މިދިޔަ އަހަރު ނިމެނިކޮށް ނެރުނު ޑިޒްނީގެ އެންމެ ފަހުގެ ކާޓޫން ފިލްމު ''އެންކަންޓޯ'' އަކީ ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާ ފިލްމެކެވެ.
އިއްޔެ އިއުލާނުކުރި އޮސްކާ ނޮމިނޭޝަން ލިސްޓުން މި ފިލްމު ވަނީ އެންމެ މޮޅު އެނިމޭޝަން ފިލްމު ކެޓެގަރީގައާއި އަދި ބެސްޓް އޮރިޖިނަލް ސޯންގް ކެޓެގަރީގައި ހިމެނިފައެވެ. މި ކާޓޫނު ފިލްމުގެ މަގުބޫލުކަމާ އެއްވަރަށް އޭގެ ލަވަތަކަކީވެސް ގިނަބަޔަކު ލޯބިކުރަމުން އަންނަ ލަވަތަކެކެވެ. ހާއްސަކޮށް އޭގައި ހިމެނޭ ''ވީ ޑޯންޓް ޓޯކް އަބައުޓް ބްރޫނޯ'' ފާހަގަކޮށްލެވެއެވެ. އިނގިރޭސިވިލާތުގެ ޗާޓުތަކުގެ އެންމެ ކުރީގައި މިލަވަ އުޅޭތާ ޖެހިޖެހިގެން ތިން ހަފުތާ ވެފައިވާއިރު އެމެރިކާގެ ބިލްބޯޑް ހޮޓް 100 ޗާޓުގެ އެންމެ ކުރިއަށްވެސް މި ލަވަ ވަނީ ޖެހިލައިފައެވެ.
އެންމެ މޮޅު ލަވައިގެ ކެޓެގަރީއަށް އެންކަންޓޯގެ މި ލަވަ ވާދަކުރާނެކަމަށް ގިނަބަޔަކަށް ހީވިނަމަވެސް، މި ލިސްޓުން އެ ލަވައަށް ޖާގަ ލިބިފައެއް ނުވެއެވެ. ސަބަބަކީ ''ވީ ޑޯންޓް ޓޯކް އަބައުޓް ބްރޫނޯ'' ޑިޒްނީ އިން އޮސްކާ އަށް ހުށަހަޅާފައި ނުވާތީއެވެ. އެއް ފިލްމަކުން ގިނަ ލަވަތަކެއް އޮރިޖިނަލް ސޯންގް ކެޓެގަރީއަށް ހުށަހަޅޭ ގޮތަށް އޮންނަ ނަމަވެސް އޭގައި ރިސްކެއް އޮވެއެވެ. އެއް ފިލްމަކުން ދެ ލަވައެއް ހުށަހަޅައިފިނަމަ އެކެޑެމީގެ ވޯޓު ދެ ލަވައަށް ބެހި އެ ކެޓެގަރީން އެއް ވަނަ ލިބުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ.
ނަމަވެސް މީގެ ކުރިން އެއް ފިލްމަކުން އެއް ލަވައަށްވުރެ ގިނައިން ހުށަހަޅައިގެން އެވޯޑު ހޯދާފައިވެސް އެބަހުއްޓެވެ. 1992ވަނަ އަހަރު ''ބިއުޓީ އެންޑް ދަ ބީސްޓް'' އިން އެންމެ މޮޅު ލަވައަށް ''ބީ އަވަރ ގެސްޓް'' ''ބެލޭ'' އަދި ''ބިއުޓީ އެންޑް ދަ ބީސްޓް'' މި ތިން ލަވަ ހުށަހަޅާފައިވާއިރު ތިން ލަވަވެސް ވާދަކޮށް ''ބިއުޓީ އެންޑް ދަ ބީސްޓް'' ލަވައަށް ވަނީ އެފަހަރުގެ އެވޯޑު ލިބިފައެވެ. ނަމަވެސް ކުރިން ބުނި ސަބަބަށްޓަކައި ގިނަ ސްޓޫޑިއޯތަކުން މި ރިސްކު ނަގަން ޖެހިލުންވެއެވެ.
''އެންކަންޓޯ'' އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކަށް ވީ އެކެޑެމީ އެވޯޑްސްގެ ބެސްޓް އޮރިޖިނަލް ސޯންގް ކެޓެގަރީއަށް ލަވަ ހުށަހަޅުމުގެ ފުރުސަތު އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު 1 ވަނަ ދުވަހުގެ ނިޔަލަށް ކަމަށްވެފައި ފިލްމު ރިލީސްކޮށްފައިވަނީ އޭގެ ތިން ހަފުތާ ފަހުން ނޮވެމްބަރު 21 އަށް ވުމެވެ. އެގޮތުން ބެލުންތެރިންނަށް އެންމެ ކަމުދާނީ އޭގެން ކޮން ލަވައެއްކަން ބުނަން ނޭނގި ކަމުދާނެ ކަމަށް ލަފާކުރެވުނު އެންކަންޓޯގައި ހިމެނޭ މަޑުމައިތިރި ސްޕެނިޝް ލަވަ ''ޑޮޝް އޮރިގިޓަސް'' ވަނީ އޮސްކާއަށް ހުށަހަޅާފައެވެ.
ބެސްޓް އޮރިޖިނަލް ސޯންގް އެވޯޑު ލިބުމުގެ ފުރުސަތު އެންކަންޓޯ އަށް ހަނިވެފައިވާއިރު އެ ކެޓެގަރީން އެވޯޑު ގެންދާނެކަމަށް ބެލެވިފައިވަނީ ''ނޯ ޓައިމް ޓު ޑައި'' ގެ ތީމް ލަވަ އިން ބިލީ އެއިލިޝް އެވެ. ނަމަވެސް ބިލީ އާއި މި ކެޓެގަރީން ''ކިންގް ރިޗާޑް'' ގެ ''ބީ އަލައިވް'' ލަވަ ކިޔައިދީގެން ބިޔޯންސޭ ވެސް ވާދަކުރެއެވެ.
''އެންކަންޓޯ'' މިދިޔަ އަހަރުގެ ނޮވެމްބަރު 21 ގައި ސިނަމާތަކުގައި އަޅުވާފައިވާއިރު ޑިސެމްބަރު 24 އިން ފެށިގެން ޑިޒްނީ ޕްލަސް ގައި ސްޓްރީމްކުރަން ފެށި ހިސާބުން ބޮޑު އޯޑިއެންސަކަށް ފިލްމު ފަސޭހައިން ބަލައިލުމުގެ ފުރުސަތުވަނީ ފަހިވެފައެވެ.
އެންމެ މޮޅު ލަވައިގެ ކެޓެގަރީން އެންކަންޓޯއަށް އެވޯޑު ލިބުމުގެ ފުރުސަތު ކުޑަވެފައިވީނަމަވެސް އެންމެ މޮޅު އެނިމޭޝަން ފިލްމުގެ އެވޯޑު ލިބުމުގެ ފުރުސަތު ''އެންކަންޓޯ'' އަށް ވަރަށް ބޮޑެވެ. މި ކެޓެގަރީން އިތުރަށް ވާދަކުރާ ކާޓޫން ފިލްމުތަކުގެ ތެރޭގައި ''ރާޔާ އެންޑް ދަ ލާސްޓް ޑްރެގަން'' އަދި ''ލޫކާ'' ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން