އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ ހަބަރުތަކަށް ބަލާއިރު މިދިޔަ ހަފުތާގެ ތެރޭގައި އެންމެ ގަދައަށް ދެކެވިގެން ގޮސްފައިވަނީ ބޮލީވުޑް ތަރި ރިތިކް ރޯޝަން އާ ލޯބިވެރިޔަކު ހޯދި ވާހަކައެވެ.

އަރަމުން އަންނަ ބޮލީވުޑް ބަތަލާ ސަބާ އާޒާދު އަދި ރިތިކް ރޯޝަން އެކުގައި މުމްބާއީގެ ރެސްޓޯރަންޓަކުން ނުކުންނަނިކޮށް ނަގާފައިވާ ފޮޓޯތަކެއް އާއްމުވެ މިވާހަކަތަކުގެ އަޑުތައް ވަނީ ގަދަވެގެން ގޮސްފައެވެ. މި ގުޅުމާ ބެހޭގޮތުން ރިތިކް އަދި ސަބާގެ ފަރާތުންވެސް ބަހެއް ބުނެފައިނުވާއިރު ސަބާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު އިމާދު ޝާހުވެސް އެކަމާ ގުޅިގެން ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. އިންޑިއާގެ މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދެމުން އަންނަ އީޓައިމްސްއިން މިވާހަކަތަކާ ގުޅިގެން އިމާދާ ސުވާލުކުރުމުން އޭނާވެސް ވަނީ ވާހަކަ ދައްކަން އިންކާރު ކޮށްފައެވެ.

ނަސީރުއްދީން ޝާހްގެ ފިރިހެން ދަރިފުޅު އިމާދު ޝާހު އަދި ސަބާ އާޒާދު ވަނީ މީގެކުރިން ލޯބީގެ ގޮތުން ގިނަ އަހަރުތަކެއް ވަންދެން އެކުގައި އުޅެފައެވެ. މި ދެމީހުން 2013 ވަނަ އަހަރުން ފެށިގެން އެކުގައި ދިރިއުޅުމަށްފަހު ވަކިވެފައިވަނީ 2020ވަނަ އަހަރު ކަމަށް ހަބަރުތައް ބުނެއެވެ. 2008 ވަނަ އަހަރު ފިލްމު ''ދިލް ކަބައްޑީ'' އިިން އިންޑަސްޓްރީއަށް ނުކުތް ސަބާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްސް ސީރީސް ''ފީލްސް ލައިކް އިޝްގް'' އިންނެވެ. ސަބާ އެންމެ އަވަހަށް ފެނިގެން ދާނީ ސޮނީލިވްގައި ޕްރިމިއާ ކުރަން ހަމަޖެހިފައިވާ ފިލްމު ''ރޮކެޓް ބޯއިސް'' އިންނެވެ.

ނަސީރުއްދީން ޝާހްގެ ފިލްމު ''ޔޫ ހޯތާ ތޮ ކިޔާ ހޯތާ'' އިން 2006 އަހަރު ފިލްމު އިންޑަސްޓްރީއަށް ނުކުތް އިމާދު ޝާހު އެންމެފަހުން ފެނިގެން ގޮސްފައިވަނީ މިދިޔަ އަހަރު ނުކުތް ވެބް ސީރީސް ''އަ މެރީޑް ވުމަން'' އިންނެވެ.

ރިތިކް ރޯޝަންގެ މަސައްކަތްތަކަށް ބަލާއިރު ތަމަޅަ ފިލްމު ވިކްރަމް ވޭދާ ގެ ހިންދީ ފިލްމު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ރިތިކްގެ އިިތުރުން އެފިލްމުގައި ސައިފް އަލީ ހާން އަދި ރަދިކާ އާޕްތޭ ވެސް ފެނިގެންދާނެކަމުގައި ހަބަރުތައް ބުނެއެވެ. މި ފިލްމުގެ އިތުރުންވެސް ރިތިކްގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ''ކްރިޝް4'' ''ފައިޓާ'' އަދި ''ވޯ 2'' ހިމެނެއެވެ.