މުނިފޫހިފިލުވުން

"ކިލާޅީ"ގެ ނަމުގައި ޓެލިނގޫ ފިލްމެއް އުފެއްދުމުން މައްސަލަ ކޯޓަށް

'ކިލާޅީ'' ގެ ނަމުގައި ޓެލިނގޫ ފިލްމެއް އުފެއްދުމުން މައްސަލަ ކޯޓަށް ގެންގޮސްފިއެވެ.

''ކިލާޅީ'' އަކީ ރަތަން ޖެއިން ޕްރޮޑިއުސްކޮށް 1992ވަނަ އަހަރު ނެރުނު އަކްޝޭ ކުމާރު ކުޅެފައިވާ ފިލްމެކެވެ. ދެކުނު އިންޑިއާގެ ފިލްމު އިންޑަސްޓްރީން ވަނީ ހަމަ އެ ނަމުގައި ފިލްމެއް އުފައްދައި އިއްޔެ ރިލީސްކޮށްފައެވެ. އޭނާ އުފެއްދި ފިލްމުގެ ނަން އެއްވެސް ހުއްދައެއް ނުހޯދައި އެހެން ފިލްމެއްގައި ބޭނުންކޮށްފައިވާތީ ރަތަން ވަނީ މައްސަލަ ދިއްލީގެ ހައިކޯޓަށް ވައްދާފައެވެ.

ދެކުނު އިންޑިއާގެ އެކްޓަރު ރަވީ ތޭޖާ ކުޅެފައިވާ ފިލްމު ''ކިލާޅީ'' ވަނީ ހިންދީ ބަހުންވެސް ރިލީސްކޮށްފައެވެ. ޕްރޮޑިއުސަރު ރަތަން ބުނާގޮތުގައި އެ ނަމުގައި އެއްވެސް ބަހަކުން ފިލްމެއް އޭނާގެ ހުއްދައެއް ނެތި އުފެއްދިގެން ނުވާނެއެވެ. މި މައްސަލައާ ގުޅިގެން ކޯޓުގައި އަޑުއެހުމެއް ކުރިއަށް ދިޔަކަމަށާއި އަދި ފިލްމު ނެރުން ހުއްޓުވަން މާ ލަސްވެއްޖެ ކަމުގައި ކަނޑައަޅާފައިވާ ކަމުގައި ރަތަން ވަނީ ބުނެފައެވެ.

ބޮލީވުޑް ހަންގާމާއަށް މައުލޫމާތު ދެމުން ރަތަން ބުނެފައިވާގޮތުގައި ފިލްމު ''ކިލާޅީ''ގެ ޓްރެއިލާވެސް ނެރެފައިވަނީ ވަރަށް ލަހުންނެވެ. ފެބްރުއަރީ 8 ވަނަ ދުވަހު ފިލްމުގެ ޓްރެއިލާ އާއްމުކުރުމަށްފަހު ފެބްރުއަރީ 11 ވަނަ ދުވަހު ފިލްމު ވަނީ ސިނަމާތަކުގައި އަޅުވާފައެވެ. މައްސަލަ ކޯޓަށް ވައްދަން ނިންމީ ޓްރެއިލާ އާއްމުކުރުމާއެކު ފެބްރުއަރީ 9 ގައި ކަމަށާއި ކޯޓުގެ އަޑުއެހުމެއް ބާއްވާފައިވަނީ ފެބްރުއަރީ 10 ގައި ކަމުން އޭނާގެ ފަރާތުން މައްސަލަ ވައްދާފައިވަނީ ލަހުން ނޫންކަމުގައިވެސް ރަތަން ވަނީ ބުނެފައެވެ. މި މައްސަލައާ ގުޅޭ އިތުރު އަޑުއެހުމެއް ދިއްލީ ކޯޓުގައި ތާވަލުކުރެވިފައިވަނީ މިމަހުގެ 16 ވަނަ ދުވަހަށެވެ.