ދުނިޔޭގެ އެންމެ ބޮޑު މަހުޖަނުކަމަށް ބެލެވޭ އެމެރިކާގެ ޖެފް ބޭޒޯސްގެ އައު ބިޔަ ޔޮޓް އެޓްލާންޓިކް ކަނޑަށް ނެރުމަށްޓަކައި ހޮލެންޑުގެ ރޮޓަޑަމްގައިވާ ވަރަށް ތާރީޚީ ބުރިޖެއް ތަޅާލަން ޖެހިއްޖެއެވެ.
އެމޭޒޯންގެ މުއައްސިސް ޖެފް ބޭޒޯސްގެ އައު ޔޮޓަކީ ރޮޓަޑަމްގެ ތަންކޮޅެއް އެތެރޭގެ ޑޮކެއްގައި ތައްޔާރުކުރާ ޔޮޓެކެވެ. ދިގުމިނުގައި 417 ފޫޓު ހުންނަ މި ޔޮޓަކީ މިގިންތީގެ އުޅަނދުތަކުގެ ތެރެއިން ދުނިޔޭގެ އެންމެ ބޮޑު ޔޮޓުގެ ގޮތުގައި މިހާރުވެސް މަޝްހޫރުވެފައިވާ ޔޮޓެކެވެ. މިޔޮޓް ބާލައިގެން އެޓްލާންޓިކް ކަނޑަށް ނެރެވެން އޮތީ ރޮޓަޑަމްގެ ކޮނިގްޝާވެން ބުރިޖު ތަޅާލައިގެންނެވެ. މިއީ 1878 ވަނަ އަހަރު ގާއިމު ކުރެވިފައިވާ ވަރަށް ތާރީޚީ ބުރިޖެކެވެ. ހޮލެންޑުގެ ގައުމީ ތަރިކައިގެ ތެރޭގައިވެސް މި ބުރިޖު ހިމެނެއެވެ.
ބުރިޖު ތަޅާލަންޖެހޭ މައްސަލައިގައި ރޮޓަޑަމްގެ ސިޓީ ކައުންސިލާއި ހޮލެންޑުގެ ރައްޔިތުންވަނީ ދެބައިވެފައެވެ. އެއްބަޔަކު ބުނަނީ ހޮލެންޑުގައި މި ޔޮޓު ތައްޔާރުކޮށް ބަނުމަށްޓަކައި ކުރެވުނު އިންވެސްޓްމަންޓުން އެތައް ބަޔަކަށް ވަޒީފާގެ ފުރުސަތު ލިބި ހޮލެންޑުގެ އިގްތިސާދަށް އެކަމުގެ ނަފާ ލިބިފައިވާތީ ބުރިޖު ތަޅާލައި އަލުން ގާއިމުކުރުމަކީ މައްސަލައެއް ނޫން ކަމުގައެވެ. އަނެއް ބަޔަކު ބުނާގޮތުގައި ގައުމީ ތަރިކަޔާއި އާސާރަކީ މަހުޖަނުން ބޭނުންހާ ގޮތަކަށް ކުޅެން ދެވޭ އެއްޗަކަށް ވެގެން ނުވާނެކަމުގައެވެ.
ޖެފް ބޭޒޯސްގެ ސުޕަރ ޔޮޓް ބޭރުކުރުމަށްޓަކައި ރޮޓަޑަމްގެ އާސާރީ ބުރިޖުގެ މެދުބައި ތަޅާލިކަމަށް ވިޔަސް އެ ބުރިޖު އަލުން އިހު ހުރިގޮތަށް ރުޖޫއަކުރުމުގެ ހުރިހާ ޚަރަދެއް ޖެފް ބޭޒޯސް ކުރާގޮތަށް މިހާރު ވަނީ އެއްބަސްވެފައެވެ. މި އެއްބަސްވުމުގެ ދަށުން މިއަހަރުގެ ޖުލައި މަހު ބުރިޖު ތަޅާލާނެ ކަމަށް ވަނީ ހީކުރެވިފައެވެ. މިއީ ރޮޓަޑަމްގެ ތެރެއިން އެޓްލާންޓިކް ކަނޑަށް ނިމޭ އާރެއްގެ މަތިން ބިނާކުރެވިފައިވާ ބުރިޖެކެވެ.
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު
ލުއި ޚަބަރު