ދުނިޔެ

އަދުގެ ދުނިޔެ: ބީޖޭޕީގެ ސިޔާސަތު ބަލައިގަތުމާއި ނުގަތުމުގެ އިމްތިހާނު

އިމާދު ލަތީފު

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތު ރައްޔިތުން ބަލައިގަންނަ މިންވަރު ހާމަވެގެންދާނޭ ވަރަށް ބޮޑު އިމްތިހާނެއް މިއަދު ވަނީ ފެށިފައެވެ. އިންޑިޔާގެ 28 ސްޓޭޓްގެ ތެރެއިން އެންމެ ބައިބޯ އެންމެ މުހިއްމު ސްޓޭޓް ކަމަށްވާ އުއްތަރު ޕްރަދޭޝްގެ ސްޓޭޓް އެސެމްބްލީއަށް މެންބަރުން ހޮވުމުގެ އިންތިޚާބު ހަތް ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާއިރު މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ ވޯޓުލުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ. އުއްތަރު ޕްރަދޭޝްގެ އާބާދީއަކީ ގާތްގަޑަކަށް 200 މިލިޔަނެވެ. އިންޑިޔާގެ ހިތަކީވެސް އަދި ލަގޮނޑިޔަކީވެސް މި ސްޓޭޓެވެ. މި ސްޓޭޓްގެ އައު ސަރުކާރުގެ ކޮންޓްރޯލް ލިބެނީ ކޮން ޕާޓީއަކަށްކަން އެނގޭނީ މިފަހަރުގެ އިންތިޚާބު ނިމުމުންނެވެ.

އުއްތަރު ޕްރަދޭޝް މުހިއްމުވަނީ ކީއްވެގެން؟

އިންޑިޔާގެ އުތުރަށް ނިސްބަތްވާ އުއްތަރު ޕްރަދޭޝްއަކީ އަބަދުވެސް ބޮޑުވަޒީރު މޯދީގެ ބީޖޭޕީއަށް ތާއީދުކުރުން ބޮޑު ސްޓޭޓެކެވެ. މިފަހަރުގެ އިންތިޚާބު މިއައީ ހިންދޫންގެ ވަތަނީ ރޫހު އިތުރުކޮށް އެނޫން މީހުންގެ ހައްގުތައް ހަނިކުރުމުގެ ގޮތުން ބީޖޭޕީން ގެންގުޅޭ ސިޔާސަތާމެދު ނުރުހިގެން އިންޑިޔާގެ ކަންކޮޅުތަކުގައި މުޒާހަރާކުރުން އިތުރުވެފައިވާ ދުވަސްވަރެއްގައެވެ. ޚިޔާލު ހޯދުންތަކުން ދައްކާގޮތުގައި އުއްތަރު ޕްރަދޭޝްގައި މިފަހަރުވެސް އަޣުލަބިއްޔަތު ހޯދާނީ ބީޖޭޕީއެވެ. އެހެންވެއްޖެނަމަ މުޅި އިންޑިޔާގެ ގައުމީ އިންތިޚާބު 2024 ވަނަ އަހަރު ބާއްވާއިރު ވިދިވިދިގެން ތިންވަނަ ފަހަރަށް ބޮޑުވަޒީރުކަން ހޯއްދެވުމަށް މޯދީކުރައްވާ މަސައްކަތަށް އިތުރު ދިރުމަކާއި ބާރެެއް ލިބޭނެއެވެ.

އުއްތަރު ޕްރަދޭޝްގެ އިތުރުން އެހެން ހަތަރު ސްޓޭޓެއްގައިވެސް މިހިނގާ ފެބްރުއަރީ މަހު ސަރަހައްދީ އިންތިޚާބު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އޭގެތެރޭގައި ބޮޑު ސްޓޭޓެއްކަމަށްވާ ޕަންޖާބު ވެސް ހިމެނެއެވެ. އަނެއް ތިން ސްޓޭޓަކީ އުއްތަރަކަންދާއި މަނިޕޫރާއި ގޯވާއެވެ. މިތަންތަނުން ބީޖޭޕީއަށް މާބޮޑު ކާމިޔާބީއެއް މިފަހަރު ނުލިބިއްޖެނަމަ އަދި ދެއަހަރު ފަހުން އިންޑިޔާގެ ގައުމީ އާއްމު އިންތިޚާބު އަންނައިރު ބީޖޭޕީ އޮންނާނީ ބަލިކަށިވެފައެވެ. މިހާރު އެއަރުވާ ގޮތަށް ފޮނު އަރުވާކަށް މާބޮޑު ހިތްވަރެެއްވެސް ނުހުންނާނެއެވެ. އެހެންވީމާ މިމަހު ސަރަހައްދީ އިންތިޚާބު ބާއްވާ ފަސް ސްޓޭޓުގައި ވެސް ބީޖޭޕީއަށް އޮތީ ބޮޑު އިމްތިހާނެކެވެ. ޚާއްސަކޮށް އުއްތަރު ޕްރަދޭޝްގައެވެ.

ގިނަ މީހުންގެ ފިކުރު ހުރީ ކޮންގޮތަކަށް؟

އުއްތަރު ޕްރަދޭޝްގައި ބީޖޭޕީއަށް ކުރިލިބޭނޭ ކަމަށް ޚިޔާލުހޯދުންތަކުން މިވަގުތު ދެެއްކިޔަސް ތަނަވަސް އަޣުލަބިއްޔަތެއް ހޯދޭނެކަމަށް ނުބެލެވެއެވެ. އޭގެ ސިއްރަކީ ބީޖޭޕީގެ ހަރުކަށި ވިސްނުމާއި ސިޔާސަތަށް ނޫނެކޭ ބުނެފައި އެޕާޓީއަށް ނިސްބަތްވާ ނުފޫޒުގަދަ އެތައްބަޔަކު ސަމާޖުވާދީ ޕާޓީއާ ގުޅިފައިވުމެވެ. މިދެންނެވި ޕާޓީއަކީ ހުރިހާ ދީންތަކެއްގެ މީހުންނަށްވެސް މަރުހަބާ ކިޔާ އެންމެންނާވެސް ރަހުމަތްތެރި އެންމެންގެ ޕާޓީއެކެވެ. އެހެންވީމާ ބީޖޭޕީއަށް ގެއްލޭ ވޯޓުގެ ބޮޑުބައެެއް ލިބިގެންދާނީ ސަމާޖުވާދީ ޕާޓީއަށްކަމަށް ބެލެވެއެވެ. މީގެ އިތުރުން ދަނޑުވެރިންވެސް ތިބީ ބީޖޭޕީއާ ވަރަށް ބޮޑަށް ނުރުހިފައެވެ. އެއީ ދަނޑުވެރިކަމާ ގުޅޭ ގާނޫނަށް ދާދިފަހުން ގެނައި ބަދަލަކާއި ގުޅިގެންނެވެ.

ކޮވިޑުގެ ވަބާގައި އެންމެ ގިނަބަޔަކު މަރުވެގެންދިޔަ ސްޓޭޓަކީވެސް އުއްތަރު ޕްރަދޭޝްއެވެ. މަރުވާ މީހުންގެ ޖަނާޒާގެ ކަންކަންވެސް ކުރެވޭނެ އިންތިޒާމެއްނެތި އެތައް ބައެއްގެ ގަބުރު ގަންގާކޯރުގެ ތެރެއަށް ދޫކޮށްލި މަންޒަރު މި ސްޓޭޓުން ވަނީ ފެނިފައެވެ. މިއީ ބީޖޭޕީގެ ނުކުޅެދުންތެރިކަމާއި ދޯދިޔާކަމުގެ ނަތީޖާކަމަށް ގަބޫލުކުރުން ރައްޔިތުންގެ ތެރޭގައި ވަރަށްވެސް ބޮޑެވެ. ކަރުނާޓަކާ ސްޓޭޓުގެ ޔުނިވަރސިޓީތަކާއި ކޮލެޖުތަކުގައި ބުރުގާ މަނާކުރުމާއި ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ އަސަރު އުއްތަރު ޕްރަދޭޝްގެ ހަފޮޅުންވެސް ވަނީ އެތެރެވެފައެވެ. އިންޑިޔާގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އެއް ސްޓޭޓަކީ ވެސް އުއްތަރު ޕްރަދޭޝްއެވެ.

އެންމެފަހުން އުއްތަރު ޕްރަދޭޝްގައި ސަރަހައްދީ އިންތިޚާބު ބޭއްވުނީ 2017 ގައެވެ. އެފަހަރު ބީޖޭޕީއަށް ކުރިލިބުމުގައި ހިންދޫންގެ ވަތަނީ ރޫހު ވަރަށް ބޮޑު ދައުރެއް އަދާކުރިއެވެ. އެކަމަކު އެއީ މީގެ ފަސް އަހަރު ކުރިއެވެ. އޭރު ބީޖޭޕީއަށް ވޯޓުދިން ވަރަށް ގިނަބަޔަކު މިހާރު ތިބީ ބީޖޭޕީ ދެކެ ފޫހިވެފައެވެ. އެމީހުން އުއްމީދުކުރި އިގްތިސާދީ ކުރިއެރުމެއް ނުފެނުނެވެ. އިޖުތިމާއީ ދުޅަހެޔޮކަމާއި އުފާފާގަތިކަމެއްވެސް ނުފެނުނެވެ. އެހެންނަމަވެސް އިންތިޚާބު ކައިރިކޮށްފައި ބީޖޭޕީން ވަނީ އުއްތަރު ޕްރަދޭޝްގައި ވަރަށް ބިޔަ އިންފްރާސްޓްރަކްޗަރ މަޝްެރޫއުތަކެއް ފަށައިފައެވެ. މި މަޝްރޫއުތަކުގެ ބާރުގައި ބީޖޭޕީ ކޮޅަށް ވޯޓު އަނބުރައިލެވޭނޭ ކަމަށް އެމީހުން ހީކުރެއެވެ.