ލައިފް ސްޓައިލް

ރެސްޓޯރެންޓު ތެރޭ މޯބައިލް ފޯނު ބޭނުން ނުކުރާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް

މަރިޔަމް ޝަފާ އިބްރާހިމް

ދާދި އިހަކަށް ދުވަހު ސޯޝަލް މީޑިއާ ތެރޭގައި މަޝްހޫރުވެގެން ދިޔަ ޓިކްޓޮކް ޝޯޓެކެވެ. އޮސްޓްރޭލިޔާގެ ރެސްޓޯރެންޓެއްގައި މޯބައިލް ފޯނު ބޭނުން ނުކޮށް އެތާނގެ ކެއުން ނިމެންދެން އިނުމަށްފަހު ނުުކުމެގެން ދާންވީމަ ފޯނު ހަވާލުކުރެވޭ ރެސްޓޯރެންޓެއްގެ ވާހަކައެވެ. އަދި މި ގުރުބާނީގެ އަގަކީ އެމީހެއްގެ ބިލުން ދިހަ ޕަސަންޓް ޑިސްކައުންޓް ދިނުމެވެ.

ސިއޯކްސް ސިޓީގެ، އަޔޯވާގެ 'ސްނީކީސް ޗިކެން' ނަމަކަށް ކިޔާ މި ރެސްޓޯރެންޓުގެ މުވައްޒަފުން އަދި ވެރިފަރާތް ޑޭވް ފެރިސް، އުފެއްދި މި އާ ޑިސްކައުންޓު ވަރަށްވެސް ކާމިޔާބެވެ.

ސްނީކީސް ޗިކެން އަށް ވަދެ މޭޒެއްގެ ދޮށުގައި އިށީނދެ ކެއުމަށް އޯޑަރު ދިނުމަށް މެނޫއަށް އެދުމުން މެނޫގެ ކުރިން ދިއްކޮށްލެވެނީ ފޮށްޓެކެވެ. އެ ފޮށްޓަށް މޯބައިލް ފޯނު ލުމަށްފަހު އެތަނުން ނުކުމެގެން ދާން ވަންދެން ފޯނު އޮންނަނީ ކައުންޓަރު މަތީ ބޭރު ފެންނަ ފޮށްޓަކަށް ލާފައެވެ. ހަމައެކަނި ބުދަ ދުވަހު އޮންނަ ކަމަކަށް ވިޔަސް މިހާރު މީގެ ޑިމާންޑު ވަރަށް ފުޅާވެ ރެސްޓޯރެންޓު ވަރަށް މަޝްހޫރުވެއްޖެއެވެ.

ބައެއްފަހަރު ފޯނު ދޫކޮށްލާފައި، ފޯނުމަތިން ހަނދާން ނައްތާލާފައި ދާ މީހުންގެ ފަހަތުން ދުވެފައި ދާން ޖެހޭ މައްސަލަ ނޫން އެހެން އެއްވެސް ހުރަހެއް، ދަތިކަމެއް އަދި މިކަމަކަށް އެޅިފައެއް ނެތެވެ.

"އެހެންޏާ ފޯނު ހިފައިގެން ދެމަފިރިން، ދެލޯބިވެރިން، އާއިލާއެއް ވިޔަސް އަންނަ ގޮތަށް އައިސް ފަށާނީ ފޯނު ކުޅެން. އެކަކު އަނެކަކަށް ސަމާލުކަމެއް ނުދޭނެ. އެހެންވެ މިގޮތަށް މިކަންތައް ކުރީ. ޑޭޓަކަށް އައިސް ދެމީހުން އެކަކު އަނެކަކަށް އެނގިގަތުމުގެ ބަދަލުގައި ފޯނުގައި. ކަމެއް ފާހަގަކުރަން އައިސް އެ ވާހަކަދައްކައި އެކަކު އަނެކަކަށް ތަހުނިޔާކިޔުމުގެ ބަދަލުގައި ފޯނަށް ގެއްލިފައި،"

މި ޑިސްކައުންޓުގެ ވާހަކަ ފޭސްބުކު، އިންސްޓަގްރާމް ތަންތަނުގައި މަޝްހޫރުވަމުން، އެ ރެސްޓޯރެންޓަށް ދާ މީހުންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ ގިނަވަމުންނެވެ. އަދި ބުދަ ދުވަސް ނޫން އެހެން ދުވަސްތަކުގައިވެސް މިކަން ހަމަޖެއްސުމަށް އެދި މީހުން ތަނުގެ މެނޭޖަރާއި އޭނާގެ ދަރިފުޅުގެ ކިބައި އެދުން އަންނަނީ އިތުރުވަމުންނެވެ.

"އަހަރެމެން މިކަން ކުރީ ގުޅުންތައް ރަނގަޅުކޮށް ބަދަހިކުރުމަށް. އެއްގޮތަކަށްވެސް މި ހިސާބަށް މިހެން ކަންތައް ވެދާނެ ކަމަކަށް ހިއެއް ނުކުރަން،" ސްނީކީސް ޗިކެންގެ ވެރިޔާގެ ދަރިފުޅު ކުރިސްޓީ ރައިޓު، އަޔޯވާގެ 'ސިއޯކްސްސިޓީ މަޖައްލާ' ކިޔާ ނޫހަކަށް މައުލޫމާތުދެމުން ބުންޏެވެ.

ކޮންމެއަކަސް މިހާރު މި ރެސްޓޯރެންޓުގެ ހާއްސަ ބުދަ ދުވަހަކީ ބޮޑު ދުވަހެކެވެ. މިތަނުގެ އެއްވެސް ހަނދާނެއް ފޭސްބުކުގައި އަދި އިންސްޓަގްރާމްގައެއް ވެސް ރައްކާކުރެވޭނެ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ނުނެގުނަސް މިތަނަށް ދާމީހުންގެ އަަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ.

މީގެ ކުރިންވެސް ދުނިޔޭގެ އެކި ދިމާތަކުގައި މިގޮތަށް ފޯނާ ނުލައި ޑިސްކައުންޓު ދޭ ރެސްޓޯރެންޓުތައް ހުޅުވިފައިވެއެވެ. އެއްފަހަރެއްގައި އިޒްރޭލުގައި 50 ޕަސަންޓް ދޭގޮތަށް ހަމަޖެއްސިއެވެ. އަދި ލޮސްއެންޖެލެސްގެ ރެސްޓޯރެންޓެއްގައި ފަސް ޕަސަންޓް ޑިސްކައުންޓް ދޭގޮތަށް ހަމަޖެހުނެވެ.

ކޮންމެއަކަސް މިފަދަ ހިޔާލެއްގެ ސަބަބުންވެސް އާއިލާ ނުވަތަ ރައްޓެހިން ނުވަތަ އެހެންވެސް މީހަކާއެކު ކެއުމެއް، ސަޔެއް ނުވަތަ ކޮފީއަކަށް ގޮސް އިންނަ އިރު، ތިމާގެ ކެއުމާއި ހަރަދުކުރެވުނު ތަކެތި ސޯޝަލްމީޑިޔާގައި ހިއްސާކުރުމުގެ ބަދަލުގައި ފަހަރެއްގައި، އެކުގައި ގޮސް ތިބޭ މީހުން، ތަފާތު ކަންތަކާ ބެހޭގޮތުން، އެކަކު އަނެކަކާ ހިއްސާކުރުމުގެ ތެރެއިން ނެތި އުވިގެންދާ ގުޅުންތައް ބަދަހިވުމުގެ އުއްމީދުކުރެވެއެވެ.