މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއްގައި މަސައްކަތްކުރާ ބިދޭސީއަކު ފިލައިގެން އުޅޭތީ އޭނާ ހޯދުމުގެ މަސައްކަތަށް އާންމުންގެ އެހީއަށް އެދެފި އެވެ.

ފިލައިގެން އުޅެނީ ރިޝްތާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގައި މަސައްކަތް ކުރާ ބަންގްލަދޭޝްއަށް ނިސްބަތްވާ މޮނިރް ހަސަން ނަމަކަށް ކިޔާ މީހެކެވެ.

ރިޝްތާ ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ހަސަން "ވަން" އަށް މިއަދު ވިދާޅުވީ، މޮނިރު ފިލައިގެން ދިޔައީ މީގެ ދެ ދުވަސް ކުރިން ކަމަށެވެ. އެއީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އޭނާ ފިލައިގެން ދިޔައީ އެ ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކުން ކަމަށެވެ.

މުހައްމަދު ވިދާޅުވީ މޮނިރް ހަސަން ފިލައިގެން ދިޔައީ ވަރަށް ބޮޑަށް ޕްލޭން ކޮށްގެން ކަމަށް ބެލެވޭ ކަމަށެވެ.

"އޭނާ ބުދަ ދުވަހުން ފެށިގެން ބަލި ކަމަށް ބުނެ މަސައްކަތަށް ނުނިކުމޭ. ދެން އެތާ އުޅޭ އެހެން މީހުން މަސައްކަތު ދިޔައީމަ އެއްޗެހި ޕެކް ކޮށްގެން އެމީހުން ނޫޅޭ ގަޑީގަ ބޭރުކޮށްފަ މިހުރީ. ހޮނިހިރު ދުވަހުވެސް އޭނާ ބާކި ހުރި އެއްޗިއްސާއެކު ފިލައިގެން މިދިޔައީ އެންމެން މަސައްކަތު ދިޔަ ގަޑީގަ. ކޮމްޕެނީން ދީފަ ހުންނާނެ ކޮމްޕެނީ ލޯގޯޖެހި ދެ ބޭގް. އޭގެ އެއް ބޭގު ހިފައިގެން އަނެއް ބޭގް ބައިންދާފަ އޭނަ ދިޔައީ." އޭނާ ވިދާޅުވި އެވެ.

މުހައްމަދު ވިދާޅުވީ މުސާރަ އާއި ގުޅިގެން އެއްވެސް ވަރަކަށް ހިތްހަމަ ނުޖެހޭކަން އޭނާ ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި އެ ކޮމްޕެނީން ހުރިހާ މުވައްޒަފުންނަށްވެސް ކޮންމެ މަހަކު މުސާރަ ދޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މޮނިރް ޗުއްޓީއަށް އޭނާގެ ގައުމަށް ގޮސްފައި އެނބުރި އައިތާ އަދި ވާނީ މަސްދުވަސް ކަމަށާއި އައި ފަހުން ކޮމްޕެނީ އާ ޕާސްޕޯޓު ހަވާލުކޮށްފައި ނުވާ ކަމަށްވެސް މުހައްމަދު ވިދާޅުވި އެވެ. އަދި އެ ކުންފުނިން ޕާސްޕޯޓު އަތުލަނީ ވަގަށް ފިލައިގެން ގަވާއިދާ ހިލާފަށް އުޅެދާނެތީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެން ކަމުން މޮނިރްގެ އެއްވެސް މައުލޫމާތެއް އެނގޭ މީހަކު ހުރިނަމަ އެކަން އެ ކުންފުންޏަށް އެންގުމަށް އޭނާ ވަނީ އެދިފަ އެވެ. އަދި މޮނިރް ހޯދައިދިން މީހަކަށް 15000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ކަމާގުޅޭ އެއްވެސް އިދާރާއަކަށް ހުށަހަޅާފައި ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. ސަބަބެއް ކަމަށް ވިދާޅުވީ މިފަދަ އެއްވެސް ކަމެއްގައި ކަމާގުޅޭ އިދާރާތަކުގެ އެއްބާރުލުން ނުލިބޭތީ ކަމަށެވެ.

މޮނިރް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 9621177/ 7772836 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ރިޝްތާ ކޮމްޕެނީ އިން ވަނީ އެދިފަ އެވެ.