މާލޭ ސިޓީ ކައުންސިލްގެ އިދާރީ ހިންގުންތައް ޑިޖިޓަލައިޒް ކޮށްދޭނެ ބަޔަކު ހޯދަން އެ ކައުންސިލުން އިއުލާނުކޮށްފިއެވެ.
ސިޓީ ކައުންސިލުން އިއްޔެ ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ، މާލޭސިޓީ ކައުންސިލުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން މާލޭސިޓީ ކައުންސިލުގެ އިދާރީ ހިންގުން ޑިޖިޓަލައިޒް ކުރަން ނިންމާފައިވާ ކަމަށެވެ. އެހެންކަމުން އެ ކައުންސިލްގެ އިދާރީ ހިންގުން ޑިޖިޓަލައިޒް ކޮށްދޭން ފަރާތެއް ހޯދަން ބޭނުންވާކަމަށެވެ.
އެ މަސައްކަތުގެ ތެރޭގައި އެ ކައުންސިލުގައި ބޭނުންކުރަމުން ގެންގޮސްފައިވާ ހުރިހާ ލިޔެކިޔުންތައް ސްކޭން ކުރުމާއި، ޗެކްކުރުން، އަދި ސަވާގައި ސްޓޯކުރުމާއި ނޯމަލައިޒް ކުރުންވެސް ހިމެނޭކަމަށް ކައުންސިލުން ބުންޏެވެ.
ސިޓީ ކައުންސިލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނުން ނޫނީ އެމްޑަބްލިޔުއެސްސީ ކަސްޓަމާ ބިލްޑިންގެ ހަތަރު ވަނަ ފަންގިފިލާގައި ހުންނަ އެ ކައުންސިލުގެ އޮފީހުން މައުލޫމާތު ސާފުކުރުމަށްފަހު ބިޑުހުށަހެޅުމަށް އެ ކައުންސިލުން ބުންޏެވެ. އަދި ބުނީ އެ މަސައްކަތަށް ބިޑު ހުށަހަޅަން ޖެހޭ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 17 ވަނަ ދުވަސް ކަމަށެވެ.
ބިޑު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓު، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެކަނި ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު