"އަދިވެސް އިތުރު ކުދިން ލިބެން ބޭނުން." ތަސައްވުރުކޮށްލަމާތޯއެވެ. އެންމެ ކުއްޖެއް ނުވަތަ ދެ ކުއްޖެއް ނޫނެވެ. އެގާރަ ކުދިން ތިބި މަންމައަކު މިހެން ބުނުމުން ސިފަވަނީ ކިހިނެއްތޯއެވެ. ހައިރާން ނުވޭތޯއެވެ. އެވެސް ހަމަ އެންމެ 23 އަހަރުގެ ޒުވާން މަންމައެކެވެ. އެގާރަ ކުޑަކުދިންގެ މަންމައަކު އިތުރަށް ދަރިން ބޭނުމޭ ބުނީމަ ހައިރާންވުން އެކަށީގެންވެއެވެ. އެކަމަކު މިއީ ޔޯލަ ވާހަކައެއް ނޫނެވެ. ހަގީގީ ތެދެކެވެ. މިއީ މިވަގުތުވެސް ދުނިޔޭގައި ދިރިއުޅެމުން އަންނަ އާއިލާއެކެެވެ.
ހައިރާންވާނެ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ އެންމެ 23 އަހަރުގެ އަންހެނަކު 11 ދަރިންގެ މަންމައަކަށް ވުމެވެ. އެއްމާބަނޑު ކިތައް ކުދިންބާވައެވެ. މިފަދަ ކިތަންމެ ސުވާލެކެވެ. އެހެން ނޫންތޯއެވެ.
ވޭތުވެދިޔަ ދެތިން މަސްތެރޭގައި ސޯޝަލް މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ދެވުނު ރަޝިއާގެ ވޮލްގޮޑޯންސްކްއަށް އުފަން 23 އަހަރުގެ ކްރިސްޓިނާ އޮޒްޓާކް އޭނާގެ 11 ތުއްތު ކުދިންނާއެކު އިންސްޓަގްރާމްގައި ހިއްސާ ކުރި ބައެއް ޕޯސްޓުތަކުގެ ސަބަބުން އޭނާއަށް ބައެއް ކަހަލަ އުނދަގޫތަކާ ވެސް ކުރިމަތިލާން ޖެހުނެވެ.
"އަސްލު އަހަރެން ނުބުނަން 105 ކުދިން ހަމަ ކުރާނަމޭ. އެއީ މުޅިން މައުޟޫއިން ބޭރު ވާހަކައެއް،" 'އެމޯމަމާ' އަށް ދިން އިންޓަވިއުއެއްގައި ކްރިސްޓިނާ ބުނެފައިވަނީ އޭނާ އިންސްޓަގްރާމްގައި ހިއްސާ ކުރި ޕޯސްޓެއްގައި އޮންނާނީ 100 ވިޔަސް ބޭނުންވަނީ ބޮޑު އާއިލާއެއް ކަމަށެވެ.
އެކަމަކު ބައެއް ނޫސްތަކުން ސޯޝަލް މީޑިއާގައި އޭނާ ނުދައްކާ ވާހަކަ ހިމަނައިގެން ސީދާ މިވެނި އަދަދަކަށް ދަރިން ބޭނުން ވާހަކަ ލިޔުމަކީ އޭނާ ދެކޭ ގޮތުގައި ވަރަށްވެސް އަދަބާ ހިލާފު ދެރަ ކަމެކެވެ.
އުމުރުން 17 އަހަރުގައި އަލަތު ދަރިފުޅު ވިކްޓޯރިއާ ލިބުނު ފަހުން އެކަނިވެރި މައެއްގެ ގޮތުގައި އުޅެމުން ދަނިކޮށް މިހާރުގެ ފިރިމީހާ، އުުމުރުން 56 އަހަރުގެ ގަލިޕްއޮޒްޓާކްއާ ބައްދަލުވެ ކައިވެންޏެއް ކުރީ ވަރަށް ލޯބިންނެވެ. އޭނާއަށްވުރެ ދޮށްޓަސް، ފިރިމީހާ ދެކެ އިންތިހާއަށް ލޯބިވާ ކަމަށް ކްރިސްޓިނާ ބުނެފައިވެއެވެ.
މި ދެމަފިރިން ކައިވެންޏަށްފަހު އެއްފަހަރާ އެއް އުމުރެއްގެ 11 ކުދިން ހޯދީ ސަރޮގޭސީ ނުވަތަ އެހެން އަންހެނުންތަކެއްގެ ރަހިމު ބޭނުންކޮށްގެނެވެ. މިއީ އާންމު އާދައިގެ މީހަކަށް ކުރަން އުނދަގޫ، ތަސައްވުރު ކުރަން ދަތިކަމަކަށް ވިޔަސް ފައިސާގެ ގޮތުން އެއްވެސް ދަތިކަމެއް ނެތް މިލިއަނަރުންނަށް ކުރަން ހަމަ އެއްވެސް ކަމެއް ނޫނެވެ.
ސޯޝަލް މީޑިއާގައި ކްރިސްޓީނާއާއި އޭނާގެ ދަރިންނާ ބެހޭގޮތުން ކޮންމެ ވާހަކައެއް، ކޮންމެ ގޮތަކަށް އާންމުވަމުން ދިޔަ ނަމަވެސް ކްރިސްޓީނާ އޭނާގެ އިންސްޓަގްރާމްގައި ކުދިންނާއެކު ހޭދަކުރާ ވަގުތުތަކުގެ ހަނދާންތައް އާންމުންނާ ހިއްސާ ކުރަމުން އަންނަނީ އުފަލާއެކުގައެވެ. އެހެން އަންހެނުންތަކެއް މެދުވެރިކޮށް މިވަރަށް ދަރިން ލިބުމަކީ ފަސޭހަ ކަމަކަށް ވިޔަސް، އަމިއްލައަށް މިއިން ކޮންމެ ކުއްޖަކު ނުވަ މަސް ވަންދެން ގެންގުޅެ ވިހެއުމަކީ ކިހާވަރެއްގެ އުފަލަކަށް ނުވަތަ ދަތިކަމަކަށް ވާނެބާވައެވެ. އެގާރަ ކުދިންގެ މާނައަކީ މަދުވެގެން 13 އަހަރު ދުވަހު، ހުއްޓުމެއް ނެތި ދަރިން ވިހާ ގަދަވުމުގައި ހޭދަކުރުމެވެ. މިގޮތް ތަސައްވުރުކޮށްލަމާތޯއެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް