މުނިފޫހިފިލުވުން

ސުނިލް ގްރޯވަރު ހިތުގެ ސާޖަރީއެއް ހަދައިފި

ބޮލީވުޑްގެ ކޮމެޑީ ތަރި ސުނިލް ގްރޯވަރު އިމަޖެންސީކޮށް ހިތުގެ ސާޖަރީއެއް ހަދައިފިއެވެ.

ހަބަރުތައް ބުނާގޮތުގައި މުމްބާއީގެ އޭޝިއަން ހާޓް އިންސްޓިޓިއުޓުން ހެދި ސާޖަރީއަށްފަހު ސުނިލް ހޮސްޕިޓަލުގައި ފަރުވާ ހޯދުމަށްފަހު މިއަދު ހޮސްޕިޓަލުން ދޫކޮށްލުމަށް ވަނީ ހަމަޖެހިފައެވެ.

ހިތުގެ މައްސަލައެއް ދިމާވެ ކުއްލިއަކަށް ސާޖަރީއަށް ގޮސްފައިވަނީ އޭނާގެ ކުރިއަށް އޮތް ވެބް ސީރީސްގެ ޝޫޓިންތައް ޕޫނޭ ގައި ނަގަމުން ދަނިކޮށެވެ. ހިތުގެ ނާރެއް ބެދި ފަރުވާ ކުރަން ޖެހޭ ކަން އެނގިހުރެވެސް ސުނިލް ވަނީ ޕޫނޭގައި ކުރިއަށް ދިޔަ ޝޫޓިންތައް ނިމެންދެން މަޑުކޮށްފައިކަމަށް ހަބަރުތައް ބުނެއެވެ.

ސުނިލް އެންމެފަހުން ފެނިގެން ގޮސްފައިވަނީ ޒީ5ގެ ވެބް ސީރީސް ''ސްނޯ ފްލާވާ'' އިންނާއި މިދިޔަ އަހަރު އެމެޒޯން ޕްރައިިމް ވީޑިއޯގައި ރިލީސް ކުރި ސައިފް އަލީ ހާންގެ ފިލްމު ''ޓަންޑަވް''އިންނެވެ. އޭގެ ކުރިން ސުނިލް ވަނީީ ސަލްމާން ހާން އާއެކު ފިލްމު ''ބާރަތު'' އިން ވެސް ފެނިގެން ގޮސްފައެވެ.

ގިނަ ފިލްމުތަކާއި ސީރީސްތައް ކުޅެމުން އަންނަ ސުނިލް އެންމެބޮޑަށް މަޝްހޫރުވެގެން ގޮސްފައިވަނީ ކަޕިލް ޝަރްމާ ޝޯ ގައި އޭނާ ކުޅެދިން ''ގުއްޓީ'' ގެ ރޯލުންނެވެ. ނަމަވެސް ކަޕިލް އާއި ސުނިލް އާ ދެމެދު ޖެހުނު މައްސަލަގަނޑަކަށް ފަހު ސުނިލް ވަނީ ކަޕިލް ޝަރްމާ ޝޯ އިން ވަކިވެގެން ގޮސްފައެވެ.

ސުނިލްގެ ހިތުގެ އޮޕަރޭޝަނާ ގުޅިގެން އިންޑަސްޓްރީގެ ގިނަ ތަރީންނާއި އާއްމުންގެ ގިނަ ބަޔަކު އަންނަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި މެސެޖުތައް ރައްދުކުރަމުންނެވެ.