ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ ބަޔަކު ހިމެނޭ ހިއުމަން ޓްރެފިކިންގެ މައްސަލައިގެ ތަހުގީގުގެ މުއްދަތު ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އިތުރުކޮށްދިނުމުން އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ އުމުރުން ދުވަސްވީ ދެ މީހުންގެ ބަންދުގެ މުއްދަތު ދެ ވަނަ ފަހަރަށް ކުރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.
ކުރިމިނަލް ކޯޓުން މިއަދު ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މާލޭ ދަފުތަރުގައި ރަޖިސްޓްރީ އޮންނަ މުހައްމަދު ވަހީދު، 65، އާއި ސ. ހިތަދޫ، މޫސާ ފަތުހީ، 55، އެވެ. އެ ދެ މީހުންގެ ބަންދަށް އިސްގާޒީ އަހުމަދު ޝަކީލު ޖަހައިދީފައިވަނީ 15 ދުވަހެވެ. ހިޔުމަން ޓްރެފިކިން މައްސަލައާ ގުޅިގެން އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.
އެ ދެ މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރަން އިސްގާޒީ ޝަކީލު ނިންމެވީ އެ ދެ މީހުންގެ މައްޗަށް ތަހުގީގުކުރަމުންދާ މައްސަލައަށް ތުހުމަތުކުރެވޭ ވަރަށް ފުލުހުން ހެކި ހުށަހަޅާފައިވުމުންނެވެ.
މީގެ ކުރިން ފުލުހުން ވަނީ ހިއުމަން ޓްރެފިކިންގެ އެ މައްސަލައިގައި އަނިޔާ ލިބުނު މީހުން ދައުލަތުގެ ހިމަޔާތުގެ ދަށުގައި ތިއްބައި އެ މީހުންނާ މުއާމަލާތު ކުރަން މި ދެ މީހުން ވެސް މަސައްކަތް ކުރި ކަމަށް ބެލެވޭ ހެކި ކުރިމިނަލް ކޯޓަށް ހުށަހަޅައިފައެވެ.
ބަންދު އިތުރުކޮށް އިސްގާޒީ ޝަކީލް މިއަދު ނެރުއްވި އަމުރުގައި ވަނީ ބަންދުގައި ތިބި މީހުންގެ ތެރޭގައި ހިމެނޭ މުހައްމަދު ވަހީދުގެ ސިއްހަތަށާއި މިހާރުގެ ކޮވިޑްގެ ހާލަތަށް ރިއާޔަތްކޮށް ބަންދުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން އޭނާއަށް ބޭސް ފަރުވާގެ ކަންކަން ހަމަޖެއްސުމަށް އަންގަވައިފައެވެ. އަދި އޭނާ ބަންދުކޮށްފައި ބަހައްޓަން ޖެހޭނީ ކަސްޓޯޑިއަލް ޖަލެއްގައި ކަމަށްވެސް އަމުރުގައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު