ފަންސަތިރީސް ވަނަ ބައި
"ދަރިފުޅާ ޝާމިން..."
ހޮސްޕިޓަލުން ގެއަށް އައިސް ވަން ޝާމިނަށް ހުއްޓެވުނީ ގޭގެ ގޯތި ތެރޭގައި ހުރި އުނދޯލިގެއިން މީހަކު ގޮވާލި އަޑު އިވިގެނެވެ. އެދިމާއަށް ފިޔަވަޅު އުފުލާލީ އެއިވުނު އަޑަކީ ތިއްތިބޮޑުމަންމަގެ އަޑުކަން އެނގޭތީއެވެ.
"ދަރިފުޅު އެއްވެސް އަރާމެއް ނެތި ތިހެން ތެޅޭތަން ބަލާކަށް މާމަގެ ހިތަކަށް ކެތެއް ނުވާނެ."
އުނދޯލިގޭގައި ތިބި ދެމައިންނަށް ޝާމިންގެ އާވާރާ ވެފައިވާ ސިފަ ފެނުމުން ތެޅިގަނެވުނެވެ. ދޮންދީދީއަށް ހީވީ މީހަކު އޭނާގެ މޭގައި ބާރަށް ވަރުހުރި އެތިފަހަރެއް އަޅާލިހެނެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ. ދިމާކުރިމަތީގައި އެހެރީ އޭނާގެ މުޅި ދުނިޔެއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝިޔާމާގެ ބަނޑުން ވިހޭކަމުގައި ވިޔަސް އެކުއްޖާ ބޮޑުވީ އޭނާގެ އުނގުގައެވެ.
ފުރަތަމަ އަލަށް ފިޔަވަޅެއް އެޅީ އޭނާގެ އިިނގިލި ކުރީގަ ހިފައިގެން ހުރެއެވެ. އަލަށް ކާއެއްޗެއް ކާން ދިނީ އޭނާގެ އަތުންނެވެ. އެންމެ ފުރަތަމަ ގޮވާލީ މަންމައަކަށް ނޫނެވެ. އޭނާއަށެވެ. "ތިތިމާ.." ފުރަތަމަ ބަސް ކިޔެން ފެށިއިރު ޝާމިންގެ ދުލު ކުރިން ކިޔަން ފެށީ ތިއްތިމާމަގެ ނަމެވެ. ކިރިޔާ ކަމެއްވިޔަސް ދުވެފައި އައިސް އޭނާގެ އުނގުތެރެއަށް ވަދެގަންނާނެއެވެ. ބައެއް ފަހަރުކޮށްލާ ލާނެތް ކަންތަކުން ޝިޔާމާގެ އަދަބެއް ލިބިދާނެތީ ހިމާޔަތް ހޯދަން ދުވެފައި އައިސް އޭނާގެ ފަސްބައިގެ ތެރެއަށް ވަދެ ފިލާނެއެވެ. އެކުޑަކުޑަ އިނގިިލިތަކުން އޭނާގެ ކޮލުގައި ފިރުމާނެއެވެ. ކަމަކާހެދި އޭނާ ހިތްހަމަނުޖެހި ރުޅި އައިސް ކަހަލަ ކަމެއް ވެއްޖެ ނަމަ އޭނާ ހަމަޖައްސަން ލޯބިލޯބި ބަސްތަކެއް ބުނާނެއެވެ.
މިދަރިފުޅު ބޮޑުވެ ފުރާވަރަށް އެރީ އޭނާގެ ލޯމަތީގައެވެ. ރާއްޖެއިން ބޭރަށް ކިޔަވަން ފޮނުވާލީ އެއްވެސް ވަރަކަށް ހިތާއި ސިކުނޑި ރުހިގެނެއް ނޫނެވެ. އެހެންނަމަވެސް ހަމަ އެއްވެސް ގޮތެއް ނެތިގެނެވެ. މާލޭގައި ދިރިއުޅޭން ފެށިފަހުންވެސް އޭނާއަކަށް ޝާމިންގެ ހަބަރު ބަލާނުލައި ދުވަހެއް ނިމިގެން ދިއުމަކަށް ހިތެއް ނުރުހެވެއެވެ. އެންމެ ފަހުން އޭނާގެ އުސޫލުތަކާއި ގަވާއިދުތަކާ މުޅިން ހިލާފަށް ހަޔާތުގައި ފުރަތަމަ ފަހަރަށް ކުރިކަމަކީވެސް މިދަރިފުޅު އޭނާގެ ގާތަށް ގެނައުމަށް ކުރި ކަމެކެވެ.
އޭނާގެ ނުރުހުމުގައި އޭނާގެ ބަހާއި އަމުރާ މުޅީން ދެކޮޅަށް ޝާމިން ކުރި ކައިވެންޏާ އެއްބަސްވެ އެއަންހެންމީހާ ޅީދަރިފުޅެއްގެ ގޮތުގައި ގެއަށް ގެނެސް ހުރިހާ ގޮތަކުންވެސް އެމީހުން އުފާވާ ހިތްހަމަ ޖެހޭ ދިރިއުޅުމެއް އެމީހުންނަށް ހޯދައިދޭން އޭނާ މަސައްކަތް ކުރަނީ ހަމައެންމެ ސަބަބަކަށްޓަކައެވެ. ޝާމިންގެ އުފަލަށްޓަކައެވެ.
ވާނީވެސް އެހެން ނޫން ހެއްޔެވެ. އިންތިހާއަށް ލޯބިވާ މަރުހޫމު ފިރިމީހާގެ ސިފައާ ވައްތަރު އާއިލާގެ އެއްވެސް ދަރިއަކަށް މިހާ ފުރިހަމައަށް ލިބިފައެއް ނެތެވެ. އެތައް ގޮތަކުން ޝާމިިންގެ ގައިން އޭނާއަށް އަމިއްލަ އުފަން ދަރިއެއްގެ އިހުސާސް ކުރެވެއެވެ.
ކަންތައް މިހެން އޮއްވައި މިހާރަކަށް އައިސް ޝާމިނަށް އެއަންނަ ބަދަލު ދެކެން އޭނާގެ ހިތަށް ހަމައެއްވެސް ވަރަކަށް ކުޅަދާނައެއް ނޫނެވެ. އޭނާގެ މިދަރިފުޅު ހަލާކުވެ ނިމިދަނީއެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެއްދުވަހެއްގެ މެންދުރު ޝައުފާއަށް ކުއްލި ޝޮކެއް ޖެހިފައި ބަލިވިފަހުން މިވީ ދުވަސްތަކުގެ ތެރޭގައި ޝާމިން މުޅީން އެހެން މީހަކަށް ބަދަލުވެއްޖެއެވެ.
ކެއުމެއް ބުއިމެއް އަރާމުކުރުމެއް ނެތެވެ. ހޮސްޕިޓަލުގެ އައިސީޔޫގައި އޮތް ޝައުފާގެ ގާތުގައި ހުރިހާ ވަގުތެއްހެން ހޭދަ ކުރަނީ ޝާމިނެވެ. އާއިލާގެ އެހެން މީހުން ދިޔަޔަސް ޝާމިން ބޭނުންވަނީ އޭނާ ޝައުފާގެ ހިދުމަތުގައި ހުންނާށެވެ. އެހެންނަމަވެސް އެއީ ކިހާ މުއްދަތަކަށް ކިހާ ދުވަހެއް ވަންދެން ހެއްޔެވެ. ޝައުފާގެ ހާލު ވަކި ރަނގަޅެއް ނުވެއެވެ. ޑޮކްޓަރުންގެ އެތައް ބަޔަކާ އާއިލާގެ އެންމެންހެން މަޝްވަރާކޮށްފިއެވެ.
ޒިޔާދު ހޮސްޕިޓަލަށް ގުޅައި، ރަށު ކައުންސިލަށްވެސް އާދޭސްކޮށްފިއެވެ. އެހެންނަމަވެސް ޝައުފާއަށް އެއްވެސް ގޮތަކަށް ދަތުރުކުރުމުގެ ހުއްދައެއް އެއްވެސް ޑޮކްޓަރަކަށް މިފަހަރަކު ނުދެވުނެވެ. ޝައުފާގެ ހިތުގެ ހިނގުން އަވަސްވުމާއި ލޭމައްޗަށް ދިއުމާއި އޮކްސިޖަން ނުހިފެހެއްޓުމުގެ މައްސަލައަކީ ބޮޑެތި ކަންތައްތަކެވެ.
ބަލީގެ އަސްލަކީ ސިއްރަކީ ކޮބައިކަން ނުހޯދުނަސް އެނގޭ ކަމަކީ މިއީ ކުރީ ފަހަރު އައި ހުމާއި އެރޯގާގެ ވައްތަރެއް ކަމަށެވެ. އެއީ އާދައިގެ ރޯގާހުމެއް ނަމަވެސް ޝައުފާއަށް އޭގެއިން ކުރާ އަސަރު މާބޮޑެވެ. ޝައުފާގެ ފުއްޕާމޭގެ ބަލިކަށިކަމާއި ދާދި ކުޑައިރުއްސުރެ ޑިޕްރެޝަން ފަދަ ނަފުސާނީ މައްސަލަތައް ހުރުމުގެ ސަބަބުން ޖެހުނު ބައްޔަށްވުރެ ޝައުފާގެ ހާލަތު މާދެރައެވެ.
ޝާމިން ޝައުފާ ގެއަށް ބަދަލުކުރާކަށް ނޫޅެއެވެ. ރަށު ހޮސްޕިޓަލުގައި ރެ އާއި ދުވާ އެހެން ތެޅިތެޅި މުޅި މީހާގެ ހާލު ފެންނަ ކޮންމެ މީހަކުވެސް ހަމްދަރުދީ ވާހާ ދެރަވެއްޖެއެވެ. މިކަމާ މަޝްވަރާކޮށްކޮށް އެންމެ ފަހުން ކޮންމެވެސް ކަހަލަ ނަތީޖާއަކާ ހަމައަށް ދެވުމުން ޝިޔާމާ ގޮވައިގެން ޝާމިނާ ބައްދަލުކުރަން މިގެއަށް ދޮންދީދީ އައީ ޝާމިން ހޮސްޕިޓަލުން ގެއަށް އައުމަށް ނުކުތް ހަބަރު ލިބުމުންނެވެ.
"ދަރިފުޅާ. މާމަ ދަރިފުޅަށް އެހީވާން ކޮންމެ ކަމެއްވެސް ކޮށްދީފާނަން.... އެމަންޖެ ގެއަށް ބަދަލުކުރަންވީނު... ގޭގައި ބާއްވައިގެން ފަރުވާ ދެވޭނެ ގޮތް ހަމަޖެއްސިދާނެ... މާލެއިން މޮޅު ޑޮކްޓަރުން ގެނެވިދާނެ... ޒިމްނާވެސް އެބައުޅެއެއްނު... ޒިމްނާއަށްވެސް ފަސޭހަ ވާނެ ގެއަށް ގެނައީމަ... އަނެއްކޮޅުން މިސްކިތުގެ މަސައްކަތް އެއޮތީ ފަށާފަ... އެތަނަށްވެސް ގޮސް އުޅެން ފަސޭހަ ވާނީ އެމަންޖެ ގެއަށް ބަދަލުކުރީމައެއްނު... މާމައަށް ފެންނަނީ ދިވެހިބޭހެއް ފަށަން..."
އުނދޯލީގެ ވަލުގައި ދެއިނގިިލިން ހިފަހައްޓަމުން ޝާމިން ތުއްތުމަންމަ އާއި މަންމައަށް ބަލައިލިއެވެ. އެބުނާގޮތަށް ކަންތައް ކުރުމުގައި މައްސަލައެއް ނެތްތާއެވެ. އެކަމަކު އޭރުން ޝައުފާއަށް އޭނަ ކުރާ މަސައްކަތާއި ތެޅޭ ތެޅުން ފެނި ކަންބޮޑުވާނެއެވެ. އެކަމަކުވެސް މިހާރު ދެން އެގޮތަށް ހޮސްޕިޓަލުގައި ބާއްވައިގެން ތިބުން ރަނގަޅެއްވެސް ނޫނެވެ. ޝައުފާގެ ބައްޔަކީ ސީދާ މިވެނި ބައްޔެކޭ ބުނަން ނޭނގުނަސް މިއީ ނާރާއި ކަށްޓާ ގުޅުންހުރި މައްސަލައެއްކަން ގައިމެވެ. އެހެނީ ޝައުފާގެ ހުޅުތަކުގައި އާދަޔާ ހިލާފަށް ރިއްސައެވެ. އުނަގަނޑަށް ތަދުވާ ވަރުން، ފައިގެ ނާރުތައްދުޅަވެ ގޮށް ޖެހިފައި ހުރުމުން ޝައުފާ އަށް ހިނގާބިނގާވެ ހެލިފެލިވެ އުޅުން ދައްޗަކަށް ވަނީއެވެ.
ހޮސްޕިޓަލަށް ގެންދެވުނު ފަހުން ޝައުފާގެ އެންމެ ބޮޑު، ކޮންމެ ދުވަހެއްގެ ޝަކުވާއަކީ އޭނާގެ މޭގެ ދޭތިކޮޅާއި ދުރުގައި އުޅެން ޖެހޭކަމުގެ ޝަކުވާއެވެ. އެކުދިންގެ ހުރިހާކަމެއްވެސް ކޮށް ކުދިން ބަލަހައްޓަނީ ޒިމްނާ އާއި ސަމަދެވެ. ހުރިހާ ގޮަތަކުންވެސް އެދެއެކުވެރިންގެ އެހީތެރިކަން ޝައުފާ އާއި ޝާމިނަށް ލިބެމުންދެއެވެ.
ތިއްތިމާމަ އާއި މަންމަ އެދިން ހިޔާލަށް އެންމެ ބޮޑަށް އެއްބަސްވެވުނީ ކުދިިންނާއެކުގައި ގިނަ ވަގުތު ހޭދަ ކުރެވޭނެތީއެވެ. އަދި ހުދު އޭނާއަށްވެސް ޝައުފާއަށް އަޅާލުމުގައި ފަސޭހަތަކެއް ވާނެތީއެވެ.
"މިއަދު ޑޮކްޓަރުންނާ ވާހަކަ ދައްކާނަން... މިހާރު ތެދުވެ އުޅެވޭ... އަމިއްލައަށް އެނދުން ފައިބައިގެން ފާހާނާއަށް ގޮސްހަދާ.... އެކަމަކު ވަރަށް ކުޑައިރުކޮޅަކަށް.... އުނަގަނޑަށް ތަދުވާވަރުން ހަމަ ކޮޅަށް ނުހުރެވެނީ..."
ޝާމިންއަށް އެވަރުގެ ކުޑަބަސްކޮޅެއްވެސް ބުނެވުނީ ވަރަށް ހިތްވަރުންނެވެ. ޝައުފާގެ ގައިގައި އަޅާ ކޮންމެ ވޭނެއް އޭނާ ހިއްސާކުރެއެވެ. އޭނާއަށް ތަދުވެއެވެ. ވަރަށް ރިއްސައެވެ. ހިތާއި އެހިތުގެ އެންމެ ހިމަނާރުތަކަށްވެސް ނުހަނު އަސަރުކުރެއެވެ. ލޮލުން ފޫދިގެން އެސްފިޔަތައް ތެންމާލި ކަރުނަ ފޮރުވޭތޯ މަސައްކަތް ކުރަމުން އަބަދުގެވެސް ބަދަލުނުވި އާދައިގެ މަތިން ދެޖީބަށް އަތްމަހާލެވުނެވެ. އަދި އަވަސް ފިޔަވަޅުތަކެއް އަޅަމުން އެތެރެގެއާ ދިމާއަށް ހިނގައިގަތެވެ.
ޝައުފާ ގެއަށް ބަދަލު ކުރެވިއްޖެއެވެ. މާލެއިން ހާއްސަ ޑޮކްޓަރަކާއި ދިވެހި ބޭސްވެރިިއަކު ގެނެސްގެން ޝައުފާއަށް ފަރުވާ ކުރެވެން ފަށައިއެވެ. ޒިމްނާ އާއި ސަމަދު އެދެމަފިރިންގެ އަމިއްލަ ދަރިން ފަދައިން ޖަންނަތާއި ފިރުދައުސަށް ކަމޭހިތައެވެ.
ޝިޔާމާ އާއި ދޮންދީދީ އެދެކުދިން ކޮލި ގަނޑުވަރަށް ގެންދިއުމަށް ކިތަންމެހާވެސް މަސައްކަތެއް ކުރިއެވެ. އެހެންނަމަވެސް ޒިމްނާއަކީ މާ ޒީލަގަދަ ހަރުކަށި އަންހެނެކެވެ. އޭނާއަކަށް ވަކި ހާއްސަ ދޮންދީދީ އެއް ޝިޔަމާއެއް ޝަކީލާއެއް ނޯވެއެވެ. ކޮންމެ މީހަކާ ދިމާއަށްވެސް ބުނަން ބޭނުން އެއްޗެއް ޖެހިލުމެއް ނެތި ބުނެލައެވެ.
"ކުދިންނެއް މިގެއަކުން އެހެން ގެއަކަށް ނުގެންދެވޭނެ. ބޭނުން ވަރަކަށް އައިސް އެހީވެވޭނެ. އެކަމަކު ކުދިން ތިބޭނީ މިގޭގަ. މާމައަކަސް ބޮޑުމާމައަކަސް ދައްތައަކަސް މިކަން އޮންނާނީ މިހެން.."
އެއީ ޒިމްނާގެ އަބަދުގެވެސް ފާޑެވެ. އޭނާ ލޯބިވާ އެއްވެސް މީހަކާ ބެހޭ ގޮތުން މީހަކު އޮޅިގެން ބަހެއް ބުންޏަސް އެމީހެއްގެ ބޮލުގައި ކޯރި އަޅައިގެން ގަންހިންގާ ވަރުކުރާނެއެވެ. އަމުދުން ޝައުފާއާ ބެހޭ ގޮތުން އެއްވެސް މީހަކު އެއްވެސް ބަހެއް ބުނާކަށް އަދި ކަމެއް ކުރާކަށްވެސް އޭނާގެ ހުއްދައެއް ނޯންނާނެއެވެ. ވީއިރު ޝައުފާގެ ދަރިފުޅުމެންނާ ދޭތެރޭގައި އޭނާ ކިހާވަރެއް ހުންނާނެ ހެއްޔެވެ. އެއިން ކުއްޖަކު އޭނާގެ ލޯމަތިން ކެހިގެން ދާނެ އެންމެ ހިނދުކޮޅެއްވެސް ޝައުފާ އެޑްމިޓް ކުރިފަހުން އަޔަކަ ނުދެއެވެ. ކިރިޔާވެސް ތަނަކަށް ދަންޏާވެސް ސަމަދު ނޫނީ ޝާމިން ނޫން މީހެއްގެ ބެލުމުގެ ދަށަށް ދޫ ނުކުރެއެވެ. ކުދިންނާ އެއްވެސް މީހަކު ގައިގޯޅިވެ އުރާ ހަދާނަމަވެސް އޭނާގެ ލޯމަތިން ދުރަކަށް ނުދޭނެއެވެ. މިއީ ރަހުމަތްތެރިކަމުގެ އެންމެ ފުރިހަމަ ދެވަނަ މިސާލެއް ނެތްފަދަ ނަމޫނާއެކެވެ.
ޝައުފާ ގެއަށް ގެނެވުނު ފަހުން ޝާމިންގެ ހާލުވެސް ކޮންމެވެސް ވަރަަކަށް ހަމައަކަށް އެޅެން ފަށައިފިއެވެ، މިސްކިތުގެ މަސައްކަތްތައް ވަރަށް ހަލުވި އަވަސް ބާރު މިނެއްގައި ކުރެވެމުން ދަނީ ހައެއްކަ މަސް ތެރޭ އެތަނުގެ މަސައްކަތް ނިމޭތޯއެވެ. ރަމަޟާން މަސް އަންނަން ވާއިރަށް އެމިސްކިތް ހުޅުވުމަށް ގަސްދުކޮށް އެގޮތުގެ މަތިން މަސައްކަތް ކުރެވެމުން ދަނީ ފައިސާ ފެން ފަދައިން އެކަމަށް ހަރަދު ކުރަމުންނެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ