ރާއްޖެއަށް ދިމާވާ ބޭރުފައިސާގެ ތާށިކަން ހައްލު ކުރުމާއި ދުނިޔޭގެ ބާޒާރުގައި ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ މިއަދު އޮތް، މި އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
އެބަޔާނުގައި ދައުލަތުގެ ރިޒާވާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ 2019 ވަނަ އަހަރުގެ ޖުލައި މަހު، ދައުލަތުގެ ރިޒާވް މެނޭޖްކުރުމަށް ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 250 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 29 ގައި ދައްކާ ނިމިފައިކަމަށާއި، މީގެ އިތުރުން ކުރީ ސަރުކާރުން ނަގާފައިވާ ދަރަނީގެ ތެރޭން މިސަރުކާރުން މިހާތަނަށް 447 މިލިއަން ޑޮލަރު ދައްކައި ނިންމާފައިވާކަމުގައެވެ.
މި ހުރިހާ ކަމަކާއެކުވެސް މިދިޔަ އަހަރު ނިމުނު އިރު ދައުލަތުގެ ރަސްމީ ރިޒާވްގެ ގޮތުގައި 791.2 މިލިއަން ޑޮލަރު އެބަހުރިކަމަށާއި ބޭރުފައިސާގެ ތާށިކަން ހައްލު ކުރުމާ ދިވެހި ރުފިޔާގެ އަގު ހިފެހެއްޓުމުގެ ފިޔަވަޅުތައް ސަރުކާރުން މިއަހަރު އަޅަންފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން ބޭރު ފައިސާގެ ބާޒާރާ ގުޅޭ ގާނޫނީ އޮނިގަނޑަށް ބަދަލު ގެނެވޭނެކަމުގައި ރައީސް ވަނީ ރިޔާސީ ބަޔާނުގައި ފާހަގަކުރައްވައިފައެވެ.
މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ދައުލަތެއް ހިނގަނީ މާލީ ލޭންދޭނުތަކާ އެކު ކަމަށާއި، މި ގޮތުން ހޯދަން ޖެހޭ އެއްޗެއް ހޯދުމާއި އަދާ ކުރަން ޖެހޭ އެއްޗެއް އަދާ ކުރުމުގައި އިގްތިސާދީ ދުޅަހެޔޮ ސިޔާސަތެއްގައި ދެމި ތިބެވޭނެ ކަމުގެ އިތުބާރު ސަރުކާރަށް އެބައޮތްކަމަށެވެ. އަދި ސަރުކާރުން އަންދާޒާ ކޮށްފައިވާ އިގްތިސާދީ އަމާޒު ހިފެހެއްޓުމަކީ ސަރުކާރުގެ އަޒުމްކަމަށާއި ކޯވިޑް-19ގެ ކުރިން އޮތް ހިސާބަށް އިގްތިސާދު އަނބުރާ ގެންދެވޭނެ ކަމުގެ "ފާހަގަ" ސަރުކާރުން ޖަހާ އަހަރަކީ 2023 ވަނަ އަހަރުކަމުގައި ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު