ކޮވިޑު ޖެހިގެން އިތުރު މީހަކު މަރުވެ، މި ބަލީގައި ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 282 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ، ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނަކު މިއަދު މެންދުރުފަހު 01:42 ގައި މަރުވެފައިވާ ކަމަށެވެ.

ކޮވިޑުގައި އެންމެ ފަހުން މީހަކު މަރުވެފައިވަނީ އިއްޔެ އެވެ. އިއްޔެ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެކެވެ.

މިއަދުގެ މަރާއެކު ރާއްޖެއިން ކޮވިޑު ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 282 އަށް އަރައިފައެވެ. އެއީ 263 ދިވެހީންނާއި 19 ބިދޭސީންނެވެ.

ކޮވިޑު ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ 2020 ވަނަ އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.