މުނިފޫހިފިލުވުން

ބްރިޓް އެވޯޑްސް 2022: 3 އެވޯޑާއެކު އެންމެ ބޮޑު ކާމިޔާބެއް ހޯދީ އެޑެލް

42ވަނަ ބްރިޓް އެވޯޑު ހަފުލާ ލަންޑަންގެ އޯޓޫ އެރީނާގައި އިއްޔެ ވަނީ ބާއްވާފައެވެ. އިނގިރޭސިންނަށް ހާއްސަކޮށް އަދި ބައިނަލް އަގުވާމީ ލަވަކިޔުންތެރިންވެސް ފާހަގަކުރުމުގެ ގޮތުން ބާއްވަމުން އަންނަ މި އަހަރުގެ ބްރިޓް އެވޯޑު ހަފުލާ ހުށަހަޅައިދީފައިވަނީ ކޮމީޑިއަން މޯ ގިލިގަންއެވެ.

ލަވަކިޔުންތެރިޔާ އެޑެލް އަށް ވަނީ ތިން ކެޓެގަރީއަކުން އެވޯޑު ލިބިފައެވެ. އެޑެލްގެ ލަވަ ''އީޒީ އޮން މީ'' އެންމެ މޮޅު ލަވައަށް ހޮވިފައިވާއިރު އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އިތުރުން އެންމެ މޮޅު އަލްބަމްގެ އެވޯޑު ލިބިފައިވަނީ އޭނާގެ އަލްބަމް ''30'' އަށެވެ.

އެހެނިހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ބްރިޓް އެވޯޑްސްގައި ކެޓެގަރީތައް ކަނޑައަޅާފައިވަނީ ވަކި ޖިންސަކަށް ބެހުމެއް ނެތިއެވެ. އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑަށް އެޑެލް އާއި ވާދަކުރި ތަރިންގެ ތެރޭގައި ޑޭވް، އެޑް ޝީރާން، ލިޓިލް ސިމްޒް އަދި ސޭމް ފެންޑާ ހިމެނެއެވެ. އެންމެ މޮޅު ގުރޫޕަކަށް ވުލްފް އެލިސް ހޮވިފައިވަނީ ކޯލްޑްޕްލޭ، ޑީ-ބްލޮކް ޔޯރަޕް، ލިޓިލް މިކްސް އަދި ލަންޑަން ގްރެމާއާ ވާދަކޮށްގެނެވެ.

ބްރިޓްސް ރައިސިން ސްޓާރަކަށް ހޮލީ ހޮމްބަސްޓޯން ހޮވިފައިވަނީ ބްރީ ރަންވޭ އަދި ލޯލާ ޔަންގް އާ ވާދަކޮށްގެންނެވެ. އަހަރުގެ އެންމެ މޮޅު ލަވައިގެ ކެޓެގަރީން އެޑެލްގެ ލަވަ ''އީޒީ އޮން މީ'' ހޮވިފައިވާއިރު އެ ކެޓެގަރީން ވާދަކުރި ލަވަތަކުގެ ތެރޭގައި އެޑް ޝީރާންގެ ''ބޭޑް ހެބިޓްސް'' އަދި އެލްޓަން ޖޯން އަދި ދުއަ ލިޕާގެ ''ކޯލްޑް ހާޓް'' ވެސް ހިމެނެއެވެ.

ބެސްޓް ނިއު އާޓިސްޓްގެ އެވޯޑު ލިޓިލް ސިމްޒް އަށް ލިބިފައިވާއިރު ބެސްޓް ރޮކް/އޯލްޓަނޭޓް އެކްޓް ކެޓެގަރީން ހޮވިފައިވަނީ ސޭމް ފެންޑާއެވެ. އަދި ބެސްޓް ހިޕްހޮޕް/ރެޕް އެކްޓުގެ އެވޯޑު ޑޭވް ހާސިލުކޮށް، ބެސްޓް ޑޭންސް އެކްޓް އެވޯޑު ކާމިޔާބު ކޮށްފައިވަނީ ބެކީ ހިލް އެވެ. ބެސްޓް ޕޮޕް/އާރްއެންބީ އެކްޓް އެވޯޑު ހާސިލުކޮށްފައިވަނީ ދުއަ ލިޕާއެވެ.

އިންޓަނޭޝަނަލް ކެޓަގަރީން އެންމެ މޮޅު އާޓިސްޓްގެ އެވޯޑު ބިލީ އެއިލިޝް އަށް ވަނީ ލިބިފައެވެ. އަދި އެ ކެޓެގަރީގެ ސޯންގް އޮފް ދި އިޔާގެ އެވޯޑު ލިބިފައިވަނީ ''ގުޑް ފޯ ޔޫ'' ލަވައަށް އޮލީވިއާ ރޮޑްރިގޯ އަށެވެ. އިންޓަނޭޝަނަލް ގްރޫޕަކަށް ސިލްކް ސޮނިކް ހޮވިފައިވާއިރު ވާދަކުރި ގުރޫޕުތަކުގެ ތެރޭގައި ދަ ވޯ އޮން ޑްރަގްސް، އަބާ، މޭންސްކިން އަދި ބީޓީއެސް ހިމެނެއެވެ.

މި އަހަރުގެ އެވޯޑު ހަފުލާގައި ފާހަގަކޮށްލެވުނު ކަންތައްތަކުގެ ތެރޭގައި ބޯ ގިލިގަން ވަނީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންގެ ''ޕާޓީގޭޓް'' ގެ ވާހަކައަށް އަލިއަޅުވާލައިފައެވެ. ބޮރިސް ޖޯންސަން އަކީ ޕާޓީކުރައްވަން ލޯބިކުރައްވާ ބޭފުޅެއްކަން އެނގޭ ކަމަށްބުނެ ބޯ ވަނީ އެކަމަށް އިޝާރާތެއް ކޮށްފައެވެ.

އިތުރަށް ފާހަގަކޮށްލެވުނު ކަންތަކުގެ ތެރޭގައި އޭން-މޭރީ ހުށަހަޅަމުން ދިޔަ އިވެންޓުގައި އޭނާ ވެއްޓުމާއެކު ވަގުތުން ތެދުވެ ލަވަ ހުށަހަޅައިދީފައިވާތީ ގިނަ ބައެއްގެ ތައުރީފުވަނީ އޭނާއަށް ލިބިފައެވެ. މީގެ އިތުރުން އެޑް ޝީރަން، ބްރިންގް މީ ދަ ހޮރައިޒަން އާ ގުޅިގެން ހެވީ މެޓަލް ކޮށް ގެނެސްދިން އޭނާގެ ލަވަ ''ބޭޑް ހެބިޓްސް'' އަށްވެސް ވަނީ ސަމާލުކަން ހުއްޓިފައެވެ.

ބްރިޓް އެވޯޑަށްފަހު އެންމެ ގިނަބަޔަކު ދައްކަމުން އަންނަ އެއްވާހަކަ އަކީ އެޑެލް އަޅާފައިވާ އަނގޮޓީގެ ވާހަކައެވެ. މި ހަފުލާއަށް އެޑެލް ގޮސްފައިވާއިރު އޭނާގެ އިނގިލީގައި އަޅާފައިވާ އަނގޮޓީގެ ސަބަބުން އެޑެލް އެންގޭޖުވީތޯ އޮޅުންފިލުވަން ގިނަ ބަޔަކު ވަނީ ކެތްމަދުވެފައެވެ.