ދައުލަތުގެ އިދާރީ ހިންގުމުގެ ތެރޭގައި ހާމަކަން އިތުރުކުރުމުން ކޮރަޕްޝަނަށް ހުރި ދޮރުތައް ދާނީ ބަންދު ކުރެވެމުން ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމް މިހެން ވިދާޅުވީ ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން މިދިޔަމަހު ކުރިއަށްގެންދިޔަ މަސައްކަތްތަކުގެ ތެރެއިން ކޯޓުތަކުގައި ތާވަލުކުރި މައްސަލަތަކާއި ކުރިއަށްދިޔަ މަސައްކަތްތަކުގެ ތަފާސް ހިސާބު އާއްމުކުރައްވަމުންނެވެ.
ޝަމީމް ވިދާޅުވީ "އެއްވެސް މީހަކު، މީހަކަށް ގުޅާފައި ތިމަންނާއަށް ރިޝްވަތުކޮޅެއް ދޭކަށް ނުބުނާނެ" ކަމަށެވެ. އެކަން ހިނގާނީ އެހެން ގޮތް ގޮތުން ކަމަށާއި ރިޝްވަތު ދިނުމަށް އެދި ބުނި ބުނުން، ޝަރީއަތުގެ މަޖިލީހެއްގައި ސާބިތުކޮށްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ތަފާސް ހިސާބާއި މައުލޫމާތުގެ އަލީގައި ރިޝްވަތާއި ކޮރަޕްޝަން މަދުކުރެވޭނެ ކަމަށް ޝަމީމު ވިދާޅުވިއެވެ.
"މިސާލަކަށް ދައުލަތުގެ މުވައްޒަފަކު، ވަކި ދުވަހަކު ވަކި ކަމެއް ކުރަން އޮވެފައި، އެދުވަހުގެ ކުރިން ދުވަހަކުވެސް އެކައުންޓަށް ފައިސާ ޖަމާނުކުރާ މީހެއްގެ ފަރާތުން ދައުލަތުގެ މުވައްޒަފުގެ އެކައުންޓަށް، މިދެންނެވި ދުވަހު ފައިސާ ވަދެއްޖެނަމަ، އެކަމުގައި ކޮރަޕްޝަން ހިމެނޭކަމަށް ބެލިދާނެ. މައުލޫމާތު ހާމަކުރާނަމަ، މިކަންކަމަކީ ފާހަގަވާނެ ކަންކަން،" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ކޮންމެ މަހެއްގެ ތެރޭގައި ޕީޖީ އޮފީހުން ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރަމުން ގެންދިއުމަށް މިއަހަރު ނިންމަވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ޖިނާއީ އަދުލުގެ ނިޒާމުގައި ޕީޖީ އޮފީހުގެ މަސައްކަތާ ގުޅިގެން ކުރެވުނު ކަންތައްތަކާއި ނުކުރެވި ހުރި ކަންތައްތަކާއި ނަތީޖާ ނެރެވުނު ގޮތާއި ނުނެރެވި ހުރި ދާއިރާތައް ހިއްސާކުރާ މައުލޫމާތު ހިމެނޭނެ ކަމަށާއި މިކަމުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ހުރިހާ އިދާރާތައް ޖަވާބުދާރީކުރުވަން މަގު ފަހިވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމާ ހަވާލުވީއްސުރެ ތަފާސް ހިސާބާއި ނަންބަރަށް ބަލައިގެން ސިޔާސަތު ބައްޓަންކުރަން އެބަ މަސައްކަތްކުރަން. މިކަމަށް ބޭނުންވާ މައުލޫމާތު ހޯދޭނެ ގޮތަށް، އޮފީހުގެ އެތެރޭގެ ނިޒާމުތައް ވަނީ ބަދަލުކުރެވިފައި،" ޝަމީމު ވިދާޅުވިއެވެ.
އެގޮތުން ޝަމީމް ވަނީ ހުސްވި ޖެނުއަރީމަހުގެ ތަފާސް ހިސާބު މިއަދު އާއްމު ކުރައްވައިފައެވެ.
ޝަމީމް ވިދާޅުވީ އެ މަސައްކަތުގެ ސަބަބުން ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު އިތުރުވެގެންދާނެ ކަމަށެވެ. އަދި ޓްރާންސްޕޭރަންސީގެ ޒަރިއްޔާއިން މެނުވީ ރައްޔިތުންގެ އިތުބާރެއް ނުލިބޭނެ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.
އޭނާގެ އުއްމީދަކީ މި ތަފާސް ހިސާބުތަކަކީ ސިޔާސަތު ހައްދަވާ ބޭފުޅުންނާއި ކިޔަވާ ކުދިންނާއި ނޫސްވެރިންނަށް ބޭނުންތެރި އެއްޗަކަށްވުމެވެ. އަދި ޕީޖީ މަސައްކަތްކުރާ ގޮތާއި ފެންވަރު އާންމުންގެ ކުރިމަތީގައި ވަޒަންކުރެވި، ފެންވަރު ރަނގަޅު މަސައްކަތެއް ކުރުމަށް މިކަމުގެ ސަބަބުން ބާރު އެޅޭނެ ކަމަށްވެސް ވިދާޅުވިއެވެ.