މުނިފޫހިފިލުވުން

ޔާމީގެ ކުރިއަށް އޮތް ފިލްމު "އަ ތާޒްޑޭ"ގެ ޓްރޭލާއަށް ގިނަ ބައެއްގެ ތައުރީފު

ބަތަލާ ޔާމީ ގޯތަމް ދަރްގެ ކުރިއަށް އޮތް ފިލްމު ''އަ ތާޒްޑޭ'' ގެ ޓްރޭލާ އާއްމުކޮށްފައިވަނީ އިއްޔެއެވެ.

މިމަހުގެ 17 ވަނަ ދުވަހު ޑިޒްނީ ހޮޓްސްޓާގައި ޑިޖިޓަލްކޮށް ރިލީސްކުރުމަށް ހަމަޖެހިފައިވާ މި ފިލްމުގެ ޓްރޭލާގައި ޔާމީ ފެނިގެންދަނީ ތުއްތު ކުދިންތަކެއް ސުކޫލެއްގައި ރަހީނުކުރާ މީހެއްގެ ނެގަޓިވް ރޯލަކުންނެވެ.

ކިންޑަގާޓެންގެ 16 ކުއްޖަކު ރަހީނުކޮށްގެން އެ ސުކޫލުގެ ޓީޗަރު ނައިނާ (ޔާމީ ގޯތަމް) ބޮޑެތި ޑިމާންޑުތަކެއް ކުރަމުން ދާތަން ޓްރޭލާގައި ފެނިގެންދެއެވެ. ޔާމީގެ އިތުރުން ނޭހާ ދޫޕިއާ، އަތުލް ކުލްކަރްނީ، ޑިމްޕަލް ކަޕާޑިއާ އަދި ކަރަންވީރް ޝަރްމާ މި ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދެއެވެ.

މި ފިލްމުގައި އިންޑިއާގެ ބޮޑުވަޒީރާ ބައްދަލުކުރުމަށް ނައިނާ ޑިމާންޑުކުރަމުންދާ އިރު، މި މައްސަލަ ހައްލުކުރުމަށް ފުލުހުންގެ ޓީމުން މަސައްކަތްކުރާ ތަން ދައްކުވައިދެއެވެ. ބޮޑުވަޒީރުގެ ރޯލުން ޑިމްޕަލް ކަޕާޑިއާ ފެނިގެންދާ އިރު، ފުލުހުންގެ ރޯލުން ނޭހާ އަދި އަތުލް ވަނީ ފެނިގެން ގޮސްފައެވެ. އާރްއެސްވީޕީ އަދި ބްލޫ މަންކީ ގުޅިގެން އުފައްދާފައިވާ މި ފިލްމުގެ ޓްރޭލާ އާއްކުރުމާއެކު މީސްމީޑިއާގައި ވަނީ މި ފިލްމަށް ސަމާލުކަން ލިބެން ފަށައިފައެވެ.

ރޮނީ ސްކްރޫވާލާ އުފައްދައި ބެހްޒާދު ކަމްޕާޓާ ޑައިރެކްޓުކުރި ސަސްޕެންސް ޑުރާމާ މިމަހުގެ 17 ގައި ރިލީސްކުރަން ހަމަޖެހިފައިވާ އިރު، ފިލްމު ބަލަން ކެތްމަދުވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ޕޯސްޓުތައް ކުރަމުންނެވެ.

މި ފިލްމަކީ ޔާމީ ގޯތަމްގެ ކައިވެންޏަށްފަހު ރިލީސްވާ އޭނާގެ ދެވަނަ ފިލްމެވެ. މިދިޔަ އަހަރު ޔާމީ ގޯތަމް ވަނީ ''ޔޫރީ: ދަ ސާޖިކަލް ސްޓްރައިކް'' ގެ ޑައިރެކްޓަރު އަދިތުޔާ ދަރްއާ ކައިވެނިކޮށްފައެވެ.