އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޯން) ގެ ފައިނަލުގައި ސެނެގާލްއާއި މިސްރު މިރޭ ނުކުންނާނެއެވެ. ދެ ގައުމުގެ ދެމެދުގައިވާ ފުޓުބޯޅަ ވާދަވެރި ކަމަށްވުރެ ބޮޑަށް މިރޭގެ ފައިނަލް ހާއްސަވާ އެހެން ކަމެއްވެސް އެބައޮތެވެ. އެފްރިކާގެ ފުޓުބޯޅައިގައި މިވަގުތު ތިބި އެންމެ އައިކޯނިކް ދެ ތަރިންގެ ވާދަވެރި ކަމަށެވެ. ލިވަޕޫލަށް އެކުގައި ގިނަ މެޗުތަކެއް ކުޅެ، އެތަކެއް ކާމިޔާބީއެއްވެސް ހޯދައިފައި ކްލަބުގައި ދެ އެކުވެރިން ކަމަށްވާ ސެނެގާލްގެ ސަޑިއޯ މާނޭއާއި މިސްރުގެ މުހައްމަދު ސަލާހުގެ ވާދަވެރިކަމަކީ މިރޭގެ ފައިނަލަށް ގިނަ ބަޔަކު ކުރާ އިންތިޒާރެވެ.
ސަލާހު މިރޭގެ ފައިނަލަށް ނުކުންނާނީ ގައުމީ ޓީމުން އެފްކޯންގައި ދަމަހައްޓާފައި ރެކޯޑަށް ބޮޅެއް އިތުރު ކުރުމަށެވެ. އުތުރު އެފްރިކާގެ މިސްރަކީ މިހާތަނަށް އެފްކޯން މުބާރާތް ރެކޯޑު ހަތް ފަހަރަކަށް ކާމިޔާބު ކޮށްފައިވާ ޓީމެވެ. އަނެއްކޮޅުން މާނޭ ނުކުންނާނީ ފުރަތަމަ ފަހަރަށް ނައިޖީރިއާއަށް އެފްކޯން ކާމިޔާބު ކޮށްދިނުމަށެވެ. ސެނެގާލަށް 2002 ވަނަ އަހަރާއި 2019 ވަނަ އަހަރު އެފްކޯންގެ ފައިނަލުން ބަލިވުމުގެ ހިތި ރަހަ ލިބިފައިވާ އިރު، މިސްރުން ނުކުންނާނީ 2010 އަކަށްފަހު ފުރަތަމަ ތަށްޓަށެވެ.
ލިވަޕޫލްގެ ދެ ތަރިންނަށް ފައިނަލްގެ ފޯކަސް ހުއްޓިފައިވާ އިރު، ދެ ކުޅުންތެރިންވެސް ގައުމީ ޓީމާއެކު މިރޭ ކެމަރޫންގެ ވެރިރަށް ޔޯންޑޭގައި އޮންނަ ފައިނަލަށް ކުރީ ތަފާތު ދަތުރެކެވެ.
އުމުރުން 29 އަހަރުގެ ސަލާހާއި މާނޭ ވަނީ ކޮންމެ ކުޅުންތެރިޔަކުވެސް ލިވަޕޫލަށް 100 އަށްވުރެ ގިނަ ގޯލު ޖަހައިދީފައެވެ. 2018-19 ވަނަ އަހަރު ސީޒަންގެ ޗެމްޕިއަންސް ލީގު ލިވަޕޫލަށް ކާމިޔާބު ކޮށްދިނުމުގައިވެސް ސަލާހާއި މާނޭ މުހިއްމު ދައުރެއް އަދާކޮށްފައިވާ އިރު، 30 އަހަރަށްފަހު އިނގިރޭސި ލީގު ލިވަޕޫލުން ކާމިޔާބު ކުރުމުގައިވެސް އެންމެ މުހިއްމު ދައުރެއް އަދާކުރީ ހަމަ މާނޭއާއި ސަލާހެވެ.
މިރޭގެ ފައިނަލަށް ދެ ކުޅުންތެރިން ނުކުންނަ އިރު، މިއީ އަދި ގައުމީ ޓީމުގައި ދެކުޅުންތެރިންގެ ވާދަވެރިކަން މިއަހަރަށް ނިމެނީކީވެސް ނޫނެވެ. މިރޭގެ ފައިނަލަށް ފަހު، އެފްރިކާގެ ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްލޭ އޮފްގައިވެސް ކުޅެން ޖެހިފައި އޮތީ ސެނެގާލާއި މިސްރެވެ. އެ ކޮލިފިކޭޝަންގައިވެސް ސަލާހާއި މާނޭ ދެ ލެގު ކުޅެން ޖެހޭނެއެވެ. ކޮލިފިކޭޝަން ދެ މެޗު އޮންނާނީ އަންނަ މަހުއެވެ.
މުބާރާތުގައި ދެ ކުޅުންތެރިން ޓީމަށް ކުރި ހިދުމަތަށް ބަލައިލަމާ ހިނގާށެވެ. މާނޭ މިހާތަނަށް މުހިއްމު ތިން ގޯލެއް ޖަހައި، ދެ ގޯލަކަށް އެސިސްޓް ކޮށްދީފައިވެއެވެ. ގަދަ 16 ގައި ސެނެގާލުން ކޭޕް ވޭޑާ ދެކޮޅަށް ކުޅުނު މެޗުގައި މާނޭއަށް "ކޮންކަޝަން" އެއް ކުރިމަތިވި ނަމަވެސް ކުއާޓާގައިވެސް ކުޅެ މާނޭ ވަނީ ފޯމު ދަމަހައްޓައިފައެވެ. އަނެއްކޮޅުން ސަލާހު ވަނީ މިހާތަނަށް މުބާރާތުގައި ދެ ގޯލެއް ޖަހައި، ސެމީގައި މުހިއްމު ގޯލަކަށް އެސިސްޓް ކޮށްދީފައެވެ.
"ސެނެގާލާ ދެކޮޅަށް ޓީމެއްގެ ގޮތުގައި ކުޅުމަކީވެސް ވަރުގަދަ ވާނެ ޗެލެންޖެއް. ހާއްސަކޮށް މާނޭއާ ދެކޮޅަށް ކުޅުމަކީ ޗެލެންޖެއް. މެޗުގައި ދެ ކުޅުންތެރިންނަކީ ވާދަވެރިން ނަމަވެސް މެޗު ނިމުމާއެކު ދެ ކުޅުންތެރިން ވަނީ ޓީމް މޭޓުންނަށް،" މާނޭއާ ދެކޮޅަށް މިރޭގެ ފައިނަލުގައި ނުކުންނަން ޖެހުމާ ގުޅޭގޮތުން ސަލާހު ބުންޏެވެ.
ސަލާހާއި މާނޭގެ ކުރިމަތިލުމަކީ ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށްވެސް ތަފާތު އިހުސާސަކަށް ވާނެއެވެ.
"އެކަކު ވަރަށް އުފާވާނެ ފައިނަލަށް ފަހު. އެކަމަކު އަހަންނަށް ބުނެވޭނީ ދެ ކުޅުންތެރިންވެސް ފައިނަލާ ހަމައަށް ދިޔުން އެއީ ވަރަށް ބޮޑު ކާމިޔާބީއެކޭ. މުބާރާތެއްގެ ފައިނަލާ ހަމައަށް ދިޔުން އެއީ އުނދަގޫ ކަމެއް. ހާއްސަކޮށް ދެ ސުޕަ ސްޓާރުންނަށް ވަރަށް ބޮޑު ޕްރެޝަރެއް އޮންނާނެ ކޮނޑުގައި އެޅިފައި. ދެ ކުޅުންތެރިންނަށްވެސް މިހާރު އެއޮތީ ކެރިއަރުގައި ބޮޑު ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު ފަހިވެފައި،" ކްލޮޕް ބުންޏެވެ.
ދެހާސް ނަވާރަ ވަނަ އަހަރު ފައިނަލަށް ގޮސް ނާކާމިޔާބުވި ސެނެގާލް ޓީމުގައި މާނޭ ހިމެނުނެވެ. 1-0 އިން އެފަހަރު ފައިނަލުގައި އަލްޖީރިއާ އަތުން ސެނެގާލް ބަލިވި ބަލިވުމަކީ މާނޭގެ ނަޒަރުގައި މުހިއްމު ތަޖުރިބާއެކެވެ. މާނޭ ބުނެފައި ވަނީ ޓީމުގައި މިހާރު ވަރުގަދަ ލީޑަރުން އެބަ ތިބި ކަމަށާއި، އެ ކުޅުންތެރިންގެ ސަބަބަށް ޓީމަށް އިތުބާރު ބޮޑުވެފައިވާ ކަމަށެވެ.
ފައިނަލަށް މިސްރުގެ ކޯޗު ކާލޯސް ގުއިރޭޒްއަށް ބެންޗުގައި ނީނދެވޭނެއެވެ. އެއީ އެންމެފަހުން ކެމަރޫންއާ ދެކޮޅަށް ކުޅުނު މެޗުގައި ގުއިރޯޒްއަށް ދެއްކި ރަތް ކާޑުގެ ސަބަބުންނެވެ. އެއީ މިސްރަށް މާޔޫސް ކަމެކެވެ. ގުއިރޭޒްއަކީ މެންޗެސްޓާ ޔުނައިޓެޑުގައި އެލެކްސް ފާގަސަންގެ ކޯޗެއްގެ ގޮތުގައާއި، ޕޯޗުގަލްއާއި ރެއާލް މެޑްރިޑްގެ ކޯޗެއްގެ ގޮތުގައިވެސް ފާހަގަވި މޮޅު ކޯޗެކެވެ. އޭގެ އިތުރުން މިސްރުގެ އެސިސްޓެންޓް ކޯޗު ވައިލް ގޮމާއަށްވެސް ކެމަރޫން މެޗުގައި މުބާރާތުގެ ދެވަނަ ރީނދޫ ކާޑެއް ދެއްކައިފައިވުމުން ފައިނަލުގައި އޭނާއަށްވެސް ބެންޗުގައި ނީނދެވޭނެއެވެ.
ދެން ސެނެގާލްގެ ކޯޗަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. ސެނެގާލްގެ ކޯޗަކީ މިރޭގެ ފައިނަލަށް އެންމެ ބޮޑަށް ހާއްސަވާ ކޯޗެވެ. ކުރިން ސެނެގާލް ގައުމީ ޓީމަށް ކުޅުނު އަލިއޯ ސީސޭއަށް މިރޭގެ ފައިނަލަށް މުހިއްމު ވަނީ އޭނާއަށް ކުޅުންތެރިއެއްގެ ގޮތުގައި އެފްކޯންގައި ދިމާވި ބަދަ ނަސީބުތަކުން އަރައިގަތުމަށެވެ. ސެނެގާލުން 2002 ވަނަ އަހަރު އެފްކޯންގެ ފައިނަލަށް ގޮސް، ކެމަރޫން އަތުން ޕެނެލްޓީ ޖަހައިގެން ބަލިވި އިރު، މެޗުގެ އެންމެ މުހިއްމު ޕެނަލްޓީ ނާކާމިޔާބު ކޮށްލީ މިހާރުގެ ކޯޗު ސީސޭއެވެ.
އުމުރުން 45 އަހަރުގެ ކޯޗު ސީސޭ 2015 ވަނަ އަހަރު ސެނެގާލްގެ ޓީމާ ހަވާލުވެ، އެ ޓީމަކީ އެފްރިކާގެ އެންމެ މަތީ ރޭންކިންގައި އޮތް ޓީމަށް ހަދާފައި އޮތް ނަމަވެސް، އޭނާއަށް މިރޭގެ ފައިނަލް މުހިއްމީ އެންމެފަހުން މީގެ ތިން އަހަރު ކުރިން ސެނެގާލް ކުޅުނު އެފްކޯން ފައިނަލް ހަނދާން ނައްތާލުމަށެވެ. ސެނެގާލް ކުޅުންތެރިންގެ ނަޒަރުގައި ސީސޭއަށް ޓަކައި މިރޭ މޮޅުވާން ޖެހެއެވެ.
"ސެނެގާލުން ވަނީ އެފްކޯން ހޯދުމާ ވަރަށް ގާތަށް ގޮސް ނާކާމިޔާބުވެފައި. އެއީ ބުރަ މަސައްކަތެއް. މި މަސައްކަތަށް ތަށްޓެއް އެބަ ބޭނުންވޭ. 1960 ވަނަ އަހަރުން ފެށިގެން ސެނެގާލުން މިދަނީ އެފްކޯންގެ ތަށްޓައް މަސައްކަތް ކުރަމުން. އެތަކެއް ޖެނެރޭޝަންތަކެއްގައި އެތަކެއް މޮޅެތި ކުޅުންތެރިންނެއް ކުޅެ ތަށި ނުހޯދި އޮތް އޮތުމަށް ނިމުން ގެންނަން ޖެހޭ،" ސީސޭ ބުންޏެވެ.
ހަނި މޮޅުތަކެއްގެ ތެރެއިން، އިތުރު ވަގުތުތަކެއްގައި ކުޅެ، ޕެނެލްޓީ ޝޫޓްއައުޓްތަކަށްވެސް ގޮސް އެފްކޯންގެ ފައިނަލާ ހަމައަށް ސެނެގާލްއާއި މިސްރު ގޮސްފައިވާ އިރު، މިރޭގެ ފައިނަލް ވާނީ އެފްކޯންގައި ކުޅެވޭނެ އެންމެ ވާދަވެރި އެއް ފައިނަލަށެވެ. މުބާރާތްވެސް ވާދަވެރިކޮށް ފެނުނު އިރު، ބެލުންތެރިންގެ އަމާޒު މާނޭއާއި ސަލާހަށް ހުއްޓޭނެއެވެ. އެއީ ފައިނަލްގެ ސުޕަ ސްޓާރުންނެވެ. ދެ ގައުމުގެ އެތައް ލައްކަ ސަޕޯޓަރުންނެއް ބަރޯސާ ވަނީ އެ ދެކުޅުންތެރިންނަށެވެ. ޕްރެޝަރުގެ ތާރީހީ ފައިނަލަކަށް މިރޭގެ ފައިނަލް ވާނެއެވެ. ފައިނަލް ފެށޭނީ ރާއްޖެ ގަޑިން މިރޭ 12:00 ގައެވެ.
އެފްކޯން
އެފްކޯން
އެފްކޯން
އެފްކޯން