މުނިފޫހިފިލުވުން

ސަންޖޭލީލާ ބަންސާލީގެ "ގަންގޫބާއީ ކަތިޔަވަޑީ" ލަތާއަށް ހާއްސަކޮށްފި

ސަންޖޭލީލާ ބަންސާލީގެ ''ގަންގޫބާއީ ކަތިޔަވަޑީ'' ލަތާ މަންގޭޝްކަރަށް ހާއްސަކޮށްފިއެވެ.

މިދިޔަ ހަފުތާގައި މަރުވި، އެންމެންގެ ލޯބި ހޯދާފައިވާ އިންޑިއާގެ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރަށް ހާއްސަކޮށް ފިލްމުގެ އޯޕަނިންގް ކްރެޑިޓަށް ލަތާގެ ފޮޓޯއާއެކު ނަން އަރުވާފައިވަނީ އަންނަމަހު ކުރިއަށްދާ 72 ވަނަ އިންޓަނޭޝަނަލް ބާލިން ފިލްމު ފެސްޓިވަލުގައި އެ ފިލްމު ޕްރިމިއާކުރުމަށް ތައްޔާރުވެފައިވަނިކޮށެވެ. މި ފިލްމު ބާލިން ފިލްމު ފެސްޓިވަލުގައި ޕްރިމިއާކުރުމަށް ސަންޖޭ ލީލާ ބަންސާލީ އަދި ފިލްމުގެ ބަތަލާ އާލިއާ ބަޓް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އާލިއާ ބަޓް މުހިއްމު ރޯލެއް ކުޅެދީފައިވާ ''ގަންގޫބާއީ ކަތިޔަވަޑީ'' އިންޑިއާގެ ތިއޭޓަރުތަކުގައި ރިލީސްކުރަން ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގައެވެ.

ނިމުނު ހަފުތާގައި ރިލީސްކުރި އެ ފިލްމުގެ ލަވަ ''ދޮލީޑާ'' އަށް އަންނަނީ ބޮޑު މަގުބޫލުކަމެއް ލިބެމުންނެވެ. މި ލަވަ ކޮމްޕޯސްކުރި ބަންސާލީ ބުނެފައިވަނީ އެ ލަވަ އޭނާ ލަތާއަށް ހާއްސަ ކުރާ ކަމަށާއި އޭނާގެ ފިލްމަށް ލަވާ ކިޔާ ކޮންމެ ލަވަކިޔުންތެރިއެއް ގާތުންވެސް ލަތާގެ އަޑު މިސާލަކަށް ނެގުމަށް އެދޭ ކަމަށެވެ.

ބަންސާލީ ބުނެފައިވާ ގޮތުގައި ލަތާ އަކީ އޭނާއަށް އަބަދުވެސް ވަރަށް ހާއްސަ ފަރާތެކެވެ. އަދި އޭނާގެ ހަޔާތުން އެންމެ ދުވަހެއްވެސް ލަތާގެ ލަވައެއް އަޑު އަހާ ނުލައި ފާއިތު ނުވާ ކަމަށާއި، އެއީ ހިތަށް ހަމަޖެހުން ގެނުވާ ރަން އަޑެއް ކަމަށެވެ. ލަތާގެ މަރުގެ ހަބަރާއެކު އޭނާއަށް ފުން އަސަރެއް ކުރުވާފައިވާ ކަމަށް ވެސް ބަންސާލީ ވަނީ ބުނެފައެވެ.