ބޮލީވުޑް ބަތަލާ އާލިއާ ބަޓް އަލަށް އުފައްދާ ފިލްމު ''ޑާލިންގްސް'' ނެޓްފްލިކްސް އިން ބޮޑު އަގަކަށް ގަނެފިއެވެ.
އަލަށް ޕްރޮޑަކްޝަންގެ ދާއިރާއަށް ނުކުތް އާލިއާ ބަޓް މި ފިލްމު އުފައްދާފައިވަނީ ޝާހްރުކް ހާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމަންޓާ ގުޅިގެންނެވެ.
ހަބަރުތައް ބުނާ ގޮތުގައި، ނެޓްފްލިކްސް މި ފިލްމު ގަނެފައި ވަނީ 80 ކުރޯރު އިންޑިއާ ރުޕީސް އަށެވެ. މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ މަންމަ އަކާއި ދަރިއެއްގެ ދެމެދު އޮންނަ ގުޅުމުގެ މައްޗަށެވެ. އާލިއާ ކުޅެފައިވާ މި ފިލްމުގައި އޭނާގެ މަންމަގެ ރޯލުން ފެނިގެންދާނީ ޝެފާލީ ޝާހް އެވެ.
މި ފިލްމުގެ އިތުރުން އާލިއާ ބަޓްގެ ކުރިއަށް ރިލީސްވާންވެސް ގިނަ ފިލްމުތަކެއް އެބަހުއްޓެވެ.
ސަންޖޭ ލީލާ ބަންސާލީގެ ކުރިއަށް އޮތް ފިލްމު ''ގަންގޫބާއީ ކަތިޔަވަޑީ'' ގައި އާލިއާ ބަޓް ފެނިގެންދާއިރު އެ ފިލްމުގެ ޓްރެއިލާ އިން އާލިއާ ގެ ހުށަހެޅުމަށް ގިނަބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.