މުނިފޫހިފިލުވުން

މަންމަގެ އުނގަކީ ޖަންނަތު: ސަލްމާން ހާން

ބޮލީވުޑް ތަރި ސަލްމާން ހާން އަށް އޭނާގެ މަންމަ ސަލްމާ ހާން އަކީ އަބަދުވެސް ވަރަށް ހާއްސަ ފަރާތެކެވެ.

މަންމައާއެކު ވަގުތު ހޭދަކުރުމަށް އަބަދުވެސް ލޯބިކުރާ ސަލްމާން ހާން ވަނީ އޭނާގެ މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ނަގާފައިވާ ފޮޓޯއެއް މީޑިއާއަށް ދޫކޮށްލައިފައެވެ.

އިންސްޓަގުރާމަށް އެ ފޮޓޯ ދޫކޮށްލަމުން ސަލްމާން ހާން ބުނެފައިވަނީ މަންމަގެ އުނގަކީ ޖަންނަތު ކަމަށެވެ. ސަލްމާ އާއެކު ނަގާފައިވާ ފޮޓޯގައި ސަލްމާން ހާން އަދި ސަލްމާގެ މޫނުމަތިންވެސް ހިނިތުންވުން ފެނިގެން ދެއެވެ. ސަލްމާން ހާން އޭނާގެ މަންމައާއެކު ނަގާފައިވާ މި ލޯބި ފޮޓޯއަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކޮށް ކޮމެންޓު ކުރަމުންނެވެ.

ސަލްމާން ހާންގެ ކުރިއަށްހުރި މަސައްކަތްތަކަށް ބަލާއިރު އޭނާ އަންނަނީ މި އަހަރުގެ ޑިސެމްބަރުގައި ރިލީސްކުރަން ތައްޔާރުވަމުން އަންނަ ފިލްމު ''ޓައިގާ 3'' މަސައްކަތްތަކުގައި އަވަދިނެތި އުޅެމުންނެވެ. ފިލްމުގެ ލީޑުން ސަލްމާން އާއެކު ކަޓްރިނާ ކެއިފް ފެނިގެންދާއިރު، މިފިލްމުގައި ނެގެޓިވް ރޯލަކުން އިމްރާން ހާޝްމީ ވެސް ފެނިގެންދާނެއެވެ. އޭގެ އިތުރުން މިފިލްމުގައި ހާއްސަ ފެނިލުމަކުން ބޮލީވުޑްގެ ސުޕަހީރޯ ޝާހްރުކް ހާންގެ ކުޑަ ރޯލެއް ހިމެނުމަށްވެސް ވަނީ ހަމަޖެހިފައެވެ.