ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

މިރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ހަތަރުވަނަ ދައުރުގެ ދެވަނަ ޖަލްސާގައި، ޗެއާޕާސަންގެ އިންތިހާބު އޭޕްރީލް 16 ގައި ބޭއްވުމަށް ގަރާރެއްގެ ގޮތުގައި ހުށަހެޅުއްވީ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ ރައީސް، އަދި މާލެ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދެވެ. އެ ގަރާރަށް ތާއީދުކުރެއްވީ ގަމު ދާއިރާގެ ރައީސް އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

ޝިފާ ހުށަހެޅުއްވި ގަރާރު ފާސްވެގެން ގޮސްފައިވަނީ ގައުމީ މަޖިލީހުގައި ބައިވެރިވި 126 މެންބަރުންގެ އިއްތިފާގުންނެވެ.

ޗެއާޕާސަންގެ އިންތިހާބު ބާއްވާނެ ތާރީހުގެ އިތުރުން ޝިފާ ހުށަހެޅުއްވި ގަރާރުގައި ވަނީ ޕާލިމަންޓަރީ ގްރޫޕުގެ އިންތިހާބާއި އަންހެނުންގެ ރޫހުގެ އިންތިހާބާއި ޒުވާނުންގެ ރޫހުގެ އިންތިހާބު ބާއްވާނެ ތާރީހާއި ކޮންގްރެސް ބާއްވާނެ ތާރީހުވެސް ކަނޑައަޅައިފައެވެ. އެގޮތުން ޕާލިމެންޓަރީ ގްރޫޕްގެ އިންތިހާބު މިމަހުގެ 18 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އިރު، އަންހެނުންގެ ރޫހާއި ޒުވާނުންގެ ރޫހުގެ އިންތިހާބު ބާއްވަން ހަމަޖައްސާފައިވަނީ ޗެއާޕާސަންގެ އިންތިހާބުވެސް ބާއްވާ ތާރީހުގައެވެ.

އެމްޑީޕީގެ ކޮންގްރެސް ބާއްވަން ފާސްކޮށްފައިވަނީ އަންނަ އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުއެވެ.

އެމްޑީޕީގެ ޗެެއާޕާސަންގެ މަގާމަށް މީހަކު އައްޔަނުކުރުމުގެ އިންތިހާބު އޭޕްރީލް މަހުގެ 16 ވަނަ ދުވަހު ބާއްވަން ހަމަޖައްސާފައިވާ އިރު، އެ އިންތިހާބުގައި ވާދަކުރައްވަން މިހާތަނަށް ނިންމާފައިވަނީ، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު މިހާރު ފުރުއްވަމުން ގެންދަވަނީ، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ. އޭނާގެ ޗެއާޕާސަންކަމުގެ ދައުރު މިއަދަށް ހަމަވާނެއެވެ.

އެމްޑީޕީގެ އަސާސީ ގަވާއިދު ބުނާގޮތުން އިންތިހާބު ބޭއްވުމުގެ 60 ދުވަސް ކުރިން އެ އިންތިހާބަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލައި، ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭންޖެހެއެވެ. ޗެއާޕާސަންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.