ސައުރަތިރީސް ވަނަބައި

ޝައުފާގެ އުފާވެރި ހަޔާތަށް އެއްވެސް މީހެއްގެ އެސްފީނާއެއް ނުޖެހި އިންތިހާއަށް އުފާފާގަތިކަމުގައި އެމީހުންގެ ދިރިއުޅުން ދިޔައީ ކުރިއަށެވެ. ދެކުދީންނާއި މަންމަމެންނާއެކު ބައެއް ދުވަހު އެގޭގައި، އަނެއްބައި ދުވަސްދުވަހު އަަމިއްލަ ގޭގައި ނުހަނު އުފަވެރި ވަގުތުތަކެއް ހޭދަވަމުން ދިޔައިރު މި މަންޒަރު ލޮލަށް ނުފެނުނަސް އިވޭ އަޑުތަކުން ހިތް ހަލާކުވަމުން ދިޔަ ޔުއާނާއަށް ނަފްސާނީ ގޮތުން މިއީ ބައްޔަކަށް ވެއްޖެއެވެ. އެހެންނަމަވެސް އޭނާއަށް އެއްވެސް ދިމާއަކުން އެއްވެސް ކުރިއެރުމެއް ނުލިބެއެވެ. ކުރިން ހިތްވަރަކަށްވި އާލާވެސް އޭނާއާއި މުޅީން ގުޅުން ކަނޑާލައިފިއެވެ. ދެނެއް އިތުރަށް ޝާމިންގެ ހަޔާތުން ކުޑަކުޑަ ޖާގައެއްވެސް ނެތްކަމުގެ ހިތާމަ ކުރާހިތެއް އޭނާ މާގިނަ ދުވަހު ނުވިއެވެ. އަނެއްކާވެސް ކުރީގެ ޔުއާނާއަށް ބަދަލުވީއެވެ. ޝާމްއާއެކު އަލުން ކައިވެނި ރުޖޫއުކޮށްގެން އޭނާ ހަމަޖެހިލީ ދެން ޝާމިން މި ދިމާއަށް އެނބުރި ނުލާނެކަމުގެ އެންމެ ފުރިހަމަ ޔަގީންކަން ލިބުމުންނެވެ.

ދުނިޔޭގެ ކަންތައް ހިނގަމުންދާ އުސޫލަކީ ބައެއް ފަހަރު އިންސާފުގެ ދާއިރާއިން ބޭރު ނުހަނު ބޭއިންސާފުވެރި ގޮތަކަށް ވިޔަސް އެއީ ހަގީގަތެވެ. އެއްދުވަހު އުފަލުގައި ހީ މަޖާކުރާއިރު، އަނެއް ދުވަހު ވޭނާއި ހިތާމަ މީހާ ވަށާލާނެއެވެ. އަދި ތަގުދީރުގެ ރޭވުމަކަށް ތަދުބީރުގެ އެއްވެސް ކުރެހުމަކުން ބަދަލެއް ނުގެނެވެއެވެ. ޖެހެނީ ހިންދިރުވާލާފައި އެހަގީގަތާ ކުރިމަތިލައި އެ ހަގީގަތް ގަބޫލުކުރާށެވެ.

ޝާމިނާއި ޝައުފާގެ ދިރިއުޅުމުގެ ހުރިހާ މާނައެއް ފުރިހަމަވީ ކަހަލައެވެ. ދެމަފިރިން ފަހަރެއްގައިވެސް އެއްވެސް ދުވަހެއްގައި ހިތާމައެއް ނުކުރާފަދައެވެ. ވަކިވުމުގެ އެއްވެސް ރަހައެއް އެމީހުން ނުދެކޭ ކަހަލައެވެ.

ނުހަނު ހަމަޖެހިގެން ދިރިއުޅެމުން އައި ކުޑަކުޑަ ލޯބިލޯބި އާއިލާއަށް ކޮންމެވެސް ބަދުހިޔަންޏެއް އެޅިއްޖެއެވެ. ހަމައެންމެ މަހެއްހާ ދުވަހުގެ ކުޑަކުޑަ ވަގުތީ އުފަލެކެވެ. އެ އުފާ އެމީހުންގެ ގޯތިން ނުކުތީ ދެމީހުން ވަކިކުރުމަކާ ނުލައި ދެމީހުންނަށް ވޭން އުފުލަން ޖެހޭ ގޮތް ހަދައިފައެވެ.

"ހަމަ އެއްގޮތަކަށްވެސް ނޭނގޭ. ނުފިލާ ހުމެއް ހުންނަނީ. ރަށުގެ ހުރިހާ ޑޮކްޓަރުންނަށް ދެއްކިއްޖެ. އެމީހުންނަކަށް އެއްވެސް ބައްޔެއް ނުފެނޭ. ފުރަތަމަ އަހަރެމެން އެންމެންވެސް ހީކުރީ އާދައިގެ ހުމެއް ކަމަށް. އެކަމަކު މިހާރު ޑޮކްޓަރުންވެސް ކަންބޮޑުވާން ފަށައިފި.."

ޒިމްނާ ހައިރާންވެފައި ޝާމިންގެ ކޯލު ނިމުމުން ހުއްޓުން އަރާފައި ހުރެވުނެވެ. ދަރިފުޅަށް އަލިފުބާ ކިޔައިދޭން އިން ސަމަދު ލޮލުގައި އޮތް އަވިއައިނު ތިރިކޮށްލަމުން ޒިމްނާއަށް ބަލައިލީ ސުވާލުގެ ލޮލަކުންނެވެ.

"ގަމަށް ދާން ދަތުރު ހަދަންވީ. ޝައުއަށްވެސް ޝާމިނަށްވެސް އެކަނި ނުވާނެ. އެމީހުންނަށް އަހަރެމެންގެ އެހީ ބޭނުންވާނެ...."

ޒިމްނާ ހުރީ ފެންކަޅިވެފައެވެ. އޭނާ ބޭނުންވީ އަވަހަށް އެވާހަކަ ޒިޔާދަށް އަންގާށެވެ.

"ކީކޭ......؟ ކޮންއިރަކު....."

ޒިޔާދުގެ އަޑުގައި ރުޅިވެރިކަމުގެ އަސަރުހުއްޓެވެ.

ތިވަރުވީއިރު އަންގާނުލާ....ބަލަ ޝައު ބޭނުންވިޔަސް ނުވިޔަސް އަހަންނަށް އެނގެން ޖެހޭނެ..."

“މި ތައްޔާރުވަނީ އެންމެ އަވަހަށް ދެވެން އޮތް ގޮތަކަށް ރާއްޖެ ދާން. އަހަރެމެންނަށް ނުދެވުނަސް އިހަށް ޒިމޫމެން އެކޮޅަށް ދާންވީނު.... އެ ދެމީހުންނަށް އެހީ ބޭނުންވާނެ.... އެއްކަމަކުން އަރައިގަނެ ހަށިފުރާ ނޭވާ ނުލެވިގެން އުޅެނިކޮށް އަނެއްކަމާ ތި ދިމާވީ.... ވީހާވެސް އަވަހަކަށް ޒިމޫމެން ފުރަންވީ...."

ޒިމްނާމެން އެންމެ އަވަހަށް ޖާގަ ލިބުނު ފުލައިޓުން ލާމު ކައްދުއަށް ދިއުމުގެ ތައްޔާރީތައް ވާން ފެށިއެވެ.

"ކަމަނާ... ލޯ ހުޅުވާލަބަލަ...."

އެނދުގެ މަގަތުން އިށީނދެގެން އިން ޝާމިން އޭނާގެ ފުރާނަ ފަދަ ލޯބިވާ އަނބިމީހާގެ ކުލަ މަރުވެފައިވާ މޫނަށް ބަލައިލިއެވެ. ހަމައެންމެ ދެ ހަފުތާތެރޭގައި އޭނާގެ ކައުޘަރަށް މިވަނީ ކިހިނެއް ވެފަހެއްޔެވެ. އެއޮއް ރީތި ލޫޅާފަތި ހަށިގަނޑު އެއްވެސް ހަމައެއް ނެތި ބަރުވަނީއެވެ. ފަލަވާ ކަހަަލަ ވަކި މިވެނި އެއްވެސް އެއްޗެއް ޝައުފާ ގިނައިން ކައެއް ނޫޅެއެވެ. ހިނގަން ދިއުމާއި ކުޑަކޮށް ފަތަން ދިއުމަކީ ފުރިހަމަ ސިއްހަތެއްގައި ދުޅަހެޔޮކޮށް ހުރުމަށްޓަކައި ވަރަށް މުހިންމު ކަމެކެވެ. އެކަމަަކު މިހާރު އެ ފަކީރަކަށް އެއްވެސް އެކަހަލަ ކަމެއް ކުރެވޭކަށް ނޯވެއެވެ.

އިރުކޮޅަކަށް ހިނގައިފިނަމަ ވަރުބަލިވެއެވެ. ކިރިޔާވެސް ހެލިފެލިވެ، އުޅެފިނަމަ ނޭވަޔަށް އުނދަގޫވެއެވެ. މީހާގެ ގައިގައި އެއްވެސް ކަމެއް ބޭރުފުށުންވެސް އަދި އާއިލީ ވާރުތަކަމަކުންވެސް ފެންނާކަށް ނެތެވެ. އެހެންނަމަވެސް ނުހަނު ހީވާގިކޮށް އުޅުުނު ގެވެހި އަންހެންމީހާގެ ހަޔާތަށް ކޮންމެވެސް އިންގިލާބެއް އަތުވެއްޖެކަން ގައިމެވެ.

ހަމަ ކުއްލިއަކަށް ޝައުފާ ބަލިވީއެވެ. އާދައިގެ ހުމެއް އައިނަމަވެސް ބަރާބަރަށް ހުންބޭސް ދިނުމާއި ހުންބެލުމުގެ އިތުރަށް ވަގުތުން ވަގުތަށް ޑޮކްޓަރު ގެއަށް ގެނެސް ފަރުވާ ދެވުނެވެ. ޑޮކްޓަރަކަށް މާބޮޑު ހާއްސަ ބައްޔެއް ކަމަކަށް ފާހަގައެއް ނުކުރެވެއެވެ. އެހެންނަމަވެސް މަޑުމަޑުން ޝައުފާގެ ހާލަތު ދިޔައީ ގޯސްވަމުންނެވެ. ދުވަހެއް ދުވަހަކަށް ބަލިވަމުން ގޮސް މީހާގެ ސިފަ ބަދަލުވާން ފަށައިފިއެވެ. ގައިގެ ހަމުގެ ކުލައާއި މޫނުގެ ތާޒާކަން ކެނޑެން ފަށައިފިއެވެ. އެއްވެސް ހަރު ކާއެއްޗެއް ނުކެވޭތާ އެތައް ދުވަހެއް ވެފައިވާއިރުވެސް ޝައުފާގެ ހަށިގަނޑު ނިކަމެތިވުމުގެ ބަދަލުގައި އާދަޔާ ހިލާފަށް ބަރުވަނީއެވެ. މުޅި މީހާ ހީވަނި އެހެން މީހެއްހެނެވެ.

"ޝާމިން....ތަދުވަނީ....އުނދަގޫ ވަނީ...."

ޝަކުވާ ކުރުމަކީ ޝައުފާ ދަންނަ ކަމެއް ނޫނެވެ. އެކަމަކު ގައިގައި އަޅާ ވޭނަށް ކެތް ކުރެވޭނީވެސް ވަކިވަރަކަށްތާއެވެ.

"މި ކުރުނބާ ފަނިފޮދު ބޯލަން ހިނގާދޯ..."

ހިތަށްވީ ތަދު ހިންދިރުވާލުމާއެކު ފޮރުވަމުން ޝާމިން ޝައުފާގެ ދެކޮޑުގައި ހިފައި ތެދުކޮށް ގަޔާކައިރިކޮށް އަތުލަފިކޮށްލިއެވެ.

"ހީވަނީ މިހެން އޮންނަތާ ވަރަށް ގިނަ އަހަރު ވެއްޖެހެން...." ޝައުފާގެ އަޑުގައިވެސް ހުރީ ވަރުބަލިކަމަކާ ކުރަކި ކަމެކެވެ.

މަޑުމަޑުން ނުހަނު ލޯތްބާއެކު ގެނެސްފައި ހުރި ކުރުނބާ ފަނި ތަށި ނަގައި ޝައުފާގެ ތުނބުގައި ޖައްސަމުން ޝާމިން އޭނާގެ ހިތުގެ ހަމަޖެހުން ކަމުގައިވާ އަންހެންމީހާއަށް ފަރުވާތެރިކަމާއެކު ބަލައިލިއެވެ.

ހަމަ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ޝައުފާ ހާދަހާ ބޮޑަކަށް ބަދަލުވެއްޖެއެވެ. އެ ލޮލަކަށްޓަކައި ޝާމިން ފަހުރުވެރިވާ އެ އިސްތަށިގަނޑަކަށްޓަކައި އޭނާ ދީވާނާ ކުރާ ލޮލާއި އިސްތަށިގަނޑު ކުލަމަރުވެ ނިކަމެތިވެއްޖެެއެވެ. މޫނުގެ ކުލަ މަރުވެ ދޮންފޫޑު ކުލައަކަށް ބަދަލުވާން ފަށައިފިއެވެ. ދެ ތުންފަތުގެ އެއްވެސް ތާޒާކަމެއް، ދިރުމެއް ނެތެވެ. އެތެރެހަށި އަަބަދުމެ ހޫނުކޮށް ހުރުމުގެ ސަބަބުން ތުންފަތް ވަނީ ހިކި ހަންފޮޅިފައެވެ. ހިތްދަތިވެގެން ގޮސް ޝާމިންއަށް އާހއޭ ބުނެވުނީ ބޭއިހުތިޔާރުގައެވެ. އަވަހަށް އެކަން ފޮރުވުމަށް އޭނަ ވާހަަކަ ދައްކަން ފެށިއެވެ.

"މިހާރު ދެން މަންމަމެން ބުނާ ބަސް އަހައިގެން މިތިބަ އާދައިގެ ޑޮކްޓަރުންނަށް އިތުބާރުކޮށްގެން މަޑެއް ނުކުރެވޭނެ.... އަހަރެން ކަމަނާ ގޮވައިގެން މާލެއަށްވުރެ ދުރަށް ވިޔަސް ދާން ނިންމައިފިން......."

ކުރުނބާ ފަނި އެތިފޮދުފޮދުން ބުއިމަށްފަހު ޝައުފާ ވަރުބަލި މާނޭވާއެއް ލިއެވެ. ކައިރީގައި ހުރި ކުޑަމޭޒުމަތީ ތަށި ބެހެއްޓުމަށްފަހު ފެންޓިޝޫއަކުން ޝައުފާގެ އަނގަމަތި ސާފުކޮށްދިނުމަށްފަހު އަނެއްކާވެސް ޝާމިން ވާހަކަ ފެށިއެވެ.

"ޒިޔާދު ހުރީ ވަރަށް ހިތްހަމަނުޖެހިފަ... މަ ދެކެ ވަރަށް ރުޅި އައިސްފަ ހުރީ.... އެހެންވާނެ... އިން އެންމެ އަންހެން ކޮއްކޮ ވިއްޔަ..."

ޝާމިން ހިނިތުންވެލާފައި ޝައުފާގެ އިނގިލިތަކުގެ ތެރެއަށް އޭނާގެ އިނގިލިތައް މަހާލިއެެވެ.

"ހަނދާން އެބަހުރިތަ.... ތަންކޮޅެއް ކުރިން އަހަރެމެން އަދި ރައްޓެހިވެސް ނުވަނީސް އެއްދުވަހު މިގޮތަށް އަހަރެންގެ އިނގިލިތަކުގެ ތެރެއަށް އަމިއްލަ އިނގިލިތައް މަހާލަފަ ބުނީމެއްނު...."

"މި އިނގިލިތަކަށް ބަލައިލާ ކޮންމެ ފަހަރަކު ވިސްނާތި... ހުސްކޮށް މިހިރަ ދޭތެރެ ތަކަކީ އަަހަރެން ޝާމިންގެ ގާތުގައި އަބަދުވެސް ހުންނާނެކަން ހަނދާން ބަހައްޓާތި..." ޝައުފާ ވަރަށް އުނދަގުލުން ވާހަކަ ދެއްކިއެވެ. ކުއްލިއަކަށް ޝައުފާ ކެއްސައިގެންފިއެވެ. ކޮށިއެރީއެވެ. އަވަހަށް ފެންފޮދެއް އަަޅައިގެން އައިސް ޝާމިން، ޝައުފާއަށް ފެންފޮދެއް ދިނެވެ.

"ފާހާނާއަށް ދާން...." ޝައުފާ ހަމަޖެހިލަމުން ބުންޏެވެ. އަދި ޝާމިން، ޝައުފާ އެނދުން ބޭލުމަށް އަތުގައި ހިފައި ނަގަން އުޅުނެވެ. އެހެންނަމަވެސް ޝައުފާގެ ހަށިގަނޑު ގުޑާނުލެވުނެވެ. ހާސްވެގެން ގޮސް ޝާމިންއަށް ކުރެވުނު ކަމަކީ އަބަދުވެސް ހަދާހެން ދެޖީބަށް އަތްމަހާލެވުމެވެ.

"ކިހިނެއް ވަނީ...؟ ކަމަނާ.."

"ތަދުވަނީ.... ނުތެދުވެވޭ... އުނަގަނޑަށް ވަރަށް ބޮޑަށް ތަދުވަނީ... ހީވަނީ ކޮންމެވެސް އެއްޗެއްގައި ތަތްލާފައި އޮތްހެން..." ޝައުފާއަށް ރޮއިގަނެވުނެވެ.

އިންތިހާއަށް ލޯބިވާ އަނބިމީހާ ގެނެސް މެއާލާ ބޮނޑިކޮށްލަމުން ޝާމިންއަށް ހިތާހިތާ ހެއްދެވި ފަރާތަށް އާދޭސް ދެންނެވުނެވެ. ހަމަ ކުއްލިއަކަަށް އޭނާއާއި ޝައުފާގެ އުފާވެރި ދިރިއުޅުމަށް މިއެޅުނީ ކޮންފަދަ ހިޔަންޏެއްބާވައެވެ. އޭނާ އެއްވެސް މީހަކަށް ދެރައެއް، ނިކަމެތިކަމެއް އަނިޔާއެއް ނުދެއެވެ. ތައުބާވެ ﷲގެ ހަޒުރަތަށް ރުޖޫއަ ވީފަހުން އެފަދަ އެއްވެސް ފާފައަކަށް އަރައި ނުގެނެއެވެ. ވީއިރު އޭނާއަށް އުފުލަން މި ޖެހުނީ ކޮންކުށެއްގެ ޝަޒާ ބާވައެވެ.

"އެއްވެސް އެއްޗެކޭ ބުނާކަށް ނޭނގޭ.... ހަމަ ހައިރާންވަނީ.... އެއްކަމަކަށް ފަހު އަނެއްކަން މުޅީންވެސް އަޖައިބުވާ ކަހަލަ ކަންތައް... އަހަރެންގެ މުޅި ޑޮކްޓަރީ ހަޔާތުގައިވެސް މިކަހަލަ ކޭހެއް ނުދެކެން...." ބައެއް ކަަހަލަ ޓެސްޓުތައް ހަދަން މާލެއަށް ސާމްޕަލް ފޮނުވީ ރަށުން މާލެ ގެންދިއުމަށް ޝައުފާ ފްލައިޓަށް ނުވަތަ ބޯޓަކަށް އަރުވަން ހުއްދަ ދޭން ޖެހިލުންވާތީއެވެ.

ބަލިމީހާގެ ލޭގެ ޕްރެޝަރު މައްޗަށް ދިއުމާއި އޮކްސިޖަން ދަށްވުމާއި ނޭވާހާސްވުމާއި ނުފިލާހުމެއް ހުރުމާއެކު ދެން މި ދިމާވީ ހައްލުކުރަން އެއްގޮތަކަށްވެސް ނޭނގުނު ކަމެކެވެ.

"ޔަގީންތަ ސްޓްރޯކެއް ނުޖެހޭކަން...."

ޒިމްނާއަކަށްވެސް އެވާހަކަ ގަބޫލެއް ނުކުރެވެއެވެ. ގަމަށް އައުމާއެކު އެކުވެރިޔާގެ ހާލު ފެނުމުން ޒިމްނާ ކުޑަކުއްޖެއްހެން ސަމަދުގެ ގައިގައި ހިފައިގެން ހުރެ ރުޔެވެ. އެވަގުތުން ވަގުތަށް ޑޮކްޓަރާއި ބައްދަލުކުރަން ޒިމްނާ ދުއްވައިގަތެވެ.

"އެކަހަލަ އެއްވެސް ކަމެއް ނެތް....އެދުވަހު ޝާމިން އައިސް ރޮއިގެންފަ ބުނީ ޝައުފާ ނުތެދުވެޔޯ...ނުހިނގެޔޯ...ފައިގަ އުނަގަނޑުގަ ވަރެއް ނެތޯ..ތަދުވާތީ ވަރަށް ރުޔޯ...އަހަރެން ހުރީވެސް އޮފްޑިއުޓީގަ....އަވަަހަށް ދިޔައީ....އަދިވެސް ނޭނގޭ ކީކޭކަމެއް ކިހިނެއްވީއޭ ކަމެއް ބުނަންވީ މިއީ މުޅީން އާ ތަފާތު ބައްޔެކޭ...." ޑޮކްޓަރުގެ އަޑުގައިވެސް ހުރީ ގޮތްހުސްވުމުގެ އަސަރެވެ.

"ކޮންމެވެސް ހައްލެއް އޮންނާނެ...ޝިފާއެއް ނެތް ބައްޔެއް ނޯންނާނެ...އެހެނެއް މަރުވާކަށްދުލެއް ނުކުރެވޭނެ...ނުކުރާނަން...."

ޒިމްނާ ފަހަތަށް ޖެހެމުން ގޮސް ފާރުގައި ލެގިލިއެވެ. އޭރުވެސް އޭނާގެ ލޯ ކުރިމަތީގައި ޝައުފާގެ މޫނު އެނބުރެމުން ދިޔައެވެ. މިއީ ކޮންފަދަ ކަންތައްގަޑެއް ހެއްޔެވެ. އޭނާގެ ރަހުމަތްތެރިޔާ އެއުފުލަނީ ކޮންބައްޔެއްގެ ވޭން ހެއްޔެވެ. ޝާމިންގެ ހިތްދަތިވެ ހިތާމައިން ކަޅިވެފައިވާ ދެލޮލާއި އެމޫނު ހިތަށް އެރުމުން ޒިމްނާއަށް ތެޅިގަނެވުނެވެ. މާތްކަލާކޯއެވެ. އެހާބޮޑަށް ލޯބިވެެގެން މުޅި ދުނިޔެއާ ދެކޮޅަށް ނުހަނު ހަމަޖެހިގެން ދިރިއުޅެން ފެށި މިދެލޯބިވެރިންނަށް ހުރަހަކުން އަރައެއް ނުގަނެވުނެވެ. އާއިލާ ހަމަޖެހި އެންމެން އެއްގަލަކަށް އެރުމުން މިހާރު ދެން މިދިމާވީ ކޮންފަދަ ކަންތައްގަޑެއްބާވައެވެ.

ޝައުފާ މާލެ ގެންދަން އެއްވެސް ޑޮކްޓަރަކު މަނަލެއް ނުކުރެއެވެ. އެހެން ނަމަވެސް ކޮންމެ ޑޮކްޓަރަކުވެސް ނަސޭހަތްތެރިވެ އިރުޝާދު ދެމުން ދިޔައީ ޝައުފާ މަތިންދާބޯޓަށް ވެސް އަދި އެހެން އުޅަނދަކަށްވިޔަސް އެރުމުގަ ކަންބޮޑުވުންތައް ހުރިކަމަށެވެ.

“ހެވޭ. އެންމެ ބައިގަޑިއެއްހާއިރެއްނު. އަހަރެން ދަންނަ ޝައުފާއަކީ ތިއެންމެން ހީކުރާ ވަރަށްވުރެ މާ ހިތްވަރުގަދަ އަންހެނެއް.”

ޒިމްނާމެން ލާމުއަތޮޅު ގަމަށް އައިތާ ހަތަރުވަނަ އަށްވީ ދުވަހު ނޯޔާ ގޮވައިގެން ޒިޔާދު އަތުވެއްޖެއެވެ. އަދި ޑޮކްޓުންނަށް އެކި ގޮތްގޮތަށް މަޝްވަރާ ކުރިއެވެ. އަދި ދެން ޒިޔާދު ގޮތްނިންމައިފިއެވެ.

“އެކަމަކު ބޮޑު މަންމާ. އެހެން ޝާމިނު ފުރުން ރަގަޅުބާ؟ ޝައުފާގެ ހާލު ނުލާހިކު ދެރަ.”

ޝިޔާމާގެ މި ކަންބޮޑުވުމަކީ މުޅި އާއިލާގެވެސް ކަންބޮޑުވުމެކެވެ.

“ތިބުނީ ތެދެއް. އެހެންވިޔަސް މާލެ ގެންދަން އެންމެން އެތިބީ އައިސް. އަހަރެމެން ކޮންމެ އެއްޗެކޭ ކިޔަސް އެމީހުން އަޑެއް ނާހާނެ. އެކަން ހުއްޓުވުމުގެ ބޭނުމެއްވެސް ނެތް.”

މަސަންދުގައި އިން ދޮންދީދީ ޝިޔާމާއަށް ބަލާލަމުން ވާހަކަދެއްކިއެވެ.

ޝައުފާ ގޮވައިގެން އެ އެންމެން ކައްދޫ އެއާޕޯޓުން މާލެ ދިއުމަށް ފުރައިގެން ދިޔައީ އެއް ދުވަހެއްގެ އިރުއެރިތަނާއެވެ.

“ކުރިންވެސް މިގޮތް އޮތެއްނު. ހަމަ ބޭކާރު ބިރެއްގައި ބަގުޑިބައްދައިގެނަ ތިބީނު. ކުޑަ ދުވަސްކޮޅެއްވި ނަމަވެސް އަހަރެންގެ އިން ހަމަ އެންމެ ކޮއްކޮ ހަފޫޓު އަޑީގައި ވަޅުލަން ޖެހުނީސް.”

ޒިޔާދުގެ މި ވާހަކައަށް "ދޮންމަނިކު"ގެ މަތީގައި ކޮފީއާއި އެހެންވެސް ބުއިންތަކަކަށް އިންސާފު ކުރަން ތިބި އެންމެނަށްހެން ހީގަނެވުނެވެ. ބޮޑު މޭޒުގެ ވަށައިގެން އެންމެން ތިބިއިރު މެދުގައިން ޝައުފާއާ ޝާމިނުގެ އުނގުގައި އަހަރުފުރެން ގާތްވަމުން އަންނަ ޖަންނަތާއި ފިރުދައުސް ތިއްބެވެ.

ހަތަރުވަރަކަށް މަސްދުވަސް ހޭދަވީ ޝައުފާއަށް ފަރުވާ ކުރުމުގައެވެ. ތަފާތު އެތައް ޓެސްޓުތަކާއި ޗެކްއަޕްތަކުން ހޯދުނީ ޝައުފާ ހަމަ ވަރަށް އާދައިގެ ހުމެއްގައި ތެޅެން ޖެހުނު ކަމަށާއި ނުގުޅޭ ބޭހެއް ބޭނުން ކުރެވިފަ ހުރި ކަމަށެވެ.

“މިހާރު ދެން ރަށަށް ދާންވީ.” ޝާމިން އިނީ ބުނެދޭން ނޭނގޭ ވަރަށް އުފާވެފައެވެ.

“މިފަހަރު އަހަރެމެންވެސް ދަރިފުޅު ގޮވައިގެން އެކޮޅަށް ބަދަލުވާނީ. އޭރުން ދެނެއް ޝައު ބަލިވެ ކަހަލަ ކަމެއް ވިޔަސް އެހީވާން ވަގުތުން ދެވޭނެއެއްނު.” ޒިމްނާ ބުނެލިއެވެ.

ހުރިހާ އެންމެންވެސް ތިބީ ހިތްހަމަޖެހިފައެވެ.

“ފުރުމުގެ ކުރިން އޯޑަރުކުރި އެއްޗެހި ބޯޓަށް ލާފައި ނާލުދައްކާ ހުއްދަ އަދި ރަޖިސްޓަރީ ކަންތައްވެސް ކޮޅެއްގައި ޖައްސަންޖެހޭނެ. އަދި ކުރެހުމަށް އެއްވެސް ބަދަލެއް ނުގެނެސް އެތަން އިމާރަތް ކުރާނެ ބަޔަކަށް ކުރި އިއުލާނަށް ގުޅާފައި ތިބި މީހުންނާ ކުޑަކޮށް ވާހަކަދައްކައި އެކަކު ހަމަޖައްސަންވެސް ޖެހޭނެ.”

ޝާމިން ކޮފީ ހުސްކުރި ޖޯޑު މޭޒުމަތީގައި ބަހައްޓަމުން ބުނެލިއެވެ. ގަމުގައި ހުރި ދުވަސްތަކުގައި ލިބިފައި އޮތް ބިމުގައި ހުރި ގަސްތައް ކޮށައި ވިނަ ނޮޅައި ސާފުކޮށްފައި އޮމުން މިހާރު އިމާރާތްކުރުމަށް ބިންގާ އެޅުމުގެ މަސައްކަތް ފަށަންވީ ކަމަށް ޝާމިން ބުނި ވާހަކައަށް ހުރިހާ ރައްޓެހިންވެސް ތާއީދު ކުރިއެވެ.

މާލޭގައި ދިރިއުޅުމަކަށް މިހާރު އެއްވެސް ޝައުގުވެރިކަމެއް ނެތެވެ. ވީމާ އެންމެންވެސް ފުރުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

ޝައުފާގެ ބޭސްފަރުވާގެ ކަންތައް ނިމިގެން އަނބުރާ ގަމަށް އައުމުން އެމީހުންނަށް މަރުހަބާ ކިޔުމަށް ދޮންދީދީ ކައްދުއަށް ދިޔައީ ޝިޔާމާއާވެސް އެކުގައެވެ. މިދުވަސްކޮޅު ޝިޔާމާ، ދޮންދީދީ ހިންގަމުން ގެންދާ ޖަމާއަތްތެރިކަމުގެ ކޯހެއްގައި ދޮންދީދީއަށް އެހީވުމަށް ދިރިއުޅެމުން ދަނީ ގަމުގައި ކޮލިގަނޑުވަރުގައެވެ.

ރަށަށް އައުމާއެކު ޝާމިން އޭނާ ކުރިންވެސް އަދާކުރި ވަޒީފާ އަދާކުރަން ފެށިއެވެ. ދެން އެންމެ އަވަހަށް އައި ހުކުރު ދުވަހު ހެނދުނު ރަސްމީ އިއުލާނަކާއެކީ ‘މަސްޖިދުލް ކައުޘަރު’ގެ ބިންގާ އަޅައިފިއެވެ.

ހަލުވި މިނެއްގައި ކުރިއަށްދާ މިސްކިތުގެ ހުރިހާ މަސައްކަތެއްހެން ކުރެވެމުންދިޔައީ ޝާމިންގެ ބެލެހެއްޓުމާއި ސަމަދުގެ ސުޕަވައިޒުކުރުމުގެ ދަށުންނެވެ. ދެކުދިންގެ އަހަރު ފުރުވުމުގެ ހަފުލާ ނުބޭއްވިޔަސް ދޮންދީދީ ގަނޑުވަރުގެ އާދަކާދައަށް ހުރުމަތްތެރިކޮށް ހިތުމުގެ ގޮތުން ސޮދަގާތްދީ ހެދިއެވެ.

“ބިސްމިއްލާހިއްރަހްމާނިއް.. ބަލަ.. ދަރިފުޅާ.. ހ ކިޔުމުގައި ކަރުގެ ފެށޭބައިގެ މަތިން. އެތަނަށް ކިޔާނީ ހަންޖަރާ.. ލަހާތު ކުޑަދުލާއި ދިމާލުން..”

އެނދުގެ މެދުގައި އިނދެ ދެފަރާތުގައި ދެކުދިން ބައިންދައިގެން ގުރުއާނުގެ ތަޖުވީދު ފިލާވަޅު ކިޔަވައިދީ ބުނެދެމުން ދިޔަ ޝައުފާގެ ވާހަކަ ދެއްކުން ކުއްލިއަކަށް ހުއްޓި އަޑު ކެނޑިއްޖެއެވެ. އޭނާއަށް ހީވީ މީހަކު އޭނާގެ ވައިނޮޅީގައި ހިފަހައްޓައި އަނބުރާލިހެނެވެ. ގާތުގައި ތިބި ކުދިން ބިރުގެންފާނެތީ ތެޅިގަންނާކަށް ނުކެރުނެވެ. އެއިންގޮތަށް އެނދުގެ ފަޑީގައި ލެނގިލައިގެން ފުންކޮށް ނޭވާ ލަމުން ދިޔައިރު ހިތާހިތުން ދުއާ ކުރެވުނީ ޝާމިނު އަންނަން އެދިގެންނެވެ.

“ހަމަ ހައިރާންވާން ޖެހޭ ކަހަލަ ކަމެއް. އެއްވެސް ކަހަލަ ޝޮކެއް ނުޖެހޭ. ސްޓްރޯކެއް ނުޖެހޭ. ކުޑަމިނުން ފިޓެއްވެސް ނުޖެހޭ. ސޯ އައި ޖަސްޓް ވޮންޑަ ވައި ސަޑަންލީ ޝީޒް ކައިންޑް އޮފް ޕެރެލައިޒްޑް..”

މުޅި އަތޮޅުގައި ވެސް ހުރި އެންމެ މޮޅު ޑޮކްޓަރު ދެއްކި ވާހަކަ އިވުމުން ޝާމިން ގަނޑުވިކަހަލައެވެ. މީގެ ގަޑިއެއްހާއިރު ކުރިން އޭނާ އޮފީހުން އައިސް ގެއަށް ވަތްތަނާހެން އިވުނީ ދެކުދިން ރޮމުން މަންމާއޭ ކިޔައި ގޮވާ އަޑެވެ. ކޮޓަރިއަށް ދުވެފައި ގޮސް ދޮރު ހުޅުވާލުމާއެކު އޭނާގެ މުޅި ދުނިޔެ އެނބުރިގަތް ކަހަލައެވެ.

ދިމާކުރިމަތީ ހުރި ބޮޑުއެނދުގައި ހުރަހަށް ވެއްޓިފައި އޮތް ޝައުފާގެ އަނގައިން ކޮންމެވެސް ކަހަލަ ފޮނުތަކެއް ފައިބާފައި ހުރިއިރު ދެލޯ ހުރީ ފާޑަކަށް މެރިފައެވެ. ޑޮކްޓަރު ގޮވައިގެން ގެއަށް އައިސް ދިނުމަށް އެދި އޭނާ އަވަހަށް ގުޅީ ސަމަދަށެވެ.

(ނުނިމޭ)