ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރިވެރިޔާ ރާޖް ކުންދުރާގެ މިލްކިއްޔާތުގައި ހުރި 38.5 ކުރޯރު ރުޕީސްގެ އަގުހުރި 5 ފުލެޓެއް ޝިލްޕާގެ ނަމަށް ބަދަލުކޮށްފިއެވެ.

މިދިޔަ އަހަރުގެ ތެރޭގައި، ބަރަހަނާ ވީޑިއޯ އުފައްދާ ވިޔަފާރި ކުރިކަމުގެ ދައުވާގައި ހައްޔަރުކުރުމަށްފަހު މިހާރު މިނިވަން ވެފައިވާ ރާޖް ކުންދުރާގެ މިލްކިއްޔާތުގައި ހުރި 5 ލަގްޒަރީ އެޕާޓްމަންޓުގެ މިލްކުވެރިކަން އަންހެނުން އަދި ބޮލީވުޑް ތަރި ޝިލްޕާ ޝެޓީ ގެ ނަމަށް ބަދަލުކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ.

ސްކެއާފީޓް އިންޑިއާޑޮޓްކޮމް އިން ހާމަކުރި ގޮތުގައި ވިޔަފާރިވެރިޔާ ރާޖްކުންދުރާގެ މިލްކިއްޔާތުގައި ޖޫހޫގައި ހުރި އޯޝަން ވިއު އިމާރާތުގެ 5 ފުލެޓުގެ އިތުރުން ކާރު ޕާކުކުރުމަށް ހާއްސަކޮށްފައިވާ އެ އިމާރާތުގައިހުރި ބޭސްމަންޓުގެ މިލްކުވެރިކަން ވަނީ ޝިލްޕާގެ ނަމަށް ބަދަލުކޮށްފައެވެ. ޝިލްޕާގެ ނަމަށް ބަދަލުކުރި ޖުމުލަ ބިމުގެ ބޮޑުމިން 6000 އަކަފޫޓާއި ގާތްކުރާއިރު މިލްކުވެރިކަން ބަދަލުކުރުމަށް ސްޓޭމްޕް ޑިއުޓީގެ ގޮތުގައި 1.92 ކުރޯރު އިންޑިއާ ރުޕީސް ވަނީ މިދިޔަ މަހުގެ 24ގައި ދައްކާފައެވެ.

މިދިޔަ އަހަރުގެ ތެރޭގައި ރާޖް ކުންދުރާގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ޝިލްޕާ ޝެޓީއަށް ގިނަ ފާޑުކިޔުންތައް އަމާޒުވެގެން ގޮސްފައިވާއިރު ޝިލްޕާ ވަނީ ކެމެރާތަކުގެ ކުރިމަތިން ގެއްލި އެކަމާ ގުޅިގެން ވާހަކަ ދައްކަން ބޭނުން ނުވާކަމަށް ބުނެފައެވެ.

ޝިލްޕާ ޝެޓީގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެފަހުން އޭނާ ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ރިލީސްކުރި ''ހަންގާމާ 2'' އިންނެވެ. ''ސުޕާ ޑާންސާ ޝޯ''ގެ ޖަޖުކަން ކުރަމުން އައިސްފައިވާ ޝިލްޕާ މިވަގުތު އަންނަނީ ސޮނީ ޓީވީން ދައްކަމުން އަންނަ ''އިންޑިއާސް ގޮޓް ޓެލެންޓު''ގެ ޖަޖެއްގެ ގޮތުގައި ހަރަކާތްތެރިވަމުންނެވެ. އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސުނިލް ގްރޯވަރު، އަބީމާންޔޫ ދެސާނީ އަދި ޝާލީ ސޭތިޔާ އާއެކު ކުޅުމަށް ހަމަޖެހިފައިވާ ފިލްމު ''ނިކަންމާ'' އިންނެވެ.