ސީރިޔާގެ އުތުރުގެ ސަރަހައްދެއްގައި އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައި އައިސިސްގެ އެންމެ އިސް ލީޑަރު އަބޫ އިބްރާހިމް އަލް ހާޝިމީ އަލް ގުރައިޝީ މިދިޔަ ބުދަ ދުވަހު ވަނީ މަރުވެފައެވެ. އިރާގަށް އުފަން އަލް ގުރައިޝީ މަރުވީ އެމެރިކާ ސިފައިން އޭނާ ހުރި އިމާރާތް ވަށައިލުމުން އަމިއްލަޔަށް އެއްޗެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި އަލް ގުރައިޝީގެ އާއިލާގެ ވަރަށް ގިނަ ބަޔަކުވެސް މަރުވެފައިވާ ކަމަށްވެއެވެ. އުމުރުން 45 އަހަރުވީ އަލް ގުރައިޝީއަކީ އައިސިސް އުފެދުނީއްސުރެ ވެސް އެ ޖަމާއަތުގައި މުހިންމު ދައުރެއް އަދާކުރަމުން އައި މީހެކެވެ. އައިސިސްގެ އެންމެ އިސް ލީޑަރުކަމަށް އޭނާ އައްޔަން ކުރެވިފައިވަނީ އެ ޖަމާއަތުގެ ލީޑަރުކަމުގައި ކުރިން ހުރި އަބޫބަކުރު އަލް ބަޣުދާދީ 2019 ވަނަ އަހަރު ސީރިޔާގައި މަރުވުމުންނެވެ. އަލް ބަޣުދާދީ މަރުވީވެސް އެމެރިކާ ސިފައިން ހިންގި އޮޕަރޭޝަނެއްގައެވެ.
އަލް ބަޣުދާދީއާ ޚިލާފަށް އަލް ގުރައިޝީއަކީ ކަންކަމުގައި އިޝްތިހާރުވުން ކުޑަ މީހެކެވެ. ފަރުދާގެ ނިވަލުގައި ހަރަކާތްތެރިވުން ބޮޑު މީހެކެވެ. އައިސިސްގެ މެންބަރުންގެ ތެރޭގައި އެހެން ދެ ނަމަކުންވެސް އޭނާއަށް މުޚާތަބު ކުރެވެއެވެ. އަބްދު ﷲ އާމިރު މުހައްމަދު ސައީދު އަލް މައުލާގެ ނަމުންނާއި ހާޖީ އަބްދު ﷲ ގަރުދާޝްގެ ނަމުންވެސް މުޚާތަބު ކުރެވެއެވެ. އަލް ގުރައިޝީ އުފަންވީ 1976 ވަނަ އަހަރު އިރާގުގެ މޫސަލްއާ ގާތުގައިވާ ކުޑަކުޑަ އަވަށެއްކަމަށްވާ މުހައްލަބިޔާގައެވެ. އޭނާގެ ބައްޕަޔަކީ ސައްދާމު ހުސައިނުގެ ޒަމާނުގައި މިސްކިތެއްގެ އިމާމެކެވެ. މޫސަލްގެ ޔުނިވަރސިޓީން އަލް ގުރައިޝީ ކިޔެވީ ފިގުހާއި އިސްލާމީ ސަރިޔަތެވެ. ހަނގުރާމަވެރިކަމާއި ހަތިޔާރާއި ގުޅޭކަންކަމުގެ ތެރެއަށް ވަދެފައިވަނީ ތަންކޮޅެއް ފަހުންނެވެ. ސައްދާމު ހުސައިންގެ ދައުރުގެ ފަހުކޮޅު އިރާގުގެ ސިފައިންގެ ތެރޭގައިވެސް އޭނާ ވަނީ އުޅެފައެވެ.
ސައްދާމުގެ ޒަމާނުގައި ސިފައިންގެ ތެރޭގައި އުޅުނު ވަރަށް ގިނަ ބަޔަކު އެމެރިކާގެ އިސްތިއުމާރާއި ދެކޮޅަށް ތެދުވެފައިވެއެވެ. އެކަން އެހެންވުމުގެ ސިއްރަކީ އެމެރިކާއިން އިރާގުގެ ސިފައިންގެ ލަޝްކަރުތައް އުވާލައި ސީނިއަރ ކޮމާންޑަރުން މުޖުރިމުންނަށް ހެދުމުންނެވެ. އިރާގުގައި ތިބި އެމެރިކާ ސިފައިންނާ ދެކޮޅު އޮޮަޕަރޭޝަންތަކުގައި އަލް ގުރައިޝީ ބައިވެރިވީ 2004 ގައެވެ. މިގޮތަށް ހަރަކާތްތެރިވަމުންދާތާ އަހަރުތަކެއްވީފަހުން މޫސަލްއާ ގާތުގައިވާ ސަރަހައްދަކުން 2008 ވަނަ އަހަރު އެމެެރިކާ ސިފައިން އަލް ގުރައިޝީ ހައްޔަރު ކުރިއެވެ. އަދި ކޭމްޕް ބުއްކާއޭ ކިޔުނު ތަނަކަށް ގެންގޮސް އެތަނުގައި ގެންގުޅެފައިވެއެވެ. މިތަނަކީ އަލްގާއިދާ އާއި އައިސިސްއަށް ނިސްބަތްވާ ހަނގުރާމަވެރިން ހައްޔަރުކޮށްގެން ގެންގުޅުމުގައި ވަރަށް މަޝްހޫރު ތަނެކެވެ. އައިސިސްގެ ލީޑަރޝިޕްގެ ގިނަ މީހުން އެކަކު އަނެކަކަށް ދަސްވެ ރަހުމަތްތެރިކަމުގެ ގުޅުން ގާއިމްވި ތަނަކީވެސް ބުއްކާ ކޭމްޕެވެ.
އެމެރިކާ ސިފައިންގެ ގައިދުން އަލް ގުރައިޝީ މިނިވަންވީ 2009 ގައެވެ. އަބޫބަކުރު އަލް ބަޣުދާދީއާ އޭނާ ރަހުމަތްތެރިވީ ވެސް އެ ކޭމްޕުގައެވެ. އަލް ގުރައިޝީއަށްވުރެ ކުރިން ބަޣުދާދީ މިނިވަންވެ އަލުން ހަނގުރާމަ ފަށާފައިވުމާއެކު އަލް ގުރައިޝީ މިނިވަންވެގެން އޭނާ ގުޅުނީ އަލް ބަޣުދާދީއާއެވެ. އައިސިސް ޖަމާއަތުން 2014 ވަނަ އަހަރު މޫސަލް ހިފައި އެރަށުގައި އިސްލާމީ ޚިލާފަތެއްގެ ނަމުގައި ވަކިވެރިކަމެއް ގާއިމުކުރުމަށް އަލް ބަޣުދާދީއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީވެސް އަލް ގުރައިޝީއެވެ. އެ ޖަމާއަތުގެ ލީޑަރޝިޕްގައި އޭނާ ކުރިއަރަމުން މައްޗަށް ޖެހެމުން އައީ ނުހަނު އަވަސްކަމާއެކުގައެވެ. އައިސިސްގެ ލީޑަރޝިޕުގެ ތެރޭގައި ޕްރޮފެސަރުގެ ނަމުންވެސް މުޚާތަބު ކުރެވޭ ވަރަށް އޭނާގެ ބާރާއި ނުފޫޒު އިތުރުވެގެން ދިޔައެވެ. އަލް ބަޣުދާދީއާ ދެކޮޅު ފިކުރުގެ އެންމެން އައިސިސްގެ ތެރެއިން ނައްތާލުމުގެ މޭސްތިރިޔަކީވެސް އޭނާއެވެ.
އިރާގުގެ އުތުރުގައި ދިރިއުޅޭ ޔަޒީދީންނާ ދެކޮޅަށް އައިސިސް ޖަމާއަތުން 2014 ވަނަ އަހަރު ހިންގި ގަތުލު އާއްމު ރާވައި ތަންފީޒު ކުރުމުގެ މޭސްތިރިއަކީވެސް އަލް ގުރައިޝީ ކަމަށް ވަނީ ހީކުރެވިފައެވެ. އެފްރިކާއާއި އޭޝިޔާގެ އެކި ތަންތަނުގައި އައިސިސްގެ ގޮފިތަކެއް އުފެއްދީވެސް އޭނާއެވެ. މިގޮތުން އަފްޣާނިސްތާނުގައި އައިސިސްގެ އޮޕަރޭޝަންތައް ފަށަައިދިނީވެސް އަލް ގުރައިޝީކަމަށް ތުހުމަތު ކުރެވިފައިވެއެވެ. އިރާގާއި ސީރިޔާގެ ބިމުން އައިސިސް ކޮންޓްރޯލް ކުރަމުންދިޔަ ސަރަހައްދުތައް އެ ޖަމާއަތަށް ގެއްލި އަސްކަރީގޮތުން ނިކަމެތިވެގެން ދިޔަ ދަނޑިވަޅުގައި 2017 ވަނަ އަހަރު އަލް ގުރައިޝީ ފިލަފިލައިގެން އުޅުނީ އިރާގާއި ސީރިޔާގެ ދުރު ހިސާބުތަކުގައެެވެ. ކާކުކަން ނޭނގޭ ގޮތަށް ދަތުރުކޮށް މީސްތަކުންނާ ބައްދަލުކޮށް ވާހަކަ ދައްކައި އައިސިސްއަށް އާރޯކަމެއް ގެނެވޭތޯ އޭނާ ދިޔައީ ވަރަށް ބޮޑަށް ހިތްވަރުކުރަމުންނެވެ.
އަލް ގުރައިޝީ މަރުވުމަކީ އައިސިސްއަށް ލިބުނު ވަރަށް ބޮޑު ނިކަމެތިކަމެކެވެ. ވަރަށް ބޮޑު ދެރައެކެވެ. އެކަމާދޭތެރޭ ޝައްކެއްވެސް ނެތެވެ. އެހެންނަމަވެސް ގަބޫލުކުރެވޭ ގޮތުން އައިސިސް ދެންވެސް ދެމިއޮންނާނެއެވެ. ސީރިޔާ އާއި އިރާގުގައި ދޭތެރެޔަކުން ހަމަލާތަކެއް ރާވައި ހިންގުމުގެ ކުޅަދާނަކަން ދެންވެސް އައިސިސްއަށް ލިބިގެންވެއެވެ. ލީޑަރޝިޕްގައި ހިމެނޭ މީހަކު ނުވަތަ މީހުންތަކެއް ދުނިޔެއިން ވަކިވެއްޖެނަމަ ދެން އެބައިބައި ފޫބައްދާނެ ގޮތުގެ އިންތިޒާމުތައް ދުރާލައި އައިސިސްގެ ތެރޭގައި ގާއިމުކުރެވިފައި އޮންނަ ކަމަށް ގަބޫލު ކުރެވެއެވެ. މިކަން 2019 ވަނަ އަހަރު އަލް ބަޣުދާދީގެ މަރާގުޅިގެންވެސް ވަނީ ފެނިގެން ގޮސްފައެވެ. ލީޑަރޝިޕްގައި ހިމެނޭ މީހުން ފަރުދާގެ ކުރިމަތިން ނުފެނި ފިކުރެއްގެ ފަހަތުގައި ކުރިއަށްދާ ޖަމާއަތެއްގެ ގޮތުގައި އައިސިސް ފެނުމުގެ ސިއްރަކީވެސް އެއީއެވެ. މިކަންކަމަށް ރިއާޔަތްކުރީމާ އައިސިސްގެ ކަންތައް އަލް ގުރައިޝީއާއެކު ނިމިގެންދާނެ ކަމަށް ލަފައެއް ނުކުރެވެއެވެ.