މާލޭ ސަރަހައްދުގައި ކޮވިޑް ހަލުވިކަމާއެކު ފެތުރެން ފެށުމުން އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް ޑައުންގްރޭޑް ކުރުމަށްފަހު ކުރިއެކޭ އެއްގޮތަށް އަންނަ ހަފުތާއިން ފެށިގެން ހިދުމަތް ދިނުމަށް ނިންމައިފިއެވެ.
އައިޖީއެމްއެޗުގެ ބައެއް ހިދުމަތްތައް ޑައުންގްރޭޑްކޮށް، ބައެއް ސާޖަރީތައް ހެދުން މެދުކަނޑާލައި ލެބޯޓަރީގެ ހިދުމަތްދޭ ވަގުތުތައް ކުރުކުރީ މިދިޔަ މަހުގެ 22 ވަނަ ދުވަހުން ފެށިގެންނެވެ.
އައިޖީއެމްއެޗުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ދުރާލާ ތާވަލުކޮށްގެން ހަދަން ނިންމާ ސާޖަރީތަކުގެ ތެރެއިން ބައެއް ސާޖަރީތައް ކުރިއެކޭ އެއްގޮތަށް ކުރިއަށް ގެންދާނެ ކަމަށާއި އިމަޖެންސީގެ ހިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއް ނެތި ލިބޭނެ ކަމަށެވެ.
އައިޖީއެމްއެޗުގެ ލެބޯޓަރީގެ ހިދުމަތް މިހާރު ދެމުން އަންނަނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރު 12:00 އަށެވެ. ނަމަވެސް މި މަހުގެ ހަވަނަ ދުވަހުގެ ފަހުން ލެބޯޓަރީގެ ހިދުމަތް މެންދުރުފަހު 2:00 އާ ހަމައަށް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ލެބޯޓަރީގެ ހިދުމަތްތަކަށް މިމަހުގެ ހަ ވަނަ ދުވަހުގެ ފަހުން ދޫކުރާނީ އޮންލައިންކޮށް 200 ނަމްބަރު އަދި ހޮސްޕިޓަލުގެ ކައުންޓަރުން 200 ނަމްބަރެވެ.
އައިޖީއެމްއެޗަކީ ރާއްޖޭގައި އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލެވެ.
ޚަބަރު
ޚަބަރު
ޚަބަރު