ތުރުކުމެނިސްތާނުގެ މި އަހަކީ އެއްފަހަރު ފެނުމުން ދެވަނަ ފަހަރަށް ބަލައިނުލައި އެއްވެސް މީހަކަށް ދޫކޮށްލެވޭ ވަރަށްވުރެ މާބޮޑަށްވެސް ރީތި އެހާމެ ޗާލު އަހެކެވެ. "އަކޯލްޓެކީ" ނަމަކަށް ކިޔާ މި އަހަކީ މިވަގުތު ދުނިޔޭގައި އެންމެ މަދު އަދި އެންމެ ރީތި އަސްތަކުގެ ތެރެއިން އެއްވަނަ އަހެވެ.

މި އަހުގެ ބަރުދަނުގައި 450 ކިލޯ، ކަނދުރާއާއި ހަމަޔަށް އިސްކޮޅުގައި ގާތްގަނޑަކަށް 1.6 މީޓަރު، ދިގު މިނުގައި ގާތްގަނޑަކަށް 1.7 މީޓަރު ހުރެއެވެ. މި އަހުގެ ވިދާ، ރަންކުލައިގެ، އެހާމެ އޮމާން އޮފްކަން ގަދަ ކެހެރީގެ ސަބަބުން މި ވައްތަރު އަހުގެ އާންމު ނަން ނުވަތަ ވަނަމަކީ ރަން އަހެވެ. އޭގެ ބުއްދިވެރިކަމާއި ހަލުވިމިނާއި ރަހުމަތްތެރި، އެހެނަސް ޝާހީ މިޒާޖަކީ ދުނިޔޭގައި ވަރަށް މަޝްހޫރު ސިފަތަކެކެވެ.

މިވަގުތު ދުނިޔޭގައި އެންމެ ގިނަ ދުވަސްވީ އަދި ވަރަށް މަދުން ނޫނީ ނުފެންނަ މި ވައްތަރުގެ އަހުގެ އަގުވެސް ބޮޑެވެ. މި ވައްތަރުގެ އަސް، 7،000 އާއި 40،000 އެމެރިކާ ޑޮލަރާ ދެމެދުގެ އަގެއްގައި ގަންނަން ލިބުމަކީ ހައިރާންވާ ވަރުގެ ކަމެއް ނޫނެވެ. ސަބަބަކީ މި އަހުގެ ހުރިހާ ކަމެއްގެ އަގުވެސް ނިސްބަތުން ބޮޑުކަމަށްވާ އިރު، މިއީ އަކޯލް ޓެކީއެއްގެ އަގު ކަމަށް ހަމަޖެހިފައި އޮތުމަކީ އެއްވެސް މައްސަލައެއް ނޫންތާއެވެ. ހަމައެހެންމެ ރަނގަޅަށް ތަމްރީނު ކޮށްފައި ޝާހީ ދުއްވުންތަކަށާއި ރޭސްތަކަށް ތަމްރީނުކޮށްފައިވާ ނަމަ، މި އަގު 100,000 އެމެރިކާ ޑޮލަރަށް މަތިވެގެންދެއެވެ.

އަކޯލް ޓެކީއަކީވެސް އެހެނިހެން ރީތި، ނުފެންނަ ވައްތަރުތަކުގެ ހާއްސަ އަސްތައް ފަދައިން ރޭސް ޖެހުމަށާއި ތަފާތު ގައުމީ ކުޅިވަރުތަކުގައި ހިމެނުމަށް އަދި ޝާހީ ދުއްވުންތަކުގައި ބޭނުންކުރުމަށް ނެރުނަސް، އާންމުކޮށް ބޭނުންކުރުމަށް ގެންގުޅޭ އަހެއް ނޫނެވެ. ދުނިޔޭގައި މިވަގުތު ތިބި މިވައްތަރުގެ އަހުގެ އަދަދު 10,000 އަށްވުރެވެސް މަދު ކަމަށް ވަނީ ލަފާކުރެވިފައެވެ.

މިއީ ތުރުުކުމެނިސްތާނުގެ ރަސްމީ ހާންދާނުން ބަލަހައްޓާ އަސްތަކެއް ކަމަށްވިޔަސް އޭގެ ވިޔަފާރި ރަޝިއާގައާއި އެމެރިކާގައި ކުރެވެއެވެ. އަދި އަހުގެ އަގު މާބޮޑަށްވެސް މި ތަންތަނުގައި މަތިވެފައި، މީގެ ވިޔަފާރި ކުރެވެނީ ވަރަށް މަދު ފަހަރެއްގައެވެ.