ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރީގައި މިސްކިތެއް އަޅަން ނިންމައިފިއެވެ.

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ކުޑަގިރި ފަޅު ހިއްކައިގެން ޕިކްނިކް އައިލެންޑެއް ހެދުމުގެ މަސައްކަތް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ.

ކިޑަގިރީގައި އަޅާ އެ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިއްޔެ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ. އެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރާއި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކުޑަގިރީގައި އިމާރާތްކުރާ އެ މިސްކިތަކީ 150 މީހުންގެ ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތް އިމާރާތްކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.

އެމްޓީސީސީން މީގެ ކުރިން ބުނެފައިވާ ގޮތުގައި ކުޑަގިރި ޕިކްނިކް އައިލެންޑުގެ މަސައްކަތް އަންނަ މަހު ނިމޭނެއެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ އެ މަސައްކަތް ހަވާލުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ކުޑަގިރި އަކީ ތިލަފުށީ ކައިރީގައި އޮންނަ ފަޅެކެވެ. މި ފަޅު އޮންނަނީ ފެރީގައި 30 ވަރަކަށް މިނެޓުން އަދި ލޯންޗުގައި ދިިހަ ވަރަކަށް މިނެޓުން ދެވޭ ހިސާބުގައެވެ.