މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި، ވަކިގޮތަކަށް ވޯޓު ނުލާ ނަމަ އައިޑީކާޑް ދޭން އަންގައި، ފެނަކައިގެ އިސްވެރިޔަކު އެތަނުގެ މުވައްޒިފަކަށް ނުފޫޒު ފޯރުވި ކަމަށްބުނާ އޯޑިއޯއެއް، އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް، މަޖިލިސް ޖަލްސާގައި މިއަދު އިއްވުމުން، އޭގެން ފާހަގަވީ ނުފޫޒު ނުފޯރުވާކަން ކަމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ ރެކޯޑިން އިއްވަމުން ޝިޔާމް ވިދާޅުވީ، އެއީ ފެނަކަ ކޯޕަރޭޝަންގެ އޮޕަރޭޝަން ހެޑްގެ ގޮތުގައި ހުންނެވި ޒާހިރު އުސްމާން ކިޔާ މީހަކު، ފޯކައިދޫ ފެނަކަ އެޑްމިނިސްޓްރޭޓާ އޮފިސަރަކަށް ހުރި ށ. ފޯކައިދޫ، ސޯސަންގެ މުހައްމަދު އަފްރާހަށް އިންޒާރުދީ ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ.

މާބޮޑަށް ސާފު ނޫން އެ ރެކޯޑިންގައި ޒާހިރު ކަމަށްބުނާ މީހާ ބުނާ ވާހަކަައަކީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު (ރާޑޯ) ހޮވަން ވޯޓު ދިނުމަކީ، ފެނަކައިގެ އެމްޑީއަށް އެއްބާރުލުން ދިނުން ކަމަށެވެ. އަދި ރާޑޯއަށް ވޯޓު ނުދޭ ނަމަ އޭނާ ބުނާ މީހަކާ އައިޑީ ކާޑު ހަވާލުކުރުމަށް އިންޒާރު ދޭ އަޑުވެސް އިވެއެވެ.

ނަމަވެސް ޖަވާބުގައި އަފްރާހު ކަމަށް ބުނާ މިހާ ބުނީ، އެމްޑީއަށް އެއްބާރުލުން ދޭނެ ކަމަށެވެ. ނަމަވެސް ރާޑޯއަށް ވޯޓު ނުދޭނެ ކަމަށެވެ.

މަޖިލިސް ތަޅުމުގައި ޝިޔާމްގެ ފޯނުން އެ ރެކޯޑިން އިއްވުމުން މަޖިލިސް ރައީސް ވިދާޅުވީ، ފެނަކައިގެ ވެރިޔާ ވިދާޅުވާ މީހާގެ ވާހަކައިގައި، އޭނާ ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ބުނެފައިވާކަން ދޭހަވާ ކަމަށެވެ. އަދި ސާފުކޮށް އެ ބުނަނީ ނުފޫޒު ނުފޯރުވާނެ ވާހަކަ ކަމަށްވެސް ވިދާޅުވިއެވެ.

"އަޑު އިވުނު އެތީގައި އެ އޮތީ ތިމަންނާއެއް ތިބޭފުޅާ ވަޒީފާއިން ވަތްކެއް ނުކުރާނަމޭ، ވަރަށް ސާފުކޮށް އެ އޮތީ ނުފޫޒެއް ނުފޯރުވާ. އޭނާގެ ވާހަކަ ފައްޓަވަމުން އޭނާ އަމިއްލަ ހައިސިއްޔަތުން ކުރާ ކަމެއްކަމަށް ބުނެފައި އެވަނީ، އެއިން ފާހަގަވަނީ ނުފޫޒު ނުފޯރުވާނެކަން،" މަޖިލިސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ވާހަކަ ދެއްކި މީހާއަކީ، ކޮމަންޑޫ ދާއިރާއަށް ވޯޓުލުމުގެ ހައްގު އޮތް މީހެއް ކަމަށާއި، އޭނާއަކީ ކެމްޕޭން ކުރުމުގެ ފުރުސަތު އަދި ހައްގު އޮތް މީހެއް ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ، އެ އޯޑިއޯއިން ޝިޔާމް ފާހަގަކުރައްވަން މަސައްކަތް ކުރެއްވި ނުކުތާ ފާހަގަކުރެއްވޭނީ އަދި އެހެން ވީޑިއޯއެެއް ހޯއްދަވައިގެން ކަމަށެވެ. އަދި އިއްވި އޯޑިއޯ ވަރަށް ރަނގަޅަށް ސާފުވެވަޑައިގެންފި ކަމަށާއި، އޭގައިވާ ވާހަކަތައް ޔައުމިއްޔާ ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ޝިޔާމު ވިދާޅުވީ އެ އޯޑިއޯ މަޖިލިސް ރައީސަށް އަރުވާނެ ކަމަށެވެ. އަދި އެ މައްސަލަ ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހަށާއި، މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ހުށަހަޅުއްވާނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.