް ނުވާނެ ގަދަރަކާއި ލޯތްބެއްކަމެވެ. އަދި އޭނާ އެރޭ އެއަނބިމީހާއަށް ޔަގީންކަން ދިނީ ކޮންމެ ހާލަތެއްގައި ކޮންމެ ވަގުތެއްގައިވެސް ޝާމިނާއި ޝައުފާ ވަކިވާން ޖެހުމަކީ ބަލާމީހުންނަށްޓަކައި އިބުރަތްތެރި ލޯބީގެ ފަލްސަފާއަކަށް ނޫނީ ނުވާނެކަމެއް ކަމެވެ. އެހެނީ ޝާމިނާއި ޝައުފާ ގުޅިފައިވަނީ ދެހަށިގަނޑެއްގައި ނޭވާލަމުން އަންނަ އެއް ފުރާނައެއްގެ ގޮތުގައެވެ. ވީއިރު އެއްހަށިގަނޑު ނެތިދިޔަޔަސް އަނެއް ހަށިގަނޑުގައި އެފުރާނަ ދިރިހުންނާނެތާއެވެ. އަދި ދެހަށިގަނޑު ނެތިދިޔަޔަސް އެކީގަވީ އެފުރާނަ ކޮންމެތާކުވެސް ވާނީ އެކުގައިތާއެވެ.

"މީގެފަހުން ކަމަނާ ތިކަހަލަ އެއްވެސް މޮޔަ ވާހަކައެއް ދައްކައިފިނަމަ އަހަރެން ކަމަނާދެކެ ވަރަށްބޮޑަށް ރުޅި އަންނާނެ..."

ނުހަނު ލޯތްބާއެކު ޝައުފާގެ ނިއްކުރީގައި ބޮސްދެމުން ޝާމިން ބުނެލިއެވެ. "އަހަރެންގެ ލޮބިވެތި ކައުޘަރު... ކަމަނާ ވަރަށް އަވަހަށް ރަނގަޅުވާނެ.... މިސްކިތުގެ ހުރިހާ މަސައްކަތެއް ހެން ނިމިއްޖެ... ކަމަނާއަށް ސަޕްރައިޒެއް ދޭންކަމަށް މިއަދުން ފެށިގެން ކެމެރާއިން އެތަން ނުފެންނަގޮތަށް ހެދީވެސް... އަންނަ ހުކުރު ދުވަހު ހުކުރުނަމާދަށް މިސްކިތް ހުޅުވާނެ.... މާދަންރޭ ބޮކިދިއްލައި ރަސްމީކޮށް ހުރިހާ ކަމެއްނިމި ކަމަނާއަށް ދެއްކުން އޮތީ...."

ރަޖަބުމަހުގެ ހަނދުން ސޯޅަވީ ހޯމަވިލޭރެއެވެ. މިރެއަކީ ޝާމިނަށްޓަކައި ވަރަށް ހާއްސަ މުހިންމު ރެއެކެވެ. އޮފީހުން ޗުއްޓީ ނަގައިގެން އޭނާ މިހަފުތާއެއްހާ ދުވަސް ހޭދަ ކުރީ ހަޔާތުގައި އޭނާއަށް އެންމެ މާނަކުރުވި ދެތިންކަމަށް ފުރިހަމައަށް ވަގުތު ދިނުމަށްޓަކައެވެ. ޑޮކްޓަރުން ދައްކަމުން އަންނަ ވާހަކަތަކާއި ޝައުފާގެ ހަށިގަނޑަށް އަންނަމުންދާ ބަދަލުތަކުން އޭނާއަށް ދޭހަވި ކަމަކީ އޭނާގެ ލޯބިވާ އަނބިމީހާ ރާއްޖެއިން ބޭރަށް ގެންދަން ޖެހިއްޖެ ކަމެވެ. އެހެންކަމުން މިހަފުތާގެ ޗުއްޓީ އޭނާ ހޭދަ ކުރީ ޝައުފާ ގޮވައިގެން ފުރައިގެން ދެވޭނެ ކަންތައްތައް ހަމަޖެއްސުމަށެވެ. އަދި ފުރައިގެން ދިއުމުގެ ކުރިން އޭނާ އެއަނބިމީހާގެ ނަމުގައި އޭނާގެ ޅައުމުރުގެ ފާފަތަކުގެ ކައްފާރާއެއްގެ ގޮތުގައި މިބިމުގައި ﷲއަށްޓަކައި ބިނާކުރި އެގެ ރަސްމީކޮށް ހުޅުވުމުގެ ކަންތައް ހަމަޖެއްސުމުގައެވެ. ބާކީ ވަގުތުތައް އޭނާ ހޭދަކުރީ ދެދަރިންނާއެކު ސަމާސާކޮށް ކުޅެ އެކުދިންނަށް ނަސޭހަތްދީ އަނބިމީހާ އާއި ދެކުދިންނާއެކު އާއިލާގެ ވާޖިބު އަދާ ކުރުމުގައެވެ.

"އޭތް... ނިދިފަތަ...؟" ކޮޓަރިއަށް ވަދެ ޒިމްނާ ޝައުފާއަށް ގޮވާލީ އެނދާ ކައިރިވެލާފައެވެ.

"އުނހު... މީ ކޮންގަޑިއެއް ނިދާކަށް..." ބިއްދޮށަށް އެނބުރިގެން އޮތް ޝައުފާ މަގަތަށް އެނބުރިލިއެވެ.

ޒިމްނާ އޭނާގެ ލޯބިވާ ރަހުމަތްތެރިޔާގެ ބޮލުން ފެށިގެން ފަޔަށް ބަލައިލިއެވެ. ވޭތުވެދިޔަ މަދު ދުވަސްތަކުގެ ތެރޭގައި އޭނާގެ މިއެކުވެރިޔާ ކިހާބޮޑަކަށް ބަދަލުވެއްޖެ ހެއްޔެވެ. އިއްޔެއާ ޖެހެންދެން އޭނާއާއެކު އުދުހެމުންދިޔަ ކޮކާލެއްހެން ހީނސަމާސާކޮށް އުޅުނު އެ އެކުވެރިޔާ މިތަންމަތީގައި އޮންނަތާ މިވީ ކުޑަދުވަސްކޮޅު ތެރޭގައި މުޅިން ސިފަ ބަދަލުވެއްޖެއެވެ. އެއޮއް ރީތި ދެލޯ ވަޅުވަދެ ދެކޯތާފަތްމަތިން ނުފިލާ ވޭނެއްގެ ކުލަ ފާއައްދާލާފައި ހުރެއެވެ. އިރެއްގައި އެތައް ބަޔަކަށް ހިތަހަމަޖެހުމުގެ ހިނިތުންވުން ހަދިޔާ ކުރި އެފަރި ދެތުންފަތުގައި ވޭނީ އާހަކާއެކު މަޑުތުރުތުރެއް ހަރުލާފައި ހުންނައިރު ނޫފައިގަނެ ދުޅަވެފައި ހުންނަ ކަހަލައެވެ. އޭނާ އަބަދުމެ ތައުރީފުކޮށް ނަމޫނާ ހަށިގަނޑެއް ކަމަށް ބުނާ އެތުނި ލޫޅާފަތި އެފަރި ހަށިގަނޑު ހީވަނީ އެތައް އަހަރެއްވަންދެން އެއްވެސް އަޅާލުމެއް ބެލުމެއް ނެތި ގޮތެއްފޮތެއް ނުބަލައި ކެއުމުގެ ސަބަބުން ސިފަގެއްލޭ ވަރަށް ފަލަވެ ޗޮސްވެފައިވާހެނެވެ. އަދިވެސް މިހާވަރުވެފައިވާއިރުވެސް ޝައުފާގެ ފަހުރުކަމުގައިވާ ރީތި ހިތްގައިމު އިސްތަށިގަނޑު ނިކަމެތިވެފައި އޮތަސް ވިދުން ކެޑޭވަރު ނުވާކަހަލައެވެ. ލޮލުގައި އުއްމީދުގެ އަލިކަން އަދިވެސް ވިދަމުންދެއެވެ. ޒިމްނާގެ ހިތް ފިތިގެން ދިޔަ ކަހަލައެވެ.

"އަހަރެން ހިތަށް އަރާ މަގޭ ހިތުގައި މިހާ ވޭން އަޅާއިރު ޝާމިނަށް ކިހިނެއްވާނެބާވައޭ!" ޒިމްނާ، އެނދުކައިރީ ހުރި ގޮނޑި ދަމާލާފައި އިށީންނަމުން ޝައުފާގެ އަތުގައި ހިފާލިއެވެ.

(ނުނިމޭ)