ކުރީގެ މަޝްހޫރު ބޮޑީ ބިލްޑަރު އަދި އެކްޓަރު އާނޯލްޑް ޝުވަޒެނެގަރއަށް މިހާރު 74 އަހަރެވެ. އެހެންވީމާ އޭނާގެ މިހާރުގެ ޕޯސްޓަރުތައް އެއްވެސް ބަޔަކު ބޭނުމެއް ނުކުރެއެވެ. އާނޯލްޑްގެ ސަޕޯޓަރުން މިހާރު އައު ޒުވާން އެހެން އާނޯލްޑެއް ހޯދައިފިއެވެ. ހުރިހާ ގޮތަކުންވެސް ވައްތަރު އޭނާގެ ޑަބަލްއެކެވެ.
އައު އާނޯލްޑަކީ އުމުރުން 24 އަހަރުވީ ޖޯސެފް ބަނެއާއެވެ. ހަމައެކަނި އާނޯލްޑާ ވައްތަރީއެއް ނޫނެވެ. ބޮޑީ ބިލްޑަރަކަށްވެފައި ފިލްމުކުޅެނީއެއް ވެސް ނޫނެވެ. ނޫސްމަޖައްލާތަކުގެ ބޭރުގަނޑަށް އަރަނީއެއްވެސް ނޫނެވެ. ޖޯޒެފް ބަނެއާއަކީ އާނޯލްޑްގެ ދަރިއެކެވެ. ކައިވެނިން ބޭރުގައި ލިބިފައިވާ ސިއްރު ދަރިއެކެވެ.
ޖޯސެފްގެ މަންމަޔަކީ އާނޯލްޑާއި އޭނާގެ އަންހެނުން މާރިއާ ޝްރައިވަރގެ ނޯކަރެކެވެ. ގޭގެ ހައުސްކީޕަރެވެ. ޖޯސެފަކީ ނޯކަރާއެކު އާނޯލްޑް ހިންގެވި ނަހަމަގުޅުމެއްގެ މޭވާއެވެ. ޖޯޒެފަށް ބަލިވެ އިނުމާއެކު ނޯކަރުވަނީ ވަޒީފާދޫކޮށް ގޮސްފައެވެ.
އާނޯލްޑްގެ އަނބިކަނބަލުން މާރިއާ ޝްރައިވަރ އަކީ އެމެރިކާގެ ކުރީގެ ރައީސް ޖޯން އެފް ކެނެޑީއަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އާނޯލްޑަށް އެމެރިކާގައި ސިޔާސީ ކެރިއަރެއް ފެއްޓެވުނީ މާރިއާ ޝްރައިވަރގެ ސަބަބުންނެވެ. މިކައިވެނިފުޅުން ހަތަރު ބޭފުޅުން ލިބިވަޑައިގެންފައިވެއެވެ. އާނޯލްޑް ވަނީ 2003 ވަނަ އަހަރުން ފެށިގެން 2011 އަށް އެމެރިކާގެ އެންމެ އާބާދީ ބޮޑު އަދި އެންމެ މުއްސަނދި ސްޓޭޓްކަމަށްވާ ކެލިފޯނިޔާގެ ގަވަރުނަރުކަންވެސް ކުރައްވައިފައެވެ.
ވަޒީފާދޫކޮށް ނޯކަރު ދިޔައިރު އާނޯލްޑްގެ ދަރިޔަކަށް ބަލިވެއިންކަން އެއްވެސް މީހަކަށް އޭނާ ނާންގައެވެ. އާނޯލްޑަކަށްވެސް ނާންގައެވެ. ޖޯޒެފަކީ އާނޯލްޑްގެ ދަރިއެއްކަން ފަޅާއެރީ ޖޯޒެފްގެ އުމުރުން އެންމެ ތޭރަ އަހަރުގައި އޭނާ އާނޯލްޑާ ވައްތަރުކަމުން ނޫސްވެރިންގެ ސަމާލުކަމަށް މިކަން އައިސް އާއިލާގެ ވަނަވަރު ބެލިއިރު ޖޯޒެފްގެ މަންމަޔަކީ އާނޯލްޑްގެ ކުރީގެ ހައުސްކީޕަރުކަން އެނގުނު ހިސާބުންނެވެ.
ނޫސްތަކުގައި މިވާހަކަ ލިޔެ މިކަން ފަޅާއެރުމަކީ އާނޯލްޑަށް ވެސް އަދި މާރިއާ ޝްރައިވަރ އަށްވެސް ވަރަށް ބޮޑު ހައިރާންކަމެކެވެ. އެކަމަކު ޖޯޒެފަކީ އަމިއްލަ ދަރިއެއްކަމަށް އާނޯލްޑް އިންކާރެެއް ނުކުރައްވައެވެ. މިކަމާހެދި ބޮޑު ޒުވާބުތަކެއް ހިނގުމަށްފަހު މާރިއާ ޝްރައިވަރ ވަރިއަށް އެދިވަޑައިގެން އެންމެފަހުން ރަސްމީކޮށް އެކައިވެނިފުޅު ވަނީ ނިމުމަކަށް އައިސްފައެވެ.
އާނޯލްޑަކީ އޮސްޓްރިޔާއަށް އުފަން އޮސްޓްރިޔާ ރައްޔިތެކެވެ. އެންމެ ފުރަތަމަ މަޝްހޫރުވީ ބޮޑީ ބިލްޑަރެއްގެ ގޮތުގައި މިސްޓަރ ޔުނިވަރސް އާއި މިސްޓަރ އޮލިމްޕިއާ ފަދަ ބޮޑީ ބިލްޑިން މުބާރާތްތަކުން އެއްވަނަ ހޯއްދަވައިގެންނެވެ. އެމެރިކާއަށް ހިޖުރަ ކުރެއްވުމަފަހު ފުރުސަތު ހޯއްދެވީ ހޮލީވުޑްގެ ފިލްމުތަކުންނެވެ. މަޝްހޫރު ފިލްމު ޓާރމިނޭޓަރ އަކީ އާނޯލްޑްގެ އެއް ފިލްމެވެ. މާރިއާ ޝްރައިވަރ އާއި ކައިވެނި ކުރެެއްވީ ހޮލީވުޑްގެ ޒަމާނުގައެވެ.
އާނޯލްޑްގެ ރަސްމީ ސައްހަ ބޭފުޅުންނަށްވުރެ ބައްޕަޔާއި ހުރިހާ ގޮތަކުންވެސް ވައްތަރީ ޖޯޒެފެވެ. ބޮޑީ ބިލްޑްކުރުމުގައި ވެސް އަދި ފިލްމު ކުޅުމާއި މޮޑެލް ކުރުމުގައިވެސް އެންމެ ކުރިއަށް ނުކުމެ ހުރީ ޖޯޒެފެވެ. އެހެންވީމާ އާނޯލްޑްގެ ބަދަލުގައި ޒުވާން އައު އާނޯލްޑެއް ފެނިގެން އޭނާގެ ސަޕޯޓަރުން މިހާރު ތިބީ ވަރަށް އުފަލުންނެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު