މާލޭ ރައްޔިތުންނަށް ގޯތި ދޭން ތިލަފުއްޓާ ޖެހިގެން އޮންނަ ކ. ގިރާވަރު ފަޅު ހިއްކުމަށް ފަހު ބުރިޖަކުން ތިލަފުއްޓާ ގުޅުވާލަން ނިންމާފައިވާ މަޝްރޫއަކީ ސަރުކާރުން ފަށާނެ މުޅިން އާ މަޝްރޫއެއް ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލާ ގުރޭޓާ މާލޭ ކަނެކްޓިވިޓީ ބުރިޖު ގޮސް ނިމޭނީ ގިރާވަރުފަޅުން ހިއްކާ ސަރަހައްދާ ކަމަށެވެ.

ރައީސް ވިދާޅުވީ، ގިރާވަޅު ފަޅު ހިއްކައިގެން މާލޭ ރައްޔިތުންނަށް 2،000 ގޯތި ދޭނެ ކަމަށާއި ހުޅުމާލެއިން 1،000 ގޯތި އަދި ގުޅިފަޅުން 2،000 ގޯތި މާލޭ ރައްޔިތުންނަށް ދޭނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން، "ވަން" އަށް މައުލޫމާތުދެއްވަމުން ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިރޭ ވިދާޅުވީ، ގިރާވަރާއި ތިލަފުުއްޓާ ދެމެދު އަޅާ ބުރިޖަކީ މުޅިން އާ މަޝްރޫއެއް ކަމަށެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ހަވާލުކުރި އިރު، ގިރާވަރާއި ތިލަފުށި ގުޅާލަން ހިމަނައިފައެއް ނުވެއެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫއު ހަވާލުކޮށްފައިވަނީ އެފްކޮންސްއާއެވެ. އެކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މިހާރު މަސައްކަތް ފަށައިގެން ކުރިއަށްގެންދާ އެ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ.