އިނގިރޭސިވިލާތުގެ ވަލީ އަހުދު ޕްރިންސް ޗާލްސްގެ ދޮށީ ދަރިކަލުން ޕްރިންސް ވިލިއަމް ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ފެއްޓެވި ދަތުރުފުޅުގައި އަބޫދާބީ ފެހި ކުރުމުގެ ގޮތުން ބުރާސްފަތި ދުވަހު ގަހެެއް އިންދަވައިދެއްވައިފިއެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެހެން ސަރަހައްދުތަކެކޭވެސް އެއްފަދައިން އަބޫދާބީއަކީ ފެހިކަން ކުޑަ ހަނަފަސް ސަހަރާއެއްގެ މެދުގައި ގާއިމުކުރެވިފައިވާ ސިޓީއެކެވެ. އެހެންނަމަވެސް އަބޫދާބީ ފެހިކުރުމުގެ ގޮތުން 7 ބިލިޔަން ޑޮލަރު ޚަރަދުކޮށްގެން ސަރުކާރުން ދަނީ މަޝްރޫއުތަކެއް ހިންގަމުންނެވެ. މިގޮތުން ހިންގާ އެއް މަޝްރޫއަކީ ޖުބައިލް ޕާރކެވެ. އުމުރުފުޅުން 39 އަހަރުވީ ޕްރިންސް ވިލިއަމް ގަހެއް އިންދަވައިދެއްވީ އެ ޕާކުގައެވެ.

ޕްރިންސް ވިލިއަމް ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ވަޑައިގެންނެވީ މިހާރު ދުބާއީގައި ކުރިޔަށްދާ ދުބާއީ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށެވެ. އެ އެކްސްޕޯގައި އިނގިރޭސިވިލާތުގެ ގައުމީ ދުވަސް ފާހަގަކުރެވުނު އިރު ހަފުލާ ޝަރަފުވެރިކޮށްދެއްވީ ޕްރިންސް ވިލިއަމެވެ. މިއީ ދެއަހަރުގެ ތެރޭގައި ޕްރިންސް ވިލިއަމް ރަސްމީ ގޮތުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ދުބާއީ ފިޔަވައްސާއި އަބޫދާބީ ފިޔަވަހި ޕްރިންސް ވިލިއަމް ފުރިހަމަ ކުރެެއްވިއިރު އެމަނިކުފާނާއެކު ހުންނެވީ ދުބާއީގެ ވަލީއަހުދު ޕްރިންސް ހަމްދާނެވެ. ޕްރިންސް ހަމްދާނުގެ ބައްޕާފުޅު ޝައިޚް މުހައްމަދު ބިން ރާޝިދަކީ ދުބާއީގެ ވެރިޔާއެވެ. އެމަނިކުފާނުގެ އަނބިކަނބަލުން ޕްރިންސަސް ހަޔާ ވަރިކުރެއްވުމާ ގުޅިގެން ބަދަލެއްގެ ގޮތުގައި 550 މިލިޔަން ޕައުންޑް ނަގައިދިނުމަށް އިނގިރޭސިވިލާތުގެ ކޯޓަކުން ދާދިފަހުން ވަނީ ހުކުމްކޮށްފައެވެ. މިއީ ވަރީގެ ބަދަލު ނަގައިދިނުމުގެ ރިކޯޑެކެވެ.